ލޯބިވާ ބައިވެރިޔާ ގެއްލުމަކީ މުޅި ޢުމުރު އެކަމަށް ހިތާމަކުރާ ކަމެއް ކަމުގައި ނުހަދާށެވެ! ލިބުނު ގެއްލުން އެއީ މާޒީކަމަށް ދެކޭށެވެ. މުސްލިމުންނަށް އޮތީ މާޒީ ޢާއިމެދު ހިތާމަކުރުމެއް ނޫނެވެ. މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތް ކުރުމެވެ. ވީމާ ގެއްލި ދިއަ ކަންކަމަށް ވިސްނައި ހިތާމަކުރުމުގައި ޢުމުރު ދުވަސް ހޭދަނުކުރާށެވެ! ކުރިއަށްދާނެ އިތުރު މަގުތައް ހޯދަން މަސައްކަތްކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ މާއުފާވެރިގޮތްތައް މިންވަރުކުރައްވަވާނެތެވެ!
އެންމެ ލޯބިވާ މީހާގެ ލޯބި ލިބުމާއި ދަރިންގެ އަޅައިލުން ލިބުމަށް އެންމެ ބޮޑެތި ފައިސާވެރިންވެސް އެދޭނެއެވެ. އެކަންކަމަށް ބޭނުންވެސްވާނެއެވެ. އެކަންކަން ނުލިބޭނަމަ އަތުގައި ކިތަންމެ ގިނަ ފައިސާހުރިނަމަވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
ކުރިން ބުނިފަދައިން ދިރިހުރެގެންވެސް އަދި މަރުވުމުން ނަމަވެސް ލޯބިވާ ބައިވެރިޔާ އާއި ވަކިވާންޖެހިއްޖެނަމަ ﷲ ތަޢާލާ އަށް ލޯބިވުން އިތުރުކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ! އިން ޝާ ﷲ
މީސްތަކުންނަށް ލިބޭ ހިތްދަތިކަމަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު އެންމެ ގިނަ ދުވަހު ހިތާމަކުރާ ކަމަކީ އެމީހަކު ލޯބިވާ، ޙަޔާތުގެ ބައިވެރިޔާ ގެއްލިދިއުމެވެ. އެޙާލަތު ކުރިމަތިވާ ގިނަ މީހުން ބުނާ ގޮތުގައި ލޯބިވާ މައިންބަފައިންނާއި ދަރިން ގެއްލިގެން ދިއުމުން ހިތާމަކުރެވޭވަރަށްވުރެ މާބޮޑަށް އަދި މާގިނަ ދުވަހު ލޯބިވާ ބައިވެރިޔާ ގެއްލިދިއުމުން ހިތާމަކުރެވެއެވެ.
އެއްވެސް ޙާލެއްގައި އެކަން ކުށްވެރިކުރާކަށް ނެތީމެވެ. އެހެނީ ލޯބީގެ ތެރޭގައި ތަފާތު ލޯބިތައް ހިމެނެއެވެ. އެކި ލޯބީގައި ހިތަށް އަސަރުކުރަނީ އެކިމިނަވްރަށެވެ. އެންމެ ބޮޑަށް އަސަރުކުރަނީ ޖަޒުބާތީ ލޯބީގައެވެ. ލޯބިވެރިޔާ އާއިމެދު އޮންނަނީ ޖަޒުބާތީ ލޯތްބެވެ.
އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ފުރަތަމަވެސް ވިސްނައިލަންވީ ދިރިހުރެ ދެމީހުން ވަކިވާންޖެހުނު ނަމަވެސް އަދި އެކަކު މަރުވެގެން ވަކިވާންޖެހުނު ނަމަވެސް އެހިސާބުން އަދި ތިމާގެ ހުރިހާ ކަންކަން ނިމިގެންނުދާކަމެވެ. ތިމާ ދިރިހުރިނަމަ ތިމާއަށް ކޮންމެވެސް މަގުތަކެއް ދައްކަވާނެކަމެވެ. ކޮންމެވެސް ގޮތްތަކެއް އިރާދަކުރައްވަވާނެ ކަމެވެ. އަދި އެގޮތްތަކަކީ ތިމާއަށް ހިތްހަމަޖެހުން ލިބޭ މާ އުފާވެރި ގޮތްތަކަކަށްވެސް ވެދާނެ ކަމެވެ.
ދުނިޔޭގައި ހުރިހާ ކަމެއް ފުރިހަމަ ހަމަވެގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެންމެ ބޮޑެތި ފައިސާވެރިން ގިނަ ފަހަރަށް ދިރިއުޅޭނީ ބޮޑެތި މައްސަލަތަކާއިއެކުގައެވެ. ޞިއްޙީ ގޮތުން ނުވަތަ ޢާއިލީ ގޮތުން އުފާވެރިކަން ނުލިބިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިބާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކުނަމަވެސް ތިމާއަށް ނުލިބުމަކީ ލެއްވެވި ރަހްމަތެއްކަމުގަ ޔަޤީންކުރާ މީހުންނަށް ދެއްވަވާ ބަދަލު މާއުފާވެރިވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ