އެމްޑީޕީއަށް ޝަހީމް ދެއްވި ހޫނު ރައްދާ އެކު މަޖިލީސް 'ކެކިއްޖެ'

އިދިކޮޅު އެމްޑީޕީއަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވި ހޫނު ރައްދާ އެކު ރައްޔިތުންގެ މަޖިލީސް 'ކެކިއްޖެ'އެވެ. ސުވާލުކުރަން މިނިސްޓަރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫގައި އެމްޑީޕީން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ފައިސާ ނުދޭތީ ކަމަށް ކޮންޓްރެކްޓަރު ބުނާ ކަމަށް ވިދާޅުވެފައެވެ. އެއީ ކިހިނެއް ހިނގާ ކަމެއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ. "ތިޔަ ހިއްސާކުރެއްވި މައުލޫމާތަކީ މުޅިން ހަގީގަތާ ޚިލާފު މައުލޫމާތެއް،" މިނިސްޓަރުގެ ޖަވާބު ފެއްޓެވިއެވެ. ޝަހީމް ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކާ ނޯންނާނެ ކަމަށެވެ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާނެ ކަމަށާއި މަޝްރޫއު ލަސްވަނީ 'ކެޕޭސިޓީ' ނެތް ކުންފުނިތަކާ ހަވާލުކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން މެންބަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަޑުގަދަކުރަން ފަށާފައެވެ. "އިއްޒަތްތެރި މެންބަރު އަޑުއައްސަވާ. ސުވާލުކުރައްވާފައި ޖަވާބު އަޑުއައްސަވަން ވާނެ އެނގޭތޯ،" އަޑުގަދަކުރަން ފެށުމުން ޝަހީމް އެ ކަމަށް ވެސް އިޝާރާތްކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފައިސާ ނުދީ މަސައްކަތްކުރުވާފައި ހުރި ހުރިހާ ކުންފުނިތަކަށް މި ސަރުކާރުން ފައިސާ ދީފައިވާ ކަމަށެވެ. އަދި، މިދިޔަ ސަރުކާރުގައި މިނިސްޓްރީގެ ދަށުން މަސައްކަތްކުރީ ފައިސާ ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ، މި ސަރުކާރުން މިނިސްޓްރީގެ ކުރީގެ މަޝްރޫއުތަކަށް 170 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. "ދޮގު މައުލޫމާތު ތިޔަ ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް،" މިނިސްޓަރު ރައްދުދެއްވިއެވެ. އެކަމަކު، އެ ހިސާބުން ވެސް ނާޒިލް އަޑުގަދަކުރުން ހުއްޓާނުލުމުން ރިޔާސަތުން ވަނީ އެކަން ހުއްޓުވާފައެވެ. މިއަދު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ޖަވާބު އަޑުއައްސަވަން ނާޒިލަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނާޒިލް: އޭނާ ވަނީ ނުރުހުން ފާޅުކޮށްފައި --- ފޮޓޯ/ މަޖިލީސް އެއަށް ފަހު އަލުން ޖަވާބު ކުރިއަށް ގެންދަވަމުން ޝަހީމް ވިދާޅުވީ، އޭނާ މިނިސްޓްރީއާ ހަވާލުވެވަޑައިގެންއިރު 50 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. "50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ. ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" މިނިސްޓަރު އޭނާގެ ޖަވާބު ނިންމަވާލެއްވިއެވެ. އެ ޖަވާބާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ވަނީ މަރުހަބާ ވިދާޅުވެ، އަތްޖައްސަވާފައެވެ. އެކަމަކު، އެ ހިސާބުން މުޅި މަޖިލީސް 'ކެކުނީ'އެވެ. ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއުއާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ އަޑުގަދަކުރަން ފައްޓަވާފައެވެ. އެ ހިސާބުން މުޅި މަޖިލިސް ކެކި، ޒުވާބުކުރަން ފެށިއެވެ. "އިއްޒަތްތެރި މެންބަރުން އިށީނދެވަޑައިގަންނަވާ،" މަޖިލީހުގެ ނައިބު ރައީސް، މެންބަރުން ހަމަޖައްސަވަން މަސައްކަތްކުރެއްވިއެވެ. އެކަމަކު، އޭރު ނާޒިލް ވަނީ ގޮނޑިން ތެދުވެވަޑައިގެން ޝަހީމް ހުންނެވި ތަނަށް ވަޑައިގެން ނުރުހުން ފާޅުކުރަން ފައްޓަވާފައެވެ. އަދި، އެމްޑީޕީގެ އިތުރު ބައެއް މެންބަރުން ވެސް ވަނީ ތެދުވެ ނުރުހުން ފާޅުކުރަން ފަށާފައެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް މިނިސްޓަރު ގާތަށް ވަޑައިގެން ނުރުހުން ފާޅުކުރަން ފެށިއެވެ. އެކަން ހުއްޓުވަން ވެސް ބައެއް މެންބަރުން ތެދުވެވަޑައިގެން އުޅުއްވިއެވެ. އިރުކޮޅެއް ފަހުން ގިނަ މެންބަރުން ވަނީ އެނބުރި ގޮނޑިކޮޅަށް ވަޑައިގެންފައެވެ. އެކަމަކު، މެންބަރު މައުރޫފް ކޮޅަށް އިހުތިޖާޖުގައި ހުންނެވުމުން އޭނާގެ ނަން އިއްވާ، ތަޅުމުން ވަނީ ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ