ޑޭވިސް ކަޕްގެ އޭޝިއާ/އޯޝެނިއާގެ ގްރޫޕް ޑީގައި ރާއްޖޭގެ ގައުމީ ފިރިހެން ޓެނިސް ޓީމުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ޕްލޭއޮފުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.
ޑޭވިސް ކަޕްގެ އޭޝިއާ/އޭޝެނިއާގެ ގްރޫޕް ފަހެއްގެ، ގްރޫޕް ޑީގައި ރާއްޖެއާ އެކު ހިމެނެނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މަކާއު އަދި ތަޖިކިސްތާން އެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނެނީ، އަބުދުالله ފާއިހް ފަޒީލް (ފާއީ)، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒް އެވެ. ރާއްޖޭގެ ޓާގެޓަކީ، ގުރޫޕް ފަހެއްގެ މެޗުތައް ކާމިޔާބުކޮށް ގުރޫޕު ހަތަރަކަށް ކޮލިފައިވުމެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި ނުކުތީ މަކާއުއާ ދެކޮޅަށެވެ، އެ މެޗުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ދާއޫދު ޝަހީބު އަތުން މަކާއުގެ ލޮއި ޓޯއު ޝެއޮން މޮޅުވީ 7-6، 6-0 އިންނެވެ. ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި، ރާއްޖޭގެ ފާއީ ވަނީ 6-1، 6-3 އިން މަކާއުގެ ލޮން ޝޮން ހޯ އަތުން މޮޅުވެފަ އެވެ. ދެން، ކުޅުނު ޑަބަލްސް މެޗުން ރާއްޖޭގެ ދާއޫދާއި ސާއިގެ ޕެއާ އިން ވަނީ 6-2، 6-1 އިން މަކާއުގެ ލޮއި އާއި ލޮންގެ ޕެއާ އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، ރާއްޖޭން ޔޫއޭއީގެ މައްޗަށް ކުރިހޯދީ ވެސް 2-1 އިންނެވެ. ފުރަތަމަ ސިންގަލްސްގައި، ދާާއޫދު އަތުން ޔޫއޭއީގެ އަބްދުލް ރަހުމާން އަލް ޖަނާހީ މޮޅުވީ 6-3، 6-1 އިންނެވެ. ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި، ރާއްޖޭގެ ފާއީ ވަނީ ޔޫއޭއީގެ އަހުމަދު ބަދުރީ 6-0، 6-2 އިން ބަލިކޮށްފަ އެވެ. ދެން، ކުޅުނު ޑަބަލްސް މެޗުން ރާއްޖޭގެ ފާއީ އާއި ދާއޫދުގެ ޕެއާ އިން ވަނީ 6-2، 7-6 އަދި 6-1 އިން ޔޫއޭއީގެ އަހުމަދު އަލް އަހްލީ އާއި ޖަނާހީގެ ޕެއާ އަތުން މޮޅުވެފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި، ރާއްޖޭން އިއްޔެ ތަޖިކިސްތާނާ ކުޅެ، މޮޅުވީ ވެސް 2-1 އިންނެވެ. ފުރަތަމަ ސިންގަލްސްގައި ދާއޫދު އަތުން ތަޖިކިސްތާންގެ އިސްކަންދަރު އިސްމާއިލް މޮޅުވީ 7-6، 4-6 އަދި 0-6 އިން ސެޓުތައް ގެންގޮސްގެންނެވެ. ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި ރާއްޖޭގެ ފާއިހް ވަނީ 6-3، 6-3 އިން ތަޖިކިސްތާންގެ އަހްމަދްޒޯން ކޮސީމީ އަތުން މޮޅުވެފަ އެވެ. ޑަބަލްސް މެޗުގައި، ރާއްޖޭގެ ފާއިހް އާއި ސާއި ގެ ޕެއާ އިން ވަނީ ފަހަތުން އަރައި، ތަޖިކިސްތާންގެ އިސްކަންދަރާއި ކޮސީމީގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 1-6، 6-2، 6-4 އިންނެވެ.
ޕްލޭއޮފް މެޗުގައި، ރާއްޖޭން މިއަދު ކުޅޭނީ ނޮދަން މެރިއާނާ އައިލެންޑާ ދެކޮޅަށެވެ. މެޗުން މޮޅުވެއްޖެނަމަ، ރާއްޖޭ، އޭޝިއާ/އޯޝެނިއާގެ ހަތަރު ވަނަ ގްރޫޕަށް ޕްރޮމޯޓްވާނެ އެވެ.
ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ދާދި ފަހުން ވަނީ، ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ ގްރޫޕް ތިނެއްގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރާއްޖޭން ހިމެނުނު ގްރޫޕްގައި ބަހުރޭން އާއި ވިއެޓްނާމް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލުގައި ޖޯޑަން އަތުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދި އެވެ. އެކަމަކު ފައިނަލުގައި ލާއޯސް އަތުން ބަލިވެ، ގްރޫޕް ދޭކަށް ޕްރޮމޯޓްނުވެވުނެވެ.
ޑޭވިސް ކަޕްގައި ރާއްޖޭގެ ފިރިހެން ޓެނިސް ޓީމަށް ގްރޫޕް އެއް ވަނަ ޑޭވިސް ކަޕްގައި ރާއްޖޭގެ ފިރިހެން ޓެނިސް ޓީމަށް ގްރޫޕް އެއް ވަނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ