ގައުމު ހަމަ މަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތް ކުރާ މީހުން އެކު ވެގެން: ފައްޔާޒު

ގައުމު ހަމަ މަގަށް އެޅުވޭނީ، އިސްލާހަށް މަސައްކަތް ކުރާ މީހުން އެކުގައި މަސައްކަތްކޮށްގެން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ -  ފައްޔާޒު މިގޮތަށް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މިއަދު ބޭއްވި ފަރިކޮޅަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރޭގެ ވަގުތެއްގައިވެސް ފައްޔާޒު އާއި ނަޝީދު ގ. ކެނެރީގޭގައި ބައްދަލު ކުރައްވާފައިވެ އެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރިޔާސީ ރޭހަށް ނަޝީދު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މިދިޔަ އަހަރު ފައްޔާޒުވެސް ވަނީ އެ ރޭހަށް ނުކުމެވަޑައިގެން ހުންނެވިކަން ހާމަ ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "ރ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒުގެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދާއި ފައްޔާޒު ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ. މިދިޔަ އެޕްރީލް މަހު ނަޝީދު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓް ގުޅުމަށް ގޮވާލައްވާފަ އެވެ. އެ  ގޮވާލުމަށް ފައްޔާޒު ވަނީ މަރުހަބާ ދަންނަވާފަ އެވެ.
ނަޝީދު 21 ޖޫން 2023ގައި އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭރުގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ. އެގޮތުން:
ސޯލިހަށް 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އޭރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމާ ގުޅިގެން
ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ދެ ބޭފުޅުން މައްސަލަ ޖެހުނު؛ ކުޑައިރުގެ ގާތް ރަހުމަތްތެރިން ހަތުރުންނަށް ވެގެން ގޮސް، ޕާޓީ ތެރޭގައި ނަޝީރުގެ ބާރު ކުޑަވެ، ސޯލިހްގެ ބާރު ގަދަވާން ފެށި
އެންމެ ފަހުން 2023ގެ އެމްޑީޕީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކޮށް، ނަޝީދުގެ މައްޗަށް ސޯލިހް ކާމިޔާބު ހޯއްދެވި؛ ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި، ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ "ވޯޓާސް ލިސްޓް ގަޑުބަޑު ކޮށްލައިގެން"
މި ކޯޅުންގަނޑުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރިޔާސީ އިންތިހާބާ ދިމާކޮށް އުފެއްދެވި؛ ނަޝީދުގެ އެ ނިންމެވުމަކީ ސޯލިހަށް ރިޔާސީ އިންތިހާބު ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު
އޭރު ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ހުންނެވީ "އެމްޑީޕީ ރޫޅާލުމަށް" ކަމަށް
ނަޝީދާއި ފައްޔާޒު އެކުގައި ބައްދަލުވުންތައް ބާއްވަމުންދާއިރު، ސޯލިހާއި ނަޝީދުގެ ގުޅުން އަދިވެސް އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި އެމްޑީޕީ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި އެމްޑީޕީ ތެރޭގައި ފެކްޝަންތައްވެސް ވަނީ އުފެދިފަ އެވެ. ރިޔާސީ ޓިކެޓް ހޯދެއްވުމަށް ސޯލިހްވެސް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރެފަ އެވެ. ނަމަވެސް އެމަނިކުފާނު އެކަން ރަސްމީކޮށް އަދި ހާމަ ކުރައްވާފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ