ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލު ތަޅުމުން ފާސްކުރަން ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދިވެސް ފައިނަލް ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ އިދާރާއިން އިއުލާނުކުރީ އިއްޔެ އެވެ. އެއާއެކު ރެ އާއި މިއަދު ނޫސްވެރިން ދަނީ މީޑިއާތަކަށް މައުލޫމާތު ދޭން މަޖިލީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެޖެންޑާ އާއި ޖަލްސާ އޮންނަ ގަޑި ސާފުކުރުމަށް ސުވާލުކުރަމުންނެވެ.
ތަކުރާރުކޮށް ކުރި ސުވާލުތަކަށް މަޖިލީހުގެ މީޑިއާ ޓީމުން މިހާތަނަށް ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސާ އަހުމަދު މާން އަސްއަދު އަށް އަދަދު އިން ގުޅުމުން ވެސް ދެއްވީ ދާދި އެއް ޖަވާބެކެވެ. ޖަލްސާ ބާއްވަނީ ހެދުނު ނޫނީ މެންދުރު ފަހުތޯ އެހުމުން ވެސް މާން ވިދާޅުވީ ގަޑި ފައިނަލް ނުވާ ކަމަށެވެ.
ޖަލްސާ ބާއްވާ ގަޑިއާއި އެޖެންޑާ މަޖިލިސް މެންބަރުންނަށް ވެސް މިހާތަނަށް އަންގާފައެއް ނުވެ އެވެ. އެގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުންނަށް ލިބިފައި ނެތް ކަމަށެވެ.
"މިއީ ބާއްވާ ހޮޅުއަށި ބައްދަލުވުމެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. ނަމަވެސް އަދިވެސް މެންބަރުންނަށް ނާންގާ މަޖިލީހުގެ ޖަލްސާ ފަށާ ގަޑިއެއް، އަދި އެޖެންޑާގައި އޮތީ ކޮން ކަމެއް ކަމެއް ވެސް،" ޒިޔާދު ވިދާޅުވި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް، ބިލް ދިފާއުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރުންނެވެ.
ނޫސްވެރިންނާއި އާންމުން ކޮމިޓީ އަށް ނުވައްދައި މި ބިލް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ އަޑުއަހަން ބޭނުންވާ މީހުން ވެއްދުމަކީ މަޖިލީހުގެ ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބިލް ކޮމިޓީން ފާސްކުރީ އަޑުއަހަން ގޮސްތިބި ނޫސްވެރިންނާއި އާންމުން ކޮމިޓީއަށް ނުވައްދައި ސިއްރިޔާތުގަ އެވެ.
ކޮމިޓީން ބިލް ފާސްކުރުމުގެ ބައްދަލުވުން ބޭއްވީ ވެސް، ބިލްގެ އިސްލާހުތައް ހުށަހެޅުމަށް ބޭއްވި ކޮމިޓީ ރޫމުގައެއް ނޫނެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ބިލް ކުރިއަށް ގެންދިޔައިރު ނޫސްވެރިންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަށް ރިޔާއަތް ކުރުމެއް ނެތި ބިލް ފާސްކުރަން މަސައްކަތް ކުރާތީ، ނޫސްވެރިން އެކަމާ ދެކޮޅަށް ކޮމިޓީ ބައްދަލުވުމުގައި އިހުތިޖާޖުކުރި އެވެ.
މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދިވެސް ފައިނަލް ނުވޭ: މަޖިލިސް މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދިވެސް ފައިނަލް ނުވޭ: މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ