މޫސުން އައްޔެއްނުވޭ، ޢީދަށް ފުރަންޖެހޭނީ ވިއްސާރައިގައި

މޫސުން އަލިނުވާ ކަމަށާއި ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ. 'ސަން'އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި، އެވްރެޖްކޮށް ވައި އުޅޭނީ 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ 9:15 އިން ފެށިގެން 15:00 އަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށިގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެ އޮފީހުން ބުނީ، އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. https://sun.mv/206601 މީގެ އިތުރުން، ފުލުހުން ވެސް ވަނީ މޫސުމަށް ސަމާލުވުމުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި، މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ބައެއް ފިޔަވަޅުތައް ވެސް ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން، ކަނޑުދަތުރު ކުރާއިރު މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތައް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ބަލައި ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ގޮތުން ފެން ނުވަންނާނެހެން ދުރާލައި ވެލިބަސްތާ ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވާއިރު ކޮންޓްރޯލް ކުރެވޭ މިންވަރެއްގައި ދުއްވުމަށް އިލްތިމާސްކޮށްފައިވާއިރު މީގެ އިތުރުން ވެސް ރައްކާތެރިވުމުގެ ގޮތުން އަޅާނޭ މުހިންމު ގިނަ ފިޔަވަޅުތަކެއް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މި އަހަރުގެ ބޮޑު ޢީދު ދުވަސް ވަނީ މި މަހުގެ ހައެއްވާ މި ހަފުތާގެ ހުކުރު ދުވަހަށެވެ. ޢީދާ ގުޅިގެން ބަންދު ވާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހަށެވެ. އަންގާރަ ދުވަހެއްގައި ސަރުކާރު ހުޅުވާތީ އެ ދުވަސްތައް ބަންދުކުރަން ގިނަ ބަޔަކު އެދުން ނަމަވެސް ޒިންމާދާރު ގޮތެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ