ބިރުވެތިވޭތޯ މުޢްޖިޒާތްތައް ދެއްކެވުމުންވެސް ދޮގުހެދިމީހާއަށް ޖެހުނު ޙާލުގެވާހަކަ-

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ތެދެއް ހެދެން އޮތަސް ދޮގުހަދަން ފަސް ނުޖެހޭ މީހުން ވަރަށް ގިނަވެއްޖެއެވެ. މުޖުތަމަޢުތަކުގައި ބޮޑެތި މައްސަލަތައް އުފެދި ހަމަނުޖެހުންތައް އިތުރުވަނީއެވެ. ޢާއިލީ ދިރިއުޅުން ބަނގުރޫޓުވަނީއެވެ. ދެމަފިރިން ވަކިވަނީއެވެ. މިހެން ގޮސް ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން ސަލާމަތްވެވިގެން ތިބީ ކިތައް މީހުންކަން ބުނަން ނުއެނގޭ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. 
ދުނިޔޭގެ ދަހިވެތިކަން އިންތިހާއަށް ބޮޑުވުމުން އެމީހަކަށް މަންފާއެއް ލިބެން އޮތީ ދޮގުހަދައިގެންކަމަށް ޤަބޫލުކުރެވޭނަމަ ދޮގުހަދަން ފަސްޖެހޭ މީހަކު ނެތްކަމަށް ބުނެވޭޙާލަތަށް ދޮގުހެދުން މިވަނީ ޢާންމުވެފައެވެ. 
ޢިބްރަތަކަށްޓަކައި ނުގެނެސްދެނީ ބޮޑެތި މުޢްޖިޒާތްތައް ދެއްކެވުމުންވެސް ބިރެއްނެތި ދޮގުހަދަމުންދިއަ މީހެއްގެ ނިމުން ބައްދަލުކުރި ގޮތުގެ ވާހަކައެކެވެ. ހަމައެއާއެކު ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމުން ކަންކަން މެދުވެރިވާ ގޮތަށްވެސް ވިސްނައިލުން މުހިންމެވެ. ދޮގުހެދުމާއިބެހޭ ގޮތުން ވާހަކަދައްކާނަމަ މީގެ ކުރިންވެސް މިވާހަކަ ކިޔައިދެމެވެ. ކޮންމެވެސް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދި ދޮގުހެދުމާއި ދުރުހެލިވާނެ ކަމުގެ އުންމީދުގައެވެ. 
ޢީސާގެފާނު ބައަކާއިއެކު ކުރެއްވެވި ދަތުރުފުޅެއްގައި ރަށަކުން "ޕާން" ގަންނަން މީހަކާއި ހަވާލުކުރެއްވެވިއެވެ. އެފައިސާއަށް ލިބުނީ 3 ޕާނެވެ. އެމީހާ ބަނޑުހައިވެފައި ހުރިވަރުން ވަގުތުން އެއް ޕާން ކައިލިއެވެ. އަދި ގެންގޮސް ދިނީ 2 ޕާނެވެ. އަދި ދެންނެވީ ލިބުނީ 2 ޕާން ކަމަށެވެ. ޢީސާގެފާނަށް އެކަން ހިނގައިދިއަ ގޮތް އެނގިވަޑައިގަންނަވާތީ ތަކުރާރުކުރައްވައި ސުވާލު ކުރެއްވެވުމުން އޭނާ ދެމުން އައީ ހަމަ އެއް ޖަވާބެކެވެ.
ދަތުރުފުޅުމަތީގައި ފުއްލާއެއް ފިހުނު ރެއަކު ފުއްލާގެ މަސް ކައި ނިމި ކަށިތަކަށްވެފައި ހުއްޓާ ދިރިގެން ދުވެ ފިލީއެވެ. އެކަން ހިނގުމުން އެ މުޢްޖިޒާތް ދެއްކެވި މާތް ﷲ އަށް ބިރުވެތިވެ ތެދުބުނުމަށް ޢީސާގެފާނު ވިދާޅުވުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.  
ދަތުރުގައި ހުރަސްކުރަން ޖެހުނު ކޯރެއް ފެންމަތިން ހުރަސް ކުރެވޭނެ ގޮތް މާތް ﷲ މިންވަރުފުޅު ކޮށްދެއްވެވުމުންވެސް ޢީސާގެފާނު ހަމަ އެފަދައިން ސުވާލުކުރެއްވެވެވިއެވެ. ހަމަ ދިނީ އެއް ޖަވާބެކެވެ. ކޯރު ހުރަސްކުރުމަށްފަހު ފެނިވަޑައިގެންނެވި 3 ޕެބްލްސްގައި އަތްޕުޅު ލެއްވެވުމުން ރަނަށް ބަދަލުވިއެވެ. އަދި އެތަނުން އެއް ރަން ބުރި ދެއްވަވާނީ ކުރީ ދުވަހު ލިބުނު 3 ޕާނުން އެއް ޕާން ކައިލި މީހާއަށް ކަމަށް ހަމަ ވިދާޅުވުމާއިއެކު އެމީހާ ވަގުތުން އެކަމަށް އެއްބަސްވިއެވެ.  
ޢީސާގެފާނު އެމީހާއަށް 3 ބުރި ރަން ދެއްވަވާފައި ވަޑައިގަތީއެވެ. ދަތުރުފުޅު ނިންމަވާފައި އެނބުރި ވަޑައިގެންނެވި އިރު ކޯރުގެ އައްސޭރީގައި 4 މީހަކު މަރުވެފައި އޮތެވެ. އެކަކީ އެމީހަކަށް ޢީސާގެފާނު 3 ބުރި ރަން ދެއްވެވި މީހާއެވެ. ދެން މަރުވެފައި ތިބީ 3 ވަގުންނެވެ. 3 ވަގުން އެކަކު އަނެކަކަށް ރަންބުރިތައް ވެރިކޮށްލުމުގެ ދަހިވެތިކަމުގައި ލީ ޒަހަރުން 3 ވަގުންނާއި އެމީހާވެސް މަރުވެދިއައީ އެވެ. 3 ބުރި ރަން ހަމަ އޮތްތަނުގައި އޮތެވެ.  
މީސްތަކުންނޭވެ! އެމީހާ ﷲ ތައާލާގެ މުޢްޖިޒާތްތަކަށް ކުޑަވެސް ބިރެއް ނުގަތެވެ. ތެދު ނުބުނީ އެހެންވެގެންނެވެ. ނަމަވެސް ރަންބުރީގެ ދަހިވެތިކަމުގައި ތެދުހެދީއެވެ. ނަމަވެސް ނިމިގެން ދިއަ ގޮތާއިމެދު ވިސްނައިލަބަލާށެވެ! މިއީ އިސްރާއީލިއްޔާގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ވާހަކައިގެ އިބްރަތަށްޓަކައި ވަރަށް ގިނަ ޢިލްމުވެރިން މިވާހަކަ ބަޔާން ކުރައްވައެވެ. އިސްރާއީލިއްޔާގެ ވާހަކަތަކުގެ ތެރޭގައި ޢިބްރަތްތެރި ވަރަށް ގިނަ ވާހަކަތައް އެބަ ހުއްޓެވެ.
 
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ