ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް ޤާނޫނަށް އިސްލާޙު ގެންނަނީ

ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އިސްލާޙުގެ މަޤްޞަދަކީ ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ފުރުޞަތުތައް އިތުރުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން އާންމު މީހަކު ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ރައީސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނަށް ގެންނަ އިސްލާޙާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" މި އިސްލާޙާއެކު، ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ހާލަތްތައް އިތުރުވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ