އަތޮޅުތައް ތަމްސީލުކުރުމުގެ އިދާރީ އޮނިގަނޑު ފުނޑުފުނޑު

އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމީ އަތޮޅުތަކުގެ ހިޔާލު ވެސް ނުހޯދަ އެވެ. ސަރުކާރަށް ފެނުނީ ބޭކާރު ފަށަލައެއް ގޮތަށެވެ. ރަށު ކައުންސިލްތައް ހިންގުމަށް އޮތް ހުރަހެއް ގޮތަށް ސިފަ ވެސް ކުރި އެވެ. އެ ނިންމުމާ އެކީ، އަތޮޅެއްގެ އިދާރީ ހިންގުން ދެމިއޮތް ހަމައެކަނި މުއައްސަސާއަކީ އައްޑޫ ސިޓީ ކައުންސިލެވެ. އެ ތަނާ ކުޅެން ސަރުކާރަށް ކެރުނީ ވެސް، އަތޮޅުގެ ތިން ރަށެއްގައި ވޯޓެއް ނަގައިގެނެވެ. މައި ރަށް ހިތަދޫއާ ލިންކް ރޯޑަކުން ގުޅިފައި އޮންނަ ފޭދޫ ސިޓީން ވަކިނުވި ނަމަވެސް ދުރުގައި އޮތް ހުޅުދު އާއި މީދޫ ބޭނުންވީ ވަކިވުމަށެވެ.
އެ ނިންމުމާ އެކު މިހާރު އައްޑޫގައި ވެސް ތިން ކައުންސިލެއް އޮންނާނެ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން، ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލެވެ. ނަމަވެސް އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އިދާރީ ހިންގުމެއް ދެން ނޯންނާނެ އެވެ. އެ ހިންގުމުގެ ބާރު ލިބޭނީ މައި ސަރުކާރަށެވެ. އެއްވެސް ރަށަކަށް ލައްވާ ނުލާ ގޮތަށް ހުރި ވަސީލަތްތަކުގެ ބާރު މައި ސަރުކާރަށް ލިބުނީ އެވެ. އަތޮޅު ރަމްޒުކުރުން ނިމުމަކަށް އައީ އެވެ.
އަތޮޅު ކައުންސިލް އުވާލުމާއި، މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ފެށުމާއި އަތޮޅުގެ ވެރިރަށާއި އެހެން ރަށްރަށާ މެދު ނުތަނަވަސްކަން އުފެދޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު ވެސް 'ރާއްޖެތެރެ' ބަހުސް އަނެއްކާވެސް ގަދަވާނެއޭ އޭރު ހިތަށްއެރި އެވެ. 
"އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް އެ ރައްޔިތުންނަށް ލުއިވާނެ ގޮތަށް އަސާސީ ކަންކަން ގާއިމުކޮށްދޭން. އަބަދު މާލެއަށް ނޫނީ އަތޮޅުގެ ދުރުގައި އޮންނަ މައި ރަށަަކަށް ގޮސްގެން، އެ އަޅުދާސްތުވުން، އެ ތަހައްމަލުކުރަން ޖެހުން އެއީ އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން،" ރައީސް މުއިއްޒު އދ. މާމިގިލީގައި މިދިޔަ މަހު ކުރީކޮޅު ވިދާޅުވި އެވެ.
މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް އެ ހިނގަނީ މާލެ އާއި ރާއްޖެތެރޭގެ އެ ބަހުސެވެ. އެއް ފަރާތުގައި މި އޮތީ މާލެ ސަރަހައްދު ފިޔަވައި، ދެން އެ ވަރުގެ ތަރައްގީވެފައިވާ ސަރަހައްދެއް އޮތުމަށް މި ދެކޭ ހުވަފެނެވެ. އަނެއް ފަރާތުގައި މި އޮތީ މާލެއަށް ވެސް ލުޔެއް ލިބި، މާލޭގެ ރަށްވެހިން ވަކާލާތުކުރާ ހިތްފަސޭހަ މާހައުލަކާއި، ތަނަވަސް ބޯހިޔާވަހިކަމެއްގައި ދިރިއުޅުމުގެ ހުވަފެެނެވެ. އެ ދެ ހުވަފެން ދެކޭ ދެ ބައި މީހުންގެ އަރައިރުމުގެ ވާހަކަ އެވެ.
އެހެން ރަށަކަށް އަޅުދާސްތުނުވެ މިނިވަން ރަށެއް ގޮތަށް ހިންގަން ވެގެން، އަތޮޅު ކައުންސިލްތައް އުވާލައިގެން ހިންގަން މި އުޅޭ ނިޒާމުން ނަތީޖާތަކެއް ނުކުންނާނެ ހެއްޔެވެ؟ މާލެ ފިޔަވައި އެ ވަރުގެ 'އާބަނައިޒް ސެންޓާ'އެއް ތަރައްގީ ކުރެވޭނެ ހެއްޔެވެ؟ 
މިހާރު ލާމަރުކަޒީ ނިޒާމު އެކުލަވާލާފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މާލެ އާއި 20 އަތޮޅު ހިމެނޭ ގޮތަށް 21 އިދާރީ ދާއިރާއަކަށް ބަހާލައިގެނެވެ. އަތޮޅު ކައުންސިލްތައް އުވާލައި، އައްޑުއަށް މި ގެނައި ބަދަލަށް ފަހުގައި މި ބެހިގެން ދާނީ ޖުމްލަ 184 އިދާރީ ދާއިރާއަަކަށެވެ. 
އައްޑު އަތޮޅުގެ ސިޓީ ކައުންސިލް ބައިކުރުމުގެ ވޯޓާ ގުޅިގެން، ރާއްޖޭގެ ނޫހަކުން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފާހަގަކުރެއްވި ކަމެކެވެ. މިހާރު އައްޑޫގެ "ބާގެއިނިން ޕަވާ' ނުވަތަ ސިޔާސީ ގޮތުން ޑިމާންޑްކުރުމަށް ލިބޭ ޖާގަ ބޮޑުވަނީ މުޅި އަތޮޅު އެކީގައި އޮންނަ 'ބިޔަ ސިޓީ' ކައުންސިލްގެ ވެސް ސަބަބުންނެވެ.
އައްޑޫ ސިޓީ ކައުންސިލް ނެތުމުގެ ނަތީޖާއަކީ، އަޒާން ގަބޫލުކުރައްވާ ގޮތުގައި، ކޮންމެ ރަށަކުން ވެސް ވަކިވަކި ޑިމާންޑްތަކެއް އައުމެވެ. އަތޮޅުގެ ކޮންމެ ހިސާބެއްގައި 'ކުޑަ' އެއާޕޯޓެކެވެ. ކޮންމެ ރަށެއްގައި 'ކުޑަ' ހޮސްޕިޓަލެކެވެ. ކޮންމެ ރަށަކަށް ވަކިން 'ކުޑަކުޑަ' މަޝްރޫއުތަކެކެވެ. އެއީ އަޒާން ވިދާޅުވި ގޮތުގައި، އައްޑޫ ފިޔަވައި އެހެން އަތޮޅުތަކުން މިއަދު ފެންނަ މަންޒަރެވެ.
"އައްޑޫ ސިޓީ ރޫޅާލުމުން ޕޮލިޓިކަލީ މި ލިބޭ ބާގެއިނިން ޕަވާ އެއްކޮށް ގެއްލޭނެ. ދެން ކޮންމެ ސަރުކާރެއް އަޔަސް ވަކާލާތުކުރާނީ ވަކިވަކި ތަންތަނުން ވަކިވަކި ކަންކަމަށް. ހުޅުދޫމީދޫން ބުނާނީ އެއާޕޯޓެއް ބޭނުންވެއޭ، ފޭދޫން ބުނާނީ ވަކި ހޮސްޕިޓަލެއް ބޭނުންވެއޭ. ރާއްޖޭގެ އެހެން އަތޮޅުތަކުން ވެސް އެ ފެންނަނީ އެ މަންޒަރު،" އަޒާން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވިހެން އައްޑޫ މިވީހާ ތަނަށް ފެނުނީ ވަރުގަދަ ސަރަހައްދެއް ގޮތަށެވެ. އައްޑޫ ގަމުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، މައި ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމާއި ބަނދަރު ތަރައްގީކުރުން ފަދަ މުހިންމު ބިޔަ މަޝްރޫއުތަކެވެ. ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތައް ވެސް ހިންގީ އެކުއެކީ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށެވެ.
އެހެން އަތޮޅުތަކުގައި، ވަކިވަކި ރަށްރަށަށް ކުދި މަޝްރޫއުތަކުގެ ޑިމާންޑު ބޮޑު ސަގާފަތެއް ފެނުނު ނަމަވެސް ޒަމާނުއްސުރެން އަތޮޅުތައް ހިންގީ ވެސް އިދާރީ ގުޅުމުގެ މުހިންމުކަން އެނގިގެނެވެ. ރާއްޖޭގެ ކޮންމެ ރަށަކީ ބިމުގެ ގޮތުން ކުޑަ ރަށެކެވެ. ގިނަ  ރަށްރަށުގައި އާބާދީ ވެސް އެހާ ބޮޑެއް ނޫނެވެ. އެހެންވެ އަތޮޅެއްގެ ގޮތުގައި އޮވެ، އެއް ރަށުން ނުލިބޭ ވަސީލަތާއި ހިދުމަތް ހޯދަނީ އެ ލިބެން ހުރި އަތޮޅުގެ އެހެން ރަށަކުންނެވެ.
މި އުސޫލުން އަތޮޅުތައް ހިންގަމުން އައީ، ކޮންމެ ރަށެއް އެއީ ވަކި 'އައިޑެންޓިޓީ'އެއް ގޮތަށް ދެކިގެނެވެ. އެއީ އެންމެ އާބާދީ ކުޑަ ރަށަށް ވެސް ހިދުމަތުގެ ހައްގު އޮތް ކަމަށް ބަލައިގެނެވެ. މި ވަގުތު އަތޮޅު ކައުންސިލްގެ އެކުލެވުން ވެސް އޮތީ އެ ފަލްސަފާއާ އެއްގޮތަށެވެ. ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނާއި، މުޅި އަތޮޅުން ވޯޓުލައިގެން އިންތިހާބުކުރާ އަތޮޅު ކައުންސިލްގެ ރައީސް ހިމެނޭ ގޮތަށެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާވުމަށް ފަހުގައި، ކުރިއަށް ވުރެ ވެސް ބޮޑަށް އަތޮޅު ކައުންސިލްގެ ބޭނުން ޖެހިފައިވާ ކަމަށެވެ. ރަށްރަށުގެ ލޯކަލް ޓޫރިޒަމް މި ހިންގަނީ އަތޮޅުގެ އެހެން ވަސީލަތްތަކުގެ ވެސް ބޭނުން ހިފައިގެނެވެ. ވ. އަތޮޅު ކައުންސިލަށް ވެސް، އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހުނެވެ.
"މަސްވެރިކަމަށް ބޭނުންކުރާ ސަރަހައްދުތައް އެހެން ފަރާތްތަކުން އެ ސަރަހައްދުތަކަށް ގެއްލުން ނުވާނެ ގޮތަކަށް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ފަތުރުވެރިކަމަށް މަޝްހޫރުކޮށް އޮތް ހިތްގައިމު ސަރަހައްދުތައް ވެސް އުސޫލެއްގެ ތެރެއިން ބަލަހައްޓައި ތަރައްގީކުރަން ފެށުނު،" އެ އަތޮޅު ކައުންސިލުން އަދާކުރަމުން ދިޔަ ޒިންމާ ތަފްސީލްކޮށްދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.
ވ. އަތޮޅަކީ މީހުން އެންމެ މަދު އަތޮޅެވެ. ޝުޖާއު ވިދާޅުވި ގޮތުގައި އެ އަތޮޅަށް މިދިޔަ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދުނީ އަތޮޅު ކައުންސިލް އޮވެގެނެވެ. އެ އަތޮޅު ރަކީދު އާއި ތިނަދުއަށް ބައެއް އިދާރީ ހިދުމަތްތައް މިހާރު ވެސް ދެނީ އަތޮޅު ކައުންސިލުންނެވެ.
"މީހުން ނެތް ތަންތަނުގައި، މީހެއް ނުލިބިގެން އުޅޭ ރަށްރަށަށް ކޮންމެވެސް އިންތިޒާމެއް އޮންނަން ޖެހޭ. މިހާރު ވެސް މި އަތޮޅުގައި މި ދެންނެވިހެން ކަންކަން އޮތީ މިހެން. އަތޮޅު ކައުންސިލުން ބައެއް ރަށްރަށަށް ހިދުމަތްތައް މި ދެނީ،" ޝުޖާއު ވިދާޅުވި އެވެ.
މީހުން މަދު ނަމަވެސް އަތޮޅެއްގެ ގޮތުގައި، ލިބިފައި ހުރި ގުދުރަތީ ވަސީލަތްތަކާއި ލޯކަލް ޓޫރިޒަމާ އެކު އެ އަތޮޅުގެ އަޑު އަބަދުވެސް ގަދަކޮށް އޮތް ކަމަށް ޝުޖާއު ގަބޫލުކުރައްވަ އެވެ. ނަމަވެސް އޭގެ މައި ސަބަބަކީ އިގުތިސޯދީ ފުރުސަތުގެ އިތުރުން އަތޮޅު ކައުންސިލެވެ.
"ވ. އަތޮޅުގައި ވެސް މިހާރު މުހިންމު ވަނީ ވަކި އެއް ރަށެއް ނޫން. އެއް ރަށެއްގެ ލޯކަލް ޓޫރިޒަމް ވެސް މި ބިނާވަނީ މުޅި އަތޮޅު ޝާމިލުވެގެން، އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ހިމެނިގެން. އަތޮޅުގެ ފަޅެއްގެ ދިފާއުގައި ވެސް މިހާރު މި ނުކުމެވެނީ އަތޮޅުގެ އެންމެނާ އެކު ނުކުންނަން އަތޮޅު ކައުންސިލް އޮންނާތީވެ،" ޝުޖާއު ވިދާޅުވި އެވެ.
މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި ހަމްދޫން ހަމީދު ވެސް އެ މަގާމާ ހަވާލުވުމުގެ މާ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވި ކަމެކެވެ. ރާއްޖޭގެ ރަށްރަށް ގުދުރަތީ ގޮތުން އުފެދިފައި ހުރި ގޮތުން އެންމެ ބުއްދިވެރި ގޮތަކީ ރަށްތަކެއް ގުޅިގެން މައި މަރުކަޒުތަކެއް ތަރައްގީކުރުމެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުގައި ޕްލޭނިން މިިނިސްޓަރުކަން ކުރެއްވި ހަމްދޫން މިދިޔަ އަހަރު ދެއްވި އެ އިންޓަވިއުގައި ކިޔައިދެއްވީ މާލޭގެ ތަޖުރިބާ އެވެ. މާލެ ތޮއްޖެހުނީ ވެސް ހުރިހާ ހިދުމަތަކާއި ވަސީލަތެއް މާލެއިން ދޭން އުޅެގެނެވެ. އެެންމެ ފަހުން މާލެއަށް ވެސް ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގިރާވަރު ބޭނުންވި އެވެ. ހެންވޭރުކޮޅުގެ ބަދަލުގައި ހުޅުލޭގައި އެއާޕޯޓް އެޅިކަން އެއީ ވެސް ނަސީބެކެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކުރަން ބަލާއިރުގައި ވެސް މި ހަގީގަތް އޮތީ އެ ގޮތަށެވެ. މައުމޫނުގެ ސަރުކާރުގައި އެންމެ ފަހުން ބައެއް އަތޮޅުތަކުގައި އާބަން ހަބުތައް ތަރައްގީކުރުމަށް ވިސްނާފައިވާ ގޮތަކީ، ކައިރިކައިރީ ހުރި ރަށްތަކެއް އެއް މަރުކަޒެއް ގޮތުގައި ތަރައްގީކުރުމުގެ ސިޔާސަތެވެ.
އޭގެ ތެރެއިން ހަމްދޫން ފާހަގަކުރެއްވި ބައެއް މިސާލުތަކަކީ:
ހދ. ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި، އަދި ކުމުންދޫ. މައި ރަށަކަށް ހަނިމާދު އާއި ކުޅުދުއްފުށި
ޅ. ނައިފަރު، މަޑިވަރު، ފެލިވަރު، ގާއެރިފަޅު އަދި ހިންނަވަރު. އެއިން ފެލިވަރުގައި ވެސް މީހުން އާބާދުކުރާ ގޮތަށް
ރާއްޖޭގެ އެންމެ ބިން ބޮޑު ސަރަހައްދު؛ ލ. ގަން، މާންދޫ، ފޮނަދޫ އަދި ވަކިން އޮންނަ ގާދޫ ވެސް ހިމަނައިގެން
މުޅި އައްޑު އަތޮޅު އެއް އާބަން ރީޖަންއަކަށް
މި މިސާލުތަކުގެ އިތުރުން ހަމްދޫން އޭރު ފާހަގަކުރެއްވީ ސުނާމީގައި ރ. ކަނދޮޅުދުއަށް ލިބުނު ގެއްލުމަށް ފަހު އެ ރަށުގެ މީހުން ދުވާފަރަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަށެވެ. ދުވާފަރަކީ އުނގޫފާރާ ޖެހިގެން ދެކުނަށް އޮންނަ، ބިން ބޮޑުކުރެވޭ ވަރަށް ފަޅު ވެސް ބޮޑު ރަށެކެވެ. އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލް ފަދަ މުހިންމު އުމްރާނީ ބިނާތައް ހުރި އެ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވީ ނަމަވެސް، ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ ރަށެކެވެ.
"ސުނާމީ ކާރިސާއަށް ފަހު ކަނދޮޅުދޫ މީހުން އުޅޭނެ ރަށަކަށް ދުވާފަރު ހަމަޖެއްސީ ވެސް ދުރު މުސްތަގުބަލުގައި އާބަން، ބޮޑު ސެންޓަރަކަށް ފުރުސަތު ބޮޑުވާނެ ގޮތް ބަލާފައި. ދުވާފަރާއި އުނގޫފާރު މި އޮންނަނީ ޖެހިޖެހިގެން. ދުވާފަރުގައި އަދިވެސް ބިން ހިއްކޭނެ ޖާގަ އެބަ އޮތް. އާބަން ސެންޓަރަކަށް ވާންވީ އެ ދެ ރަށް އެކުގައި،" އޭނާ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލަކީ ރަށްރަށް ގުޅިގެން އެކުލަވާލެވޭ އިދާރީ ބޮޑު ޔުނިޓެކެވެ. މުޅި އަތޮޅުގެ ގުދުރަތީ ވަސީލަތްތަކާއި މީހުން ދިރިއުޅޭ ރަށްތައް ހިމެނުމުން އޭގެ ޒާތުގައި ވެސް "އާބަން ރީޖަން ވިތު ގްރޫޕް އޮފް އައިލެންޑްސް"ގެ ސިޔާސަތަށް އެބަ ފެތިގެންދެ އެވެ. ނަމަވެސް އަތޮޅު ކައުންސިލް އުވާލުމުން އަތޮޅުގެ ވަކާލާތު ރަސްމީކޮށް އެ ދިޔައީ އެވެ.
އަތޮޅުތައް ވަކިވަކި ރަށްތަކަށް ފޮތިފޮތިކުރުމުން، ރާއްޖެތެރެ ބަހުސް ނިމޭނެ ދުވަސް ހަގީގަތުގައި އެ ގެންދިޔައީ މާ ދުރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ