ކުއަލަލްމްޕޫރު، މެލޭޝިއާ (މެއި 31) - މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރުމާ މެދު ދެ ވަނަ ވިސްނުމެއްގައި ބްރޫނޯ ފެނާންޑޭސް ހުރި ކަމަށް ދޭހަވާ މޭރުމަކުން އެ ޓީމުގެ ކޯޗު، ރުބެން އަމޮރިމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީފި އެވެ.
ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ނުލިބުމުން، ދިމާވާނެ މާލީ ދަތިތަކަށް ބަލައި، އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޓްރާންސްފާ ލިސްޓުގައި ހިމެނުމާ އެކު، އެ ޓީމުގެ ކެޕްޓަން، ފެނާންޑޭސް، 30، އަށް ބޮޑު އޮފާއެއް ވަނީ ލިބިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 15 ވަނައިގައި ނިންމި ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބެން އޮތީ ޔޫރޮޕާ ލީގުގެ ފައިނަލުން މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެ، ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ނެތްއިރު، އެ ކްލަބަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެ ގޮތުން، ފެނާންޑޭސް، ވިއްކާ ކުޅުންތެރިންގެ ލިސްޓަށް ލުމާ އެކު، ފެނާންޑޭސް އަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލުން ވަނީ ބޮޑު ޑީލެއް ދީފަ އެވެ. އަންނަ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅޭ އަލް ހިލާލުން ވަނީ، ފެނާންޑޭސްގެ ސޮއި ހޯދަން، 100 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެ ގޮތުން، ހިލާލުން ފެނާންޑޭސް އަށް ދޭ ކޮންޓްރެކްޓުން ސީޒަނެއްގައި އޭނާގެ އާމްދަނީ، 50 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑްގެ އޭޝިއާ ޓުއާގައި، ފަހަތުން އަރައި، 3-1 އިން ހޮންގް ކޮންގް އަތުން މޮޅުވި މެޗަށް ފަހު، އަމޮރިމްއާ ފެނާންޑޭސްގެ މުސްތަގުބަލާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ބުނީ، ވާނެ ގޮތެއް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.
"ހަގީގަތަކީ އަހަންނަށް ފެންނަ ފެނުމުގައި އޭނަ ބޭނުންވަނީ ކްލަބްގައި މަޑުކުރަން، އޭނަ ލެވަލްގެ ކުޅުންތެރިއަކު ކުޅެން ޖެހޭނީ ވެސް އެންމެ މޮޅު ލީގުގައި. އަހަންނަށް ފެންނަ ގޮތުގައި އޭނަ ހުންނާނެ. ކްލަބުން އެބަޖެހޭ ފައިސާ ހޯދޭނެ އެހެން ގޮތްތައް ވެސް ބަލަން. އެކަމަކު، މީގެ ސީދާކޮށް ވާނެ ގޮތެއް ބުނަން ނޭނގޭ،" އަމޮރިމް ބުންޏެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، 30، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
ޔުނައިޓެޑާ އެކު ކުރިއަށްދިއުމަށް ފެނާންޑޭސް ދެ ވަނަ ވިސްނުމަކަށް؟ ޔުނައިޓެޑާ އެކު ކުރިއަށްދިއުމަށް ފެނާންޑޭސް ދެ ވަނަ ވިސްނުމަކަށް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ