މީޑިއާ ކޮންޓްރޯލު ގާނޫނުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލުކުރެވޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ގާނޫނަށް އަމަލުނުކުުރާނެ ކަމަށް ނޫސްވެރިން ބުނަމުން ދަނިކޮށް، ގާނޫނަށް ގޮންޖަހައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހަރުކަށި އިންޒާރެއް ރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މީޑިއާ ބިލެއް ހުށަހެޅީންސުރެ ނޫސްވެރިން ވަނީ އެ ބިލުގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްލެވޭނެ ފަދަ މާއްދާތަކެއް ހުރުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލު ރައީސް ތަސްދީގުކުރެއްވީ ވެސް މީޑިއާގެ ތަޖުރިބާކާރުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށެވެ.
އާ ގާނޫނުގައި ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިދީފައި ނުވާތީ އެ ގާނޫނަށް އަމަލުނުކުރަން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ ނިންމާފަ އެވެ. އެ ގާނޫނުގެ ދަށުން ސަރުކާރުގެ ކޮންޓްރޯލު ނެގޭ ގޮތަށް އުފައްދާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކުރުމާ އެކު، އަމިއްލަ ރެގިއުލޭޓަރީ ނިޒާމެއް ވުޖޫދުކުރަން އެމްޖޭއޭއިން ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ.
ބުނީ ކީކޭ؟ - މިކަމަށް ރައްދުދެއްވައި، ހަރުކަށި އިންޒާރަކާ އެކު، ގާނޫނު ދިފާއުކުރައްވާ ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވީ ވ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
އެ ބައްދަލުވުމުގައި އެންމެ ދިގުކޮށް ރައީސް ވާހަކަފުޅު ދެއްކެވީ ވެސް އެ މައުލޫއުގަ އެވެ. އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލު ތަސްދީގުކުރެއްވުން ދިފާއުކުރައްވާ ރައީސް ވިދާޅުވީ ބިލުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގާނޫނު ކީ އެއްވެސް ނޫސްވެރިޔަކާ ދިމައެއް ނުވެ އެވެ. ނޫސްވެރިން އުޅެނީ އެކަކު އަނެކަކު ބުނާ ވާހަކަ ގަބޫލުކޮށްލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސޯޝަލް މީޑިއާގައި ތަޅުއަޅުވަނީ ކަމަށް ބުނެ ނޫސްވެރިން ފިތުނަ ފަސާދަ އުފައްދާކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ރައީސް ވިދާޅުވީ ގާނޫނުގައި އޮތީ ސާބިތުުނުކުރެވޭނެ ވާހަކަތައް ނުލިޔެވޭނެ ކަމަށް އެކަނި ކަމަށެވެ. މިނިވަންކަން އަތުލާފައި އޮތް އެއްވެސް މާއްދާއެއް އެ ގާނޫނުގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގައުމަކު ގާނޫނުތައް މުގުރާފައި، ގާނޫނުތަކާ ހިލާފަށް ކަންކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެ ފުރުސަތެއް ނުދޭނަން. ގާނޫނުއަސާސީ ނަގަހައްޓަން އަޅުގަނޑަށް ރައްޔިތުން މަތިކުރީ. ގާނޫނުގެ ވެރިކަން މިތަނުގައި އެސްޓަބްލިޝްކުރާނަން. އެކަމުގަ އެންމެން ހަމަހަމަވާނެ،" އަޑުފުޅަށް ބާރުލައްވާ ރައީސް ވިދާޅުވި އެވެ.
"އެކަކަށް ވެސް ގޮންޖަހާފައި ގާނޫނާ ހިލާފަށް، ގާނޫނަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނަން."
ރައީސް ވިދާޅުވި ގޮތުން:
ސަރުކާރުން މަސައްކަތްކުރަނީ ތަރައްގީ ކަށަވަރުކޮށްދިނުމާ އެކު ގައުމުގައި ހަމަޖެހުން ގާއިމުކުރެވޭނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދަން
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ ބޭނުމަށް އެއްވެސް މީހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވާނެ
ސިޔާސީ ގޮތުން ބޭނުން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ. އެމީހަކަށް ފިޔަވަޅެއް ނާޅަން
ޝަރުއީ ދާއިރާ އޮތީ މިނިވަންކޮށް؛ މި ސަރުކާރުގެ މަގާމެއްގައި ހުރި އެއްވެސް މީހަކު ފަނޑިޔާރުންނަށް ގުޅައި ވަކި މީހަކާ މެދު ހުކުމެއް ކުރަން ބުނެފައެއް ނޯންނާނެ
އެކަމަކު ރާއްޖެއަކީ އިސްލާމީ އަދި ގަބޫލުކުރާ ހަމަތަކެއް ގެންގުޅޭ ގައުމަކަށް ވާތީ އެ ހަމަތައް ހިފަހައްޓަން ޖެހޭނެ
ކޮންމެ މީހަކީ އަބުރަކާއި އިއްޒަތެއް ލިބިގެންވާ މީހެއްކަން ގަބޫލުކުރަން ޖެހޭ
އަނެކާއާ ދޭތެރޭގައި ތެދު ބެލުމެއް ނެތި ދޮގު ހަދަމުން ދިއުމަކީ އެއްވެސް މީހަކަށް އޮތް އޯޕަން ލައިސެންސެއް ނޫން
"އެހެންވީމާ ސިޔާސީ ފަރާތްތަކަށް ވެސް އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްގެއް ނޫން އަނެކާއާ ބެހޭ ގޮތުން، ނޫނީ އެއްވެސް މީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމަކީ. މުސްލިމުންނަށް ވީތީ ވެސް އޮތް ހައްގެއް ނޫން. އެގޮތަކަށް އެވާހަކައެއް ނުދެއްކޭނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެކަން ގަބޫލުކުރަން ޖެހޭނެ. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ފުރިހަމަ މިނިވަންކަން އެބަ އޮތް ތެދު ބަހުން ވާހަކަދެއްކުމުގައި. ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ތަން މިނަށް ފުޅާމިނަށް މިނިވަންކަން އެބަ އޮތް. އެއްވެސް ހިފެހެއްޓުމެއް ނެތް. ހުރިހާ ކަމެއް ވެސް ރިޕޯޓުކުރަންވީ. ބޭނުން ވަރަކަށް ލިޔަންވީ. އެކަަމަކު ދޮގު ވާހަކައެއް ނުލިޔެވޭނެ. އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމައެެއް ނޫން."
ބޭނުންވަނީ އެކަކު އަނެއްކަކަށް އިހުތިރާމުކުރާ އެކުވެރި މުޖުތަމައެއް ބިނާކުރަން ކަމަށާއި އަނެއްކާވެސް ގައުމު ހަމަނުޖެހުމަކަށް ދާން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ހަދަން ޖެހޭ ގާނޫނުތައް ވެސް ހަދާނެ. އެއީކީ މީހަކަށް އޮތް ހައްގެއް އަތުލުމެއް ނޫން. މީޑިއާގައި މަސައްކަތްކުރާ މީހުންނަށް ވެސް ހައްގު އޮންނާނެ އެ ދާއިރާއިން ކުރަން ޖެހޭ މަސައްކަތްކުރުން ޒިންމާދާރުކަމާ އެކު ކުރުން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ނޫސްވެރިން މި ގާނޫނާ ދެކޮޅު ހަދަނީ ގާނޫނު ކިޔާލުމެއް ނެތި، އެކަކު އަނެކަކު ބުނާ ވާހަކަތައް އަޑުއަހައިގެން ކަމަށް ރައީސް ވިދާޅުވިއިރު، މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ގިނަ ނޫސްވެރިން ވަނީ ބިލު މަޖިލީހަށް ވެއްދީންސުރެ، އެ ބިލަށް ގެނައި އިސްލާހުތަކާ އެކު ބިލު ދިރާސާކޮށް މަޖިލީހުން ފާސްކުރުމާ ހަމަޔައަށް ވެސް ވަަރަށް ގާތުން ބިލުގެ ކަންކަން ބަލައިފަ އެވެ.
އެގޮތުން:
އެ ބިލަށް އެއް ދުވަސް ތެރޭ އިސްލާހު ހުށަހަޅައި އެ އިސްލާހުތައް ފާސްކުރިއިރު ކޮމިޓީ ބައްދަލުވުމުގައި ނޫސްވެރިން ތިިބި
އެދުވަހު ބިލަށް ގެނައި އިސްލާހުތަކުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ އެކަންބޮޑުވުން ވެސް ފާޅުކުރި
އާ އިސްލާހުތަކުގައި ހުރި ކަންބޮޑުވާ މާއްދާތައް ސަރުކާރަށް އިއްވައި ބިލު ތަސްދީގުކުރުމާ ހަމަޔަށް ވެސް އެ ބިލު ގާނޫނަކަށް ހެދުމާ ނޫސްވެރިން ދެކޮޅު ހަދަމުން ދިޔަ
ދިވެހި ނޫސްވެރިންގެ އިތުރުން، ބޭރުގެ ޖަމިއްޔާތަކުން ވެސް އެކަންބޮޑުވުންތައް ފާޅުކޮށް، ބިލު ތަސްދީގުނުކުރަން ގޮވާލާފައިވޭ
ނޫސްވެރިންނަށް ރައީސްގެ އިންޒާރެއް؛ 'ގާނޫނަށް ގޮންޖަހާފައި އެެއްވެސް ކަމެއް ކުރަން ފުރުސަތެއް ނުދޭނަން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ