ސަމިޓުގައި މެލޭޝިއާގެ ބޮޑު ވަޒީރު ގޮވާލެއްވީ އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް، ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ސަމިޓުގައި މެލޭޝިއާގެ ބޮޑު ވަޒީރު ގޮވާލެއްވީ އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް، ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް

އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފި އެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ގަތަރުގެ ދޯހާއަށް ޖަމާވެ ބޭއްވި ސަމިޓުގައި އަންވަރު ވިދާޅުވީ އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ "އެއްވެސް ސަބަބެއް ނެތި ދިން ހަމަލާއެއް" ކަމަށެވެ.
ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމުދް ފްލޯޓިލާގެ ބޯޓުތަކަށް ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭކަން ފާހަގަކުރައްވައި، އެ ބޯޓުތަކަށް ގާޒާގެ އައްސޭރިފަށާ ހަމައަށް ދެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމަށް އަންވަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ގައުމުތަކުގެ ވެރިން ސަމިޓު ބާއްވައި، އިޒްރޭލް ކުށްވެރި ކުރުން މަތީ ދެމިތިބުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.
"ކުށްވެރިކޮށްގެން ރޮކެޓުތަކެއް ނުހުއްޓުވޭނެ. ބަޔާންތައް ނެރިގެން ފަލަސްތީން މިނިވަނެއް ނުވާނެ. ހަރުދަނާ ފިޔަވަޅުތަކެއް އެޅެން އެބަ އޮތް. ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަންވީ. ހަމައެއާއެކު ވިޔަފާރީގެ ގުޅުންތައް ވެސް،" އަންވަރު ގޮވާލެއްވި އެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން އިޒްރޭލާ ދެކޮޅަށް ހަރުދަނާ މަސައްކަތެއް ކުރަން ނުކުޅެދިފައިވާ އިރު، މި ސަމިޓުގައި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވެސް، އެހެން ގިނަ ގައުމުތަކުގެ ވެރިން ފަދައިން، އިޒްރޭލް ކުށްވެރިކޮށް، ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލެއްވި އެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ ބަޔަކު ވަނީ އެ ސަމިޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގައުމުތަކުގެ ވެރިން އަމަލުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ބަޔާންތައް ނެރިގެން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ނުރުހުންފާޅުކޮށްފައި ވެ އެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި، ކުޑަކުދިން ހިމެނޭ ގޮތަށް، ފަލަސްތީނުގެ 64،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ