މާޒިޔާގެ ހުރިހާ ފޯކަސް އެއް ދެން އޮތީ ލީގު ކާމިޔާބުކުރަން މާޒިޔާގެ ހުރިހާ ފޯކަސް އެއް ދެން އޮތީ ލީގު ކާމިޔާބުކުރަން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމަށް ފަހު، ދެން ހުރިހާ ފޯކަސް އެއް އޮތީ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރަން ކަމަށް މާޒިޔާގެ ކޯޗު، ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެެވެ.
ދޮޅު އަހަރެއްހާ ދުވަސް ފަހުން، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން، ރޭ ކުޅުނު ޝީލްޑް މެޗުން މާޒިޔާ އިން ވަނީ 2-0 އިން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.
މިއީ، މާޒިޔާ އިން ޝީލްޑް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. ޝީލްޑް އެންމެ ގިނަ ފަހަރު އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އަކީ ފާއިތުވި ހަތަރު ސީޒަނުގައި ވެސް ރާއްޖޭގެ ލީގު ޗެމްޕިއަނުންނެވެ.
"ދެން، އޮތީ މި މެޗު (ޗެރިޓީ ޝީލްޑް މެޗު) އެނަލައިޒްކުރުން، ރަނގަޅަށް ދިޔައީ ކޮން ކަމެއްތޯ، ގޯސްކޮށްދިޔައީ ކޮންކަމެއްތޯ ދެނެގަތުން. ޔަގީންކަމެއް އަހަރެމެން އަބަދުވެސް ތައްޔާރުވާނީ މެޗުތަކުން މޮޅުވާން. އަހަރެމެންގެ ހުރިހާ ފޯކަސް އެއް ދެން އޮތީ ލީގުގެ އެންމެ ކުރީގައި އޮންނަން (ޗެމްޕިއަންކަން ހޯދަން)،" މާޒިޔާއާ އެކު، ޗެރިޓީ ޝީލްޑްގެ އިތުރުން މި އަހަރު މެއި މަހު ކުޅުނު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ހެނާންޑޭޒް ބުންޏެވެ.
ޝީލްޑް މެޗާ އެކު، މާޒިޔާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ރާއްޖޭގެ ފުޓްބޯޅަ އެނބުރި އައުން ކަަމަށާއި އޭގެ ސަބަބުން މުޅި ގައުމުގެ ފުޓްބޯޅަ މިހާރު އޮތް ލެވަލުން މަތީ ހަރުފަތަކަށް ގެންދަން ހުރިހާ ޓީމަކަށް އެހީތެރިވެވޭނެ ކަމަށް ހެނާންޑޭޒް ގަބޫލުކުރެ އެވެ.
ދޮޅު އަހަރު މެޗެއް ނުކުޅެ ތިބުމަށް ފަހު، އީގަލްސް އިން ރޭގެ މެޗުގައި ނުކުމެ ދެއްކި ކުޅުމަށް ހެނާންޑޭޒް ވަނީ ތައުރީފުކޮށްފަ އެވެ. އަދި، މި މެޗުގައި އީގަލްސް އިން ވެސް ރަނގަޅަށް ކުޅެން މަސައްކަތްކުރުމުން އެނގޭ ކަމަކީ، ލީގުގައި ވެސް އެ ޓީމަށް ކުރިއަށްދިއުމުގެ ފުރުސަތު އޮތްކަން ކަމުގައި ހެނާންޑޭޒް ފާހަގަކުރި އެވެ.
"ވަރަށް ޝައުގުވެރި މެޗެއް މިއީ، އަހަރެެމެންނަށް ތިން ވަނަ ގޯލެއް ޖަހައި މެޗު ނިންމާލަން ލިބުނު، އެ މީހުންނަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު. އަސްލު ހަގީގަތުގައި އަަހަރެން ހައިރާންވި (އީގަލްސް އޮތް ހާލަތަށް ބަލާއިރު) ދެއްކި ކުޅުމުން. މި މެޗުން އެނގުުނު ލީގު ރަނގަޅުވާނެކަން، ކޮންމެ ޓީމެއް ވެސް މި ގައުމުގައި މޮޅަށް ކުޅޭނެކަން. މިތަނުގެ ލެވަލް ވެސް ކުރިއަރާނެކަން،" ހެނާންޑޭޒް ބުންޏެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ލީގުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރާނީ އީގަލްސް އާއި މާޒިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ