އިޓަލީގެ ކޯޗުކަން ގަޓޫސޯ އަށް ދީފި އިޓަލީގެ ކޯޗުކަން ގަޓޫސޯ އަށް ދީފި

މިލާން (ޖޫން 15) - އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށް އެ ޓީމަށް ކުރިން ކުޅުނު ޖެނާރޯ ގަޓޫސޯ ހަމަޖައްސާފައިވާ ކަމަށް އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ލެޖެންޑަރީ ގޯލްކީޕަރު، ޖިއަންލުއީޖީ ބުފޮން ބުނެފި އެވެ.
އިޓަލީގެ ކޯޗުގެ ވަޒީފާ ހުސްވީ، އެ މަގާމުގައި ހުރި ލޫޝިއާނޯ ސްޕަލެއްޓީ ވަކިކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީ އިން ނިންމުމުންނެވެ.
އޭގެ ފަހުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ގަޓޫސޯ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އިޓަލީ ޓީމަށް 70 އަށް ވުރެ ގިނަ މެޗު ކުޅެދީ، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ރޯލެއް ކުޅުނު ގަޓޫސޯ އެންމެ ފަހުން ހުރީ މިދިޔަ ސީޒަނުގައި، ކްރޮއޭޝިއާގެ ކްލަބް، ހަޑްޖުކް ސްޕްލިޓްގެ ކޯޗަކަށެވެ. މިދިޔަ ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލީ އެވެ.
އޭސީ މިލާން، ވެލެންސިއާ، ނަޕޯލީ އަދި މާސޭ އަށް ކޯޗުކޮށްދިން، ގަޓޫސޯ އަށް އިޓަލީން ދީފައިވަނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށްދިނުމާ އެކު، އެ މުުބާރާތުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ.
ގަޓޫސޯ އަށް ފުލް ކޮންޓްރޯލް ލިބޭ ގޮތަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ކަންކަން ބައްޓަންކުރާއިރު، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕް ކުޅުމެވެ. އެންމެ ފަހުން، ދެ ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައިވެފައިނުވެ އެވެ.
މީގެ ދެ އަހަރު ކުރިން، 2023 ވަަނަ އަހަރުގެ އޮގަސްޓް މަހު އިޓަލީއާ ހަވާލުވި ސްޕަލެއްޓީގެ ކޯޗުކަމުގައި މި ފަހަރު ވޯލްޑް ކަޕް ކޮލިފައިންގައި، ނޯވޭ އަަތުން އިޓަލީ 3-0 އިން ބަލިވުމުން، ސްޕަލެއްޓީ ވަކިކުރަން ނިންމި އެވެ. އެކަމަކު، ސްޕަލެއްޓީ ވަނީ ކޯޗުކޮށްދިން ފަހު މެޗުގައި، މޮލްޑޯވާ އަތުން އިޓަލީ 2-0 އިން މޮޅުކޮށްދީފަ އެވެ.
ސްޕަލެއްޓީގެ ކޯޗުކަމުގައި އިޓަލީން ކުޅުނު 24 މެޗުގެ ތެެރެއިން 12 މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރު އަދި ހަ މެޗުން ބަލިވި އެވެ. ރޯމާ އާއި އިންޓަ މިލާން އަދި ނަޕޯލީ އަށް ކޯޗުކޮށްދިން ސްޕަލެއްޓީ ވަކިކޮށް، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރަތަމަ ބެލީ، ރޯމާގެ ކޯޗުކަމުން ވަކިވެ، އެޑްވައިޒަރީ މަގާމަކާ ހަވާލުވި، 73 އަހަރުގެ ކްލައުޑިއޯ ރަނިއޭރީއާ ޓީމު ހަވާލުކުރާށެވެ. އެކަމަކު، ރަނިއޭރީ ވަނީ އޭނާ އަކީ އެ މަގާމަށް އެންމެ އެކަށޭނެ މީހާ ނޫން ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ