ސިނާއާއި ޖޯކޮވިޗް ވެސް ފްރެންޗް އޯޕަންގެ ތިންވަނަ ބުރަށް
ރޯލަންޑް ގެރޯސް ނުވަތަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާއާއި ހަވަނައަށް ސީޑު ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ. ތިންވަނަ ބުރުން އިޓަލީވިލާތުގެ ސިނާ ޖާގަ ހޯދީ ދެވަނަ ބުރުގައި ކެރިއަރުގެ ފަހު މުބާރާތް ކުޅުނު ފަރަންސޭސިވިލާތުގެ ރިޗަޑް ގަސްކުއޭއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ތިން ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 6-3، 6-0 އަދި 6-4 އިންނެވެ. މެޗު ވީ އުމުރުން 38 އަހަރުގެ ގެސްކުއޭ ކުޅުނު ކެރިއަރުގެ ފަހު މެޗަށެވެ. އެހެންވެ، މީގެ 23 އަހަރު ކުރިން ފްރެންޗް އޯޕަންއިން ޓެނިސް ކެރިއަރު ފެށި ގަސްކުއޭއަށް މި މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ ހަނދާދީ ޓުރޮފީއެއް އަރުވާފައެވެ. މުބާރާތުގެ ތިންވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ބުރުގައި މުބާރާތުގައި ސައްބީސްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންފެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ ތިން ސެޓު އެއް ސެޓުން ބަލިކުރި ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާއާއެވެ. މެޗުގެ ސެޓުތައް ލެހެޗްކާ ކާމިޔާބުކޮށްފައިވަނީ 6-3، 3-6، 6-1 އަދި 6-2 އިންނެވެ. ތިންވަނަ ބުރުން ޖޯކޮވިޗް ޖާގަ ހޯދީ ފަރަންސޭސިވިލާތުގެ ކޮރެންޓިން މޮއުޓޭއާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އެއީ، 6-3، 6-2 އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް 7-1 އިންނެވެ. މެޗުގެ ފަހު ސެޓާ ކުރިމަތިލީއިރު ޖޯކޮވިޗްގެ ފައިތިލައިގެ ތަންކޮޅެއް ހަލާކުވެފައިވުމުގެ ސަބަބުން ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އޭނާވަނީ އެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ އޮސްޓްރިއާގެ ފިލިޕް މިސޮލިޗްއާއެވެ. މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްއާއި ނެދަލަންޑްސްގެ ޔެސްޕާ ޑި ޔޮން ބައްދަލުކުރި މެޗު ފަހަތުން އަރައި 3-6، 6-1، 6-2 އަދި 6-3 އިން ކާމިޔާބުކޮށް، ޒުވަރޭވްވެސް ވަނީ މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދައިފައެވެ. އެހެން ބައެއް ނަތީޖާތަކަށް ބަލައިލާއިރު ފަސްވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާުގެ ޖެކް ޑްރެޕާއާއި ފަރަންސޭސިވިލާތުގެ ގައެލް މޮންފީސް ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ޑްރެޕާ ކާމިޔާބު ކޮށްފައިވާއިރު ނުވަވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ ވަނީ ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކް އަތުން ތިން ސެޓު ދެ ސެޓުން ބަލިވެ، މުބާރާތުން ކަޓައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ