ފުލުހުން ސަފާރީތަކަކަށް އެރި މައްސަލަ ނުބަލަން ނިންމައިފި
ގާނޫނީ ހައިސިއްޔަތެއް ނެތި، ފުލުހުން ސަފާރީތަކަކަށް އަރައި، ސަފާރީތައް ސީޒްކުރުމުގެ ސަބަބުން ވިޔަފާރި ހުއްޓިފައިވާ ކަމަށް ބުނެ ފުލުހުންނާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަތަކެއް، ހުށަހަޅާފައިވަނީ ނުބައި ފޯމަކުން ކަމަށް ބުނެ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ. ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން، މިދިޔަ އަންގާރަ ދުވަހު ބޭރުކޮށްލި މި މައްސަލަތަކަކީ، މާފުށި ފްލޯޓިން ބާގެ ފަރާތުން އަހްމަދު މާހިރު ކިޔާ މީހަކު ހުށަހެޅި މައްސަލައަކާއި، މެރެންގާ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. މި ދެ މައްސަލައިގައިވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މި އަހަރުގެ ޖޫން މަހުގެ އަށް ވަނަ ދުވަހު، ފުލުހުން ސަފާރީއަށް އަރައި ސަފާރީ ސީޒްކޮށްފައިވާތީ އެ ދުވަހުން ފެށިގެން ސަފާރީގެ ވިޔަފާރި ހުއްޓިފައިވާ ކަމަށާއި ސަފާރީއަށް ލިބެމުންދިޔަ އުޖޫރު ނުލިބޭ ކަމަށެވެ. އަދި ވިޔަފާރި ހުއްޓިފައިވާތީ އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށާއި ސަފާރީ ސީޒްކޮށްފައިވާ ކުރުން، ހުއްޓުވުމަކަށް ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް މި މައްސަލައިގައި އެދިފައިވެއެވެ. މި މައްސަލައިގެ ދިފާއުގައި ފުލުހުން ނަގާފައިވަނީ މައިގަނޑު ގޮތެއްގައި އިޖުރާއީ މައްސަލަތަކެވެ. މި ގޮތުން، ސިވިލް ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދައި އަދި ދައުވާކޮށްފައިވާ ފަރާތްތަކުގެ ހައިސިއްޔަތާ މެދުގައި އަދި ދައުވާ ހުށަހަޅާފައިވާ ފޯމާމެދުވެސް ފުލުހުންގެ ފަރާތުން މި މައްސަލައިގައި ސުވާލު އުފައްދާފައިވެއެވެ. ފުލުހުންގެ ދިފާއުތަކާއި ގުޅިގެން އަދި ދައުވާކޮށްފައިވާ ތާރީހާއި، ހުށަހަޅާފައިވާ ފޯމަށް ރިއާޔަތްކޮށް، މި މައްސަލަތަކުގައި ގާޒީ މަތީން ނިންމެވީ، މައްސަލަ ކުރިއަށް ނުގެންދާށެވެ. ގާޒީ މަތީން މި މައްސަލަތައް ނިންމަވާފައިވަނީ މި ހަފްތާގައެވެ. މި މައްސަލަތައް ސިވިލް ކޯޓަށް ރަޖިސްޓްރީކޮށްފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ