ކުޑަކުދިންނާއި މާބަނޑު މީހުން ފައިބަރު މަސައްކަތްކުރާ ތަންތަނަށް ވަނުން މަނާކޮށް ގަވައިދެއް

ފައިބަރު މަސައްކަތްކުރާ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް، ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާއްމުކޮށްފިއެވެ. ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާއްމުކުރީ ޖެނުއަރީ 28، 2025ގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެ ގަވާއިދަކީ ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި މާއްދާތަކުން އާއްމުންނާއި ތިމާވެއްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެކުލަވައިލި ގަވައިދެކެވެ. އަދި ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް އެކުލަވައިލި ގަވައިދެކެވެ. މި ގަވައިދުގެ ދަށުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ކަނޑުދަތުރުފަތުރުކުރާ އުޅނަދުފަހަރު ބަންނަ ތަންތަން ގާއިމުކޮށްފައި ހުންނަންވާނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނާއި، އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުގައި ނުވަތަ ގޯތިތަކުގައި ނުވަތަ ބަނދަރުތަކުގައި ފައިބަރުގެ މަސައްކަތްކުރަންވާނީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި އެފަދަ ސަރަހައްދެއްގައި މަސައްކަތްކުރަން ވާނީ އެޗްޕީއޭގެ ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. https://x.com/HPA_MV/status/1887077874148253864 މި އުސޫލުގެ ދަށުން ފައިބަރު މަސައްކަތްކުރާ ތަންތަނުގެ ވެރިފަރާތަށް ގިނަ ޒިންމާތަކެއްމަތިކޮށްފައިވެއެވެ. އެގޮތުން ތަނުގައި އުފެދޭ ފައިބަރު ކުނޑިއާއި އެ ނޫންވެސް ތަކެތި ރައްކާތެރިކަަމާއެކު ނައްތާލުމަކީ އެ ތަނެއްގެ ވެރި ފަރާތެއްގެ ޒިންމާއެކެވެ. އަދި ފައިބަރު މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ސަފުތާހިރުވުމަށް ރައްކާތެރި ގޮތުގައި އަތްދޮވުމާއި ފާޚާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަންޖެހޭނެއެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނެ އާލާތްތަކުގެ ތެރޭގައި: ފޭސްމާސްކް ނުވަތަ ޑަސްޓް މާސްކް ގޮގުލްސް އަންގި އިއާ މަފްސް ބޮލާއި ހަށިގަނޑު އެއްކޮށް ނިވައިވާ ގޮތަށް ހުންނަ އެއްފަހަރު ބޭނުންކުރާ ހެދުން ސޭފްޓީ ޝޫޒް ފަސްޓް އެއިޑް މަސައްކަތުގެ ވަގުތުގައި ރައްކާތެރިކަމުގެ މިންގަނޑުތައް މުވައްޒަފު ހިފަހައްޓާކަން ކަށަވަރުކުރުމަކީ ތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ. ގަވައިދުގައި ބުނެފައިވާ ގޮތުގައި ތަނުގައި ރައްކާތެރިކަމުގެ ގޮތުން ހުންނަންޖެހޭ ސަލާމަތީ ފާހަގަތައް ރަނގަޅަށް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ. އެގޮތުން ހުންނަންވާނެ ބޯޑުތަކަކީ: ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑު ތަނުގައި ކައިބޮއިއުޅުން މަނާކަން އަންގައިދޭ ބޯޑު ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ގުޅާނެ ފޯނު ނަންބަރުތައް ފަޔާ އެގްޒިޓް އަންގައިދޭ ބޯޑު ކުޑަކުދިންނާއި މާބަނޑުމީހުން ވަނުން މަނާ ތަނެއްކަން އަންގައިދޭ ބޯޑު ފައިބަރުގެ މަސައްކަތްކުރާ ތަނަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށްކަން އަންގައިދޭ ބޯޑު ފައިބަރާއި ކެމިކަލް ގެންގުޅޭ ނުރައްކާތެރި ސަރަހައްދެއްކަން އަންގައިދޭ ބޯޑު މި އުސޫލާ އެއްގޮތަށް ފައިބަރު މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް އެޗްޕީއޭ ނުވަތަ އެ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން އެ ފަރާތެއްގެ މަސައްކަތަށް ހުރަސްއަޅައިފިނަމަ، 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެޖެންސީން ހުއްދަ ނުދެނީސް ފައިބަރު މަސައްކަތް ކުރާ ތަނެއް ހިންގާކަން ކަށަވަރުވެއްޖެނަމަ ވެސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ