އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ރޭ ޕަލްމެއިރަސް އާއި އެފްސީ ޕޯޓޯ ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޕޯޓޯގެ ރޮޑްރީގޯ މޯރާ އަދި މާޓިމް ފެނާންޑެސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ޕަލްމެއިރަސް އެސްޓެވާއޯ އަދި ރިކާޑޯ ރިއޯސްގެ އިތުރުން އެޓީމުގެ މައުރީސިއޯއަށް ވެސް ވަނީ މެޗުގެ ލީޑު ހޯދުމަށް ރަނގަޅު ހުސް ފުރުސަތުތަކެއްލިބި ބޭނުންްނުކުރެވިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޕަލްމެއިރަސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށެފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ޕޯޓޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މިހާފުގައި އެޓީމުގެ ޒުވާން ފޯވާޑް އެސްޓެވާއޯ ފަރާތުނަ ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
ނަމަވެސް މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ޕޯޓޯގެ ކީޕަރު ކްލައުޑިއޯ ރާމޮސް ފޫއަޅުވާލުމަށްފަހު އެޓީމަށް ވަނީ ލަނޑެއް ކާމިޔާބުކުރެވޭގޮތަ ނުވެފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕަލްމެއިރަސްގެ އުމުރުން 18 އަހަރުގެ ފޯވާޑް އެސްޓެވާއޯ އެވެ.
މިނަތީޖާއެކު މިގުރޫޕްގެ ކޮންމެ ޓީމަކުން ވެސް އެއްމެޗު ކުޅެފައިވާއިރު، ކޮންމެ ޓީމަކަށް ވެސް އެއްޕޮއިންޓް ވަނީ ލިބިފައެވެ. އަދި މިގުރޫޕްގެ އެއްވެސް ޓީމަކަށް އަދި ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މިދެޓީމުގެ އިތުރުން މިގުރޫޕްގައި ދެން ހިމެނެނީ މިސްރުގެ އަލް އަހްލީ އާއި އެމެރިކާގެ އިންޓަ މިއާމީ އެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަހަރު ޖުމްލަ 32 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 32 ޓީމު ހަތަރު ޓީމުގެ އަށް ގުރޫޕަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބިގެންދާނެއެވެ.
ކުލަބު ވޯލްޑްކަޕް: ރާމޯސްގެ މޮޅު ސޭވްތަކާއެކު ޕޯޓޯ އިން ޕަލްމެއިރަސް މޮޅުވިޔަނުދީ ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ