ލެވަންޑޯސްކީގެ ލަނޑާއެކު ބާސެލޯނާ އިން އަލަވޭސް ބަލިކޮށްފި
ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެމެދުގައިވާ ތަފާތު ކުޑަކޮށްފައެވެ. ބާސާގެ ދަނޑުގައި ކުުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެންމެ ލަނޑެއް ކާމިޔާބު ކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު އެޓީމުން ތަނަވަސްކުރިއެވެ. ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ނުޖެހުމުގައި އަލަވޭސް އިން ރަނގަޅަށް ޑިފެންޑް ކުރުމުގެ އިތުރުން ބާސާއަށް ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ނުހިފުން ފާހަގަ ވެގެންދިޔައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މިމެޗުގެ ހަމައެކަނި ލަނޑު ބާސާއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 61ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮބަޓް ލެވަންޑޯސްކީއެވެ. މިމެޗުގައި މިގެއިތުރުން ލެމީން ޔަމާލްއަށް ވަނީ ބާސާގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ބާސާ މިހާރު އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި އެއްވަނައިގައި އުޅޭ ރެއާލާ ދެމެދުގައިވާ ފަރަގު މިވަނީ ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. މީގެއިތުރުން މިއީ އަލަވޭސް އާއި ބައްދަލު ކުރި 15 މެޗުގެ ތެރެއިން ބާސާ ކާމިޔާބު ހޯދި 13ވަނަ ފަހަރެވެ. އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ. މިމެޗުން ބަލިވުމުން އަލަވޭސް އުޅެނީ 21 ޕޮއިންޓާއެކު 18 ވަނައިގައެވެ. މިމުބާރާތުގައި ވެލެންސިއާ އާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވެލެންސިއާއެވެ. މިމެޗުގައި ވެލެންސިއާގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ރިއޯހާ އާއި ހާވީ ގުއޭރާއެވެ. އަދި ސެލްޓާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޕަބްލޯ ޑުރާންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ