ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.އެތަނުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.އެހެންވެ އެ މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުން ދާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުންޏެވެ. އެޗްއާރްސީއެމް އިން ބުނީ މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުން ހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާ ކުރަމުން ވެސް އަންނަ ކަމަށެވެ.ޒަކިއްޔާ، 50، ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. މަރުގެ ތަހުގީގުގެ ބޭނުމަށް ހަށިގަނޑު މާލެ ގެންދިއުމަށް ފަހު އަލުން ހޮޅުދު އަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ގަ އެވެ.މި މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔެއް ނުކުރެ އެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ