އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެ ފަަލަސްތީނުގެ އަސީރުން މިނިވަންކުރަން ފަސްޖެހިއްޖެ

ޓެލްއަވީވު (23 ފެބްރުއަރީ 2025) : ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ ފަލަސްތީނުގެ 620 އަސީރަކު މިނިވަން ކުރުން މުއްދަތެއް ނެތްގޮތަށް ލަސްކޮށްފިއެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިއްޔެވަނީ އިސްރާއީލުގެ ހަ އަސީރަކު މިނިވަންކޮށްފައެވެ. އޭގެބަދަލުގައި އިއްޔެ އިސްރާއީލުން ފަލަސްތީނުގެ 620 އަސީރަކު މިނިވަން ކުރަންޖެހެއެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުވަނީ ފަލަސްތީނުގެ މި 620 އަސީރުން މިނިވަން ކުރުން ލަސްކޮށްފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މި އަސީރުން މިނިވަންކުރާނެ ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތުގެ އަތްދަށުގައި އަދިވެސް އިސްރާއީލުގެ އިތުރު 63 އަސީރަކު ތިބުމުން މިއީ އިސްރާއީލުގެ އަނިޔާވެރިކަމާއި ނާތަހުޒީބާ ގޮތެއް ފޮތެއް ނެތްކަމާ ކުރިމަތިލުމަށް ހަމާސްއަށް ލިބިފައިވާ ބާރެކެވެ. އިސްރާއީލަކީ ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ނޫންކަމުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރަން ބޭނުންނަމަ އިސްރާއީލަށް ޖެހޭނީ އެއްބަސްވެފައިވާ ގޮތަށް ފަލަސްތީނުގެ އަސީރުންވެސް މިނިވަން ކުރާށެވެ. އިސްރާއީލުގެ ޓެރަރިޒަމަށް އެމެރިކާ ވާގިވެރިވި ނަމަވެސް އަދި އެމެރިކާ އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރުތައް އިސްރާއީލަށް ކިތަންމެ ވަރަކަށް ދިން ނަމަވެސް މިނޫން އިތުރު ޗޮއިސް އެއް ހަމާސްގެ ކުރިމަތީގައި އިސްރާއީލަކަށް ނޯންނާނެއެވެ. އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުން އެއާ އެއްގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ހަމާސްއިން ވަނީ އިސްރާއީލުގެ ހަތަރު އަސީރެއްގެ މަރުވެފައިވާ ހަށިތައް އިސްރާއީލާ ހަވާލުކޮށްފައެވެ. ހަމާސް ބުނާގޮތުން މި ހަތަރު އަސީރުން މަރުވެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ކަމަށްވާތީ މި ހަތަރު އަސީރުންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުގެ ނުރައްކާތެރި އަދި އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަން ހާމަކޮށްފައެވެ. ނަތަންޔާހޫ އަކީ ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ވަރަށް ނުރައްކާތެރި ގާތިލެކެވެ. ނަތަންޔާހޫ ވަނީ ޣައްޒާގެ 60 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައެވެ. އަދި އޭނާއަކީ ސިޔާސީ ބޭނުމަށް އިސްރާއީލުގެ އާންމުންވެސް މަރާ މީހެއްކަމަށް އިސްރާއީލުގެ އެތެރެއިންވެސް ތުހުމަތު ކުރެވިފައިވާ ކުށްވެރިއެކެވެ. އަނެއްކޮޅުން ނަތަންޔާހޫ އަކީ ވައްކަމާއި ކޮރަޕްޝަންގެ އެތަށް މައްސަލައެއްގައި އިސްރާއީލު ކޯޓުތަކުގައި އޭނާގެ މައްޗަށް އެތަށް ދައުވާތަކެއް އުފުލި އެދައުވާތަކަށް ޖަވާބު ދާރީ ވުމުގެ ގޮތުން އިސްރާއީލުގެ ކޯޓުތަކަށް ދަމާ މީހެކެވެ. ހަމާސް ޖަމާއަތުން އިއްޔެ މިނިވަންކުރި އިސްރާއީލުގެ ހަ އަސީރުން މިނިވަންކޮށް އެ މީހުން އިންޓެނޭޝަނަލް ރެޑް ކްރޮސް އާ ހަވާލުކުރުމަށް ޣައްޒާގައި ބޭއްވި ހަރަކާތުގައި އޭގެތެރެއިން ދެމީހަކުވަނީ ހަމާސްއިން އެ މީހުންނާމެދު މުއާމަލާތްކުރި އިންސާނީ ވަންތަކަން ހާމަކޮށް ހަމާސްގެ މުޖާހިދުންނަށް އިހުތިރާމްކުރުމުގެ ގޮތުން އެމީހުންގެ ނިއްކުރީގައި ބޮސްދީފައެވެ. މި މަންޒަރު ފެނުމުން ނަތަންޔާހޫ އާއި އޭނާގެ އަނިޔާވެރި ޓީމުގެ މެންބަރުން ވަރަށް ބޮޑަށް ރުޅިއައިކަން އިސްރާއީލުގެ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ. އިސްރާއީލުން މިނިވަންކުރާ ފަލަސްތީނުގެ އަސީރުން ތިބެނީ ކާން ނުދީ އަދި އަނިޔާކޮށް ވަރަށް ބޮޑަށް ބަލިކަށިކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ