އެޕަލްގެ އައިކްލައުޑް ސެކިއުރިޓީ ފީޗާ ޔޫކޭއިން ނަގަން ނިންމައިފި

އެޕަލްގެ އައިފޯނާއި އައިޕެޑް ފަދަ ޑިވައިސްތައް ބޭނުންކުރާ މީހުންގެ ޑޭޓާތައް ރައްކާތެރިކުރުމަށް ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ އައިކްލައުޑް ސެކިއުރިޓީ ފީޗާ އިނގިރޭސިވިލާތުގައި ހުއްޓާލަން އެޕަލްއިން ނިންމައިފިއެވެ. މިއީ، ޔޫކޭ ސަރުކާރުން އެޕަލްގެ މުޅި ދުނިޔޭގެ ކަސްޓަމަރުންގެ ޑޭޓާތަކަށް ވަދެވޭނެ ގޮތެއް ހަދައިދިނުމަށް އެދުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. އެޕަލްއިން ބުނެފައިވާ ގޮތުގައި ޔޫކޭގައި އެޑްވާންސްޑް ޑޭޓާ ޕްރޮޓެކްޝަން (އޭޑީޕީ) ގެ ޚިދުމަތް ކަސްޓަމަރުންނަށް މިހާރު ނުލިބޭނެއެވެ. އެޑްވާންސްޑް ޑޭޓާ ޕްރޮޓެކްޝަނަކީ، އައިކްލައުޑްގެ ޑޭޓާ ސްޓޯރޭޖް، ޑިވައިސް ބެކަޕްތައް، ވެބް ބުކްމާކްތައް، ވޮއިސް މެމޯ، ނޯޓްތައް، ފޮޓޯތައް، ރިމައިންޑާތަކާއި މެސެޖް ބެކަޕްތަކަށް އިތުރު ސެކިއުރިޓީ ލެޔަރެއް އިތުރުކޮށްދޭ ފީޗަރެކެވެ. މި ފީޗާ ބޭނުންކޮށްގެން އައިކްލައުޑްގެ ޑޭޓާތައް އެންޑް-ޓު-އެންޑް އެންކްރިޕްޝަނާއެކު ރައްކާކުރެވެއެވެ. އަދި މި ޑޭޓާތައް ޑީކްރިޕްޓް ކުރެވޭނީ ހަމައެކަނި އެ ޑޭޓާގެ ވެރިފަރާތަށް، އެފަރާތުގެ ޑިވައިސްތަކުގައި އެކަންޏެވެ. އެޕަލްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ކުންފުނިން ވަރަށް ހިތާމަޔާއެކު ނިންމަންޖެހުނު ނިންމުމެއް ކަމަށެވެ. ސައިބާ ހަމަލާތަކާއި ކަސްޓަމަރުންގެ ޕްރައިވަސީއަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އޭޑީޕީ މެދުވެރިކޮށް ލިބޭ ރައްކާތެރިކަން ޔޫކޭގެ ކަސްޓަމަރުންނަށް ނުލިބޭތީ ހިތާމަކުރާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. މި ފީޗާ މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަމިއްލައަށް މި ފީޗާ ކަނޑާލަން ޖެހޭނެއެވެ. އެޕަލްއިން ބުނެފައިވާ ގޮތުގައި މި ފީޗާ އޮޓޮމެޓިކުން ކަނޑާލުމުގެ ބާރު އެ ކުންފުންޏަކަށް ނުލިބެއެވެ. އަދި އެ ކުންފުނީގެ އެއްވެސް ޕްރޮޑަކްޓަކަށް ނުވަތަ ސާވިސްއަކަށް ވަދެވޭނެ ބެކްޑޯއެއް ނުވަތަ މާސްޓާ ކީއެއް ނުހަދާނެ ކަމަށް ބުނެފައިވެއެވެ. ބްލޫމްބާގް ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ފީޗާ ނެގުމަކީ، ސަރުކާރުން ބެކްޑޯއެއް ހެދުމަށް ކުރި އަމުރާ ދެކޮޅަށް އެޕަލްއިން އެޅި ފިޔަވަޅެކެވެ. މިއީ ޑޭޓާ ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދުވަސްވަރު ކަމަށާއި ކުރިއަށް އޮތްތަނުގައި ޔޫކޭގެ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ފޯރުކޮށްދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އެޕަލްއިން ބުނެފައިވެއެވެ. ޔޫކޭގެ ހޯމް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ފަދަ ނޯޓިސްތަކެއް ސަރުކާރުން އެޕަލްއަށް ދީފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ނުދޭނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ