ކުޑަހުވަދޫ ހައުސިން މަޝްރޫއު: ގޯތިތަކުގައި ތިން ކޮޓަރީގެ ގެ އަޅައިދެނީ
ދ. ކުޑަހުވަދޫގައި ކުރިޔަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ހައުސިން މަޝްރޫއުގެ ތެރެއިން، ރައްޔިތުން ބޭނުންވާނަމަ، ގޯތިތަކުގައި ތިން ކޮޓަރީގެ ގެތަކެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުންވަނީ ކުޑަހުވަދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް މީގެ ކުރިން އިއުލާން ކޮށްފައެވެ. ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވާނަމަ، ހައުސިން މަޝްރޫއުގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި ތިން ކޮޓަރީގެ ގެތަކެއް އަޅައި، ބާކީވާ އަދަދަށް ފްލެޓު އަޅައިދެއްވިދާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް އެއީ އަމިއްލައަށް ގޯތި އިމާރާތް ކުރުމުގައި ދަތިކަން ދިމާވާ ފަރާތްތަކަށް އޮތް ލުއިފަސޭހަ ގޮތެކެވެ. "އެ މަޝްރޫއު ކުރިޔަށް ގެންދިއުމުގައި އަޅުގަނޑުގެ ވިސްނުމަކީ ކައުންސިލާއި ރައްޔިތުންނާ ގުޅިގެން، ތި ބޭފުޅުން ބޭނުންފުޅުވެލައްވާނަމަ، އެ ގޯތިތަކުގައި ގެދޮރު އެޅުމުގައި ދަތިތައް ދިމާވާނަމަ، އާމްދަނީގެ ގޮތުން ދަތިކަން ހުރުމާ އެކީގައި، މި މަޝްރޫއުގެ ތެރެއިން ތި ބޭފުޅުންގެ އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތްތައް އެކަން ފާހަގަކޮށްދިނީމާ ވަކި އަދަދެއް ކަނޑައަޅާނީ ތި ބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން..." ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ތިން ކޮޓަރީގެ ގެތަކެއް އަޅައިދެނީ، އެއީ މި ހައުސިން މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ ތަންތަން ކަމަށްވުމުންނެވެ. އަދި އެއީ ގެދޮރުވެރިކަމަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސައިޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެވަނަ ފަހަރު -- ފޮޓޯ/ ރައީސް އޮފީސް ރައީސްގެ ވާހަކަފުޅުގައިވަނީ ކުޑަހުވަދޫއަށް އިތުރު ފަރާތްތައް ހިޖުރަކޮށް، އާބާދީ ބޮޑުވާނަމަ، އިތުރު ހައުސިން މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ކުޑަހުވަދޫއަކީ އާބާދީ އެއްފަސް ކުރުމުގައި ނަމޫނާ ރަށެކެވެ. އެ ގޮތުން ދ. ވާނީ މީހުން 1975ގައި ކުޑަހުވަދޫއަށް ހިޖުރަކުރިއިރު، ފަހުން އެ އަތޮޅު ގެމެންދޫ މީހުން ވެސް ކުޑަހުވަދޫއަށް ބަދަލު ކުރިއެވެ. ބޮޑުމިނުގައި 104.2 ހެކްޓަރުގެ ކުޑަހުވަދޫއަކީ މެދުރާއްޖެ ތެރެއިން އެންމެ ކުރިއަރާފައިވާ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީ 3,132އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ