އީރާނުގެ ވެސް، ދުނިޔޭގެ ވެސް އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލަ ދީފި
އީރާނުގެ އަސަލޫޔާ ބަނދަރުގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު، އަދި ދުނިޔޭގެ ވެސް އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑަށް އިސްރާއީލުގެ ޑްރޯން ހަމަލައެއް އިއްޔެ ދީފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، އެ ޑްރޯން ހަމަލައާ ގުޅިގެން ގޭސް އުފެއްދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށެެވެ. އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑް ކަމަށްވާ، ސައުތު ޕާސް ފީލްޑުގެ ފޭސް 14ގެ ހަތަރު ޔުނިޓުގެ ތެރެއިން އެއް ޔުނިޓުގައި، އެ ހަމަލާގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެހެންވެ ފޭސް 14އިން ސާފުކުރާ، 12 މިލިއަން ކިިއުބިކް މީޓަރުގެ ގޭސް އުފެއްދުން ވަގުތީ ގޮތުން ވަނީ ހުއްޓައިލައިފައެވެ. ނަމަވެސް މިހާރު އަލިފާން ނިއްވައިލައިފައިވާ ކަމަށް އީރާނުގެ ތެލާ ބެހޭ މިނިސްޓްރީން ބުންޏެެވެ. ސައުތު ޕާސް ފީލްޑަކީ، އީރާނުގެ ބޫޝެރް ޕްރޮވިންސުގެ ދެކުނުގައި އޮންނަ، އިރާނުގެ މައި ހައިޑްރޯކާބަން އުފައްދާ ދެ ފެސިލިޓީގެ ތެރެެއިން އެއް ފީލްޑެވެ. އިސްރާއީލުގެ ޑިފެންސް ފޯސް، (އައިޑީއެފް)އިން ހަމަލަ ދެމުން އަންނަކަމުގެ ރިޕޯޓުތައް ކުރެވެމުން އަންނަ މި ދަނޑިވަޅުގައި ޕާޝިއަން ގަލްފުގެ އައްސޭރި ކައިރީ ހުންނަ އީރާނުގެ، އަބަދަން ސަރަހައްދުގައި އޮއިލް ރިފައިނަރީއަކުން ވެސް ދުން އަރައިތަން ފެނިފައިވެއެވެ. އީރާނުން އަހަރަކު 275 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފައްދައެެވެ. އެއީ ދުނިޔޭގެ ބާޒާރަށް ނެރޭ ގޭހުގެ 6.5 ޕަސެންޓެވެ. ނަމަވެސް އެ ގޭސް ބޭނުންކުރަނީ އީރާނުންނެވެ. ސަބަބަކީ އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގޭސް އެކްސްޕޯޓް ނުކުރެވޭތީއެވެ. ޕާޝިއަން ގަލްފުގެ އައްސޭރީގައި ހުންނަ ނޮދަން ފީލްޑާއި، ސައުތު ޕާސް --- އިރާނުން ގަތަރާއެކު ގޭސް ފީލްޑެއް ހިއްސާކުރެެއެވެ. އެއީ ނޮދަން ފީލްޑެވެ. ތެލާއި ހަކަތައިގެ ދާއިރާއިން ބައިނަލްއަގްވީ ބޮޑެތި ކުންފުނިތައް ކަމަށްވަ އެކްސަންއާއި، ޝެލް ކުންފުނީގެ އެހީއާއެކު އެ ފީލްޑުގެ ބޭނުންކޮށްގެން، ގަތަރުން 77 މިލިއަން ޓަނުގެ ލިކުއިޑިފައިޑް ގޭސް އުފައްދައެވެެ. އަދި އެ ގޭސް ޔޫރޮޕާއި އޭޝިއާއަށް އެކްސްޕޯޓުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ