އެޗްޑީސީގެ ތެރެއިން ގިނަ އަދަދެއްގެ ހިޔާނާތް ހިންގި ކަމަށް ތުހުމަތުކުރެވޭ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އަމިއްލަ ބޭބެއަށް ހުޅުމާލެއިން އުސޫލުން ބޭރުން ގޯއްޗެއް ދިނުމާއި އަދިވެސް އެހެން ސީރިއަސް ތުހުމަތުތަކެއް އަމާޒުވެ، މަގާމުން ސަސްޕެންޑްކޮށްފައި ހުއްޓާ އަމިއްލައަށް އިސްތިއުފާ ދެއްވި ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސް ކުރީ މިދިޔަ 24 ޑިސެމްބަރުގަ އެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ހޯދީ 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެވެ. އެ ފައިސާ އަނބުރާ ފަޒުލްއާ ހަވާލުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބުނީ ކީކޭ؟ - "އެޗްޑީސީގެ ގޯތި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފައިސާގެ ވެރިފަރާ ވަނީ ހަވާލުކޮށްފައި،" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
އެނގުން މުހިންމު - އެ 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން އޭނާގެ ކުންފުންޏަކަށް ދިން ފައިސާ ކަމަށް ބުނެ، އެއް އަތޮޅުތަކަށް ފެރީގެ ހިދުމަތް ދެމުން އަންނަ 'ރިލެކްސް ފެރީ ސާވިސް' އިން ފޭސްބުކްގައި ޕޯސްޓެއް ކުރި އެވެ. އެ ގޮތުން:
ރިލެކްސް ފެރީ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏަކާ އެކު މުއާމަލާތްކޮށް، ލޯންޗެއް އޭރު ބަދެފައިވާނެ
އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން، ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި މިދިޔަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ މަހު ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެ
ރިލެކްސް ފެރީ ސާވިސްގެ މި ޕޯސްޓް ފަޒުލް ވަނީ އޭނާގެ 'އެކްސް' އެކައުންޓުގައި ހިއްސާ ކުރައްވާފަ އެވެ.
ފަޒުލްގެ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ