ދިވެހިރާއްޖޭގެ ރީތި ކަމަށް ތައުރީފުކުރަމުން އަނަނިޔާ އެދުނީ ވިކާލަ ދިނުމަށް

މީގެކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވާ ބޮލީވުޑްގެ ޒުވާން, ރީތި ބަތަލާ އަނަނިޔާ ޕާންޑޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އަނަނިޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސައުތު މާލެ އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ. އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަނަނިޔާ ބުނީ، ވެލާ ތަކާއެކު ފަތާލާ، ކޯމަސް ފުމެ ނަށާލާ މަންޒަރާ އެކު ރިސޯޓުގެ ކޮޓަރީގައި އޮވެގެން މަޑިތަކުގެ ދުވެއްޔާއި އިރުއޮއްސޭ ހިތްގައިމު މަންޒަރު ބަލާލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެންވެ އެ މަންޒަރުތަކަކީ ހަގީގަތުގައި ވެސް އޭނާއަށް ކުރެވެމުންދާ ތަޖުރިބާއެއްތޯ ޔަގީންކޮށްލުމަށް ކޮންމެވެސް މީހަކު އޭނާގެ ގައިގައި ވިކާލަ ދިނުމަށް ބުނެ އިންސްޓަގްރާމް ކެޕްޝަންގައި ވަނީ 'ޕިންޗް މީ' މިގޮތަށް ލިޔެފައެވެ. އަނަނިޔާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި--ފޮޓޯ/އިންސްޓަގްރާމް އަނަނިޔާ އެންމެފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ އަހަރު އަނަނިޔާ ވަނީ ބަތަލާގެ 25 ވަނަ އުފަންދުވަސް ސޮނެވާ ޖާނީގައި ފާހަގަކޮށްފައެވެ. އަނަނިޔާ ޗުއްޓީ ހޭދަކުރަމުން އަންނަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ފިލްމު އިންޑަސްޓްރީއަށް ނުކުތީ 2019ގެ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2"އިންނެވެ. އެ ފިލްމަށްފަހު އަނަނިޔާ ފިލްމު އިންޑަސްޓްރީގައި ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން ބަތަލާ ހިމެނިފައި ވަނީ އިންޑަސްޓްރީގެ އެންމެ އުއްމީދީ ޒުވާން ފިލްމީ ތަރިންގެތެރޭގައެވެ. ދަރުމާ ޕްރޮޑަކްޝަންސްއިން މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު "ކޭސަރީ ޗެޕްޓާ 2"ގެ ބަތަލާ އަންނަނީ ދަރުމާގެ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ މިހާރު ޝޫޓިންގް ނިންމާފައިވާ "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރީ" އަދި "ޗާންދު މޭރާ ދިލް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ