ލިސާން 39

ޝައިސްތާ ފަރުވާތެރިކަމާއެކު ރަނީމްގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލިއެވެ. ރަނީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާއަށް ވަކީން ބޮޑަށް ނާވީއާ ގާތަށް ޖެހިލެވުނީއެވެ. ނާވީވެސް ރަނީމްއާ އިތުރަށް ގާތްވެލާ އޭނާއަށް ހިމާޔަތްދިނީ ރަނީމްގެ ނުތަނަވަސްކަން ވިސްނައިގަނެވުމުންނެވެ. މިވަގުތު ރަނީމް އޭނާގެ ހިމާޔަތަށް އެދޭނެ މިންވަރުވެސް އިޙްސާސް ކޮށްލެވެއެވެ. މީގެ ކުރިން އޭނާގެ ބައްޕަވެސް ވަނީ ރަނީމްއަށް ގެއްލުން ދީފައެވެ. އެކަންތައް އަދިވެސް ރަނީމްގެ ހިތުން ނުފިލާނެކަން ގައިމެވެ. ވީއިރު އެހެން މީހަކަށް ރަނީމް އިތުބާރުކުރާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ "ނާވީ....." ރަނީމް ހުރީ އިންތިހާއަށް ނުތަނަވަސްވެފައިކަން އޭނަ ނާވީއަށް ގޮވައިލި ގޮތުން އެކަނިވެސް ނާވީއަށް ފަހުމްވިއެވެ. "ހާސްނުވޭ. އަހަރެން މިހުރީނު." ނާވީ ބުނެލިއެވެ. އޭނަ ޔަޤީންކަން ދޭން ބޭނުންވީ އޭނާ ހުއްޓާ ރަނީމްއަށް ގެއްލުމެއް ނުވާނެކަމުގައެވެ. "މަންމަ ނޫޅެން ރަނީމްއަށް ކަމެއް ކުރާކަށް." އެ ދެމީހުންނަށް ބަލަން ހުރެފައި، ޝައިސްތާ ވާހަކަ ދެއްކިއެވެ. މާހައުލަށް ވެރިވެފައިވާ ނުތަނަވަސްކަން އޭނާއަށް ވަރަށް ރަނގަޅަށް ފަހުމްވެއެވެ. ރަނީމްގެ މޫނުމަތީގައިވި ކަންބޮޑުވުމުގެ އަސަރުތައް ވެސް ފާހަގަވިއެވެ. އަދި ނާވީއާ ރަނީމްއާ ދެމެދުވާ ލޯބީގެ މިންވަރުވެސް އިޙްސާސް ކޮށްލެވިއްޖެއެވެ. ރަނީމް ނާވީއަށް އިތުބާރުކުރާ ވަރާ ނާވީ ރަނީމް ދެކެ ލޯބިވާ މިންވަރުވެސް މެއެވެ. "މަންމައަށް އެނގިއްޖެ ނާވީ ރަނީމް ދެކެ ލޯބިވާވަރު. ކޮންމެ މީހަކާ ކުރިމަތިލައިގެންވެސް ނާވީ ރަނީމް ސަލާމަތްކުރާނެކަން ވެސް އެނގިއްޖެ." ޝައިސްތާ ބުންޏެވެ. "މަންމަ ކީއްކުރަނީތޯ މިރަށުގައި؟" ނާވީ އަނެއްކާވެސް އެންމެ ފުރަތަމަ ޝައިސްތާ ފެނުމުން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. "މަންމަ މިއައީ ހަމަ އެކަނި ރަނީމް ދެކިލަން. ގެއްލުމެއް ދޭކަށް ނޫން. " ޝައިސްތާ ކުރިއަށް ޖެހިލިއެވެ. ރަނީމް އަކީ ރީތި ޒުވާން އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ފުރިހަމައެވެ. އެއްވެސް އައިބެއް ނެތެވެ. އެހެންނަމަވެސް އެއީ އިންސާނެކެވެ. ވީއިރު އެ ގުޅުމަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ އެ ގުޅުމުގެ ސަބަބުން ނާވީއަށް ގެއްލުން ލިބި ނުރައްކަލަށް އަމިއްލަ ނަފްސު ހުށައެޅުން ނޫންކަމެއް ނުވާނެއެވެ. ހަމައެއާއެކު ރަނީމްއަށް ނުރައްކަލެއް އައުމަކީވެސް ދުރުކަމެއް ނޫނެވެ. "ރަނީމް... މީ ނާވީގެ މަންމަ.... އަހަންނަށް ކިޔަނީ ޝައިސްތާ..." ޝައިސްތާ ރަނީމްއަށް ބަލައިލަމުން ބުނެލިއެވެ. އޭނަ ކުރިއަށް ޖެހިލާ އަތް ދިއްކޮށްލިއެވެ. ރަނީމްއަށް ބަލައިލެވުނީ ނާވީއަށެވެ. ނާވީ ހިނިތުންވެލުމަށްފަހު ބޯ ޖަހައިލުމުން ރަނީމްގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނު ނަމަވެސް އޭނަގެ ހިތުން ނުތަނަވަސްކަން އެކީ ފިލައިގެން ދާގޮތެއް ނުވިއެވެ. ރަނީމް ކުރިއަށް ޖެހިލާ ޝައިސްތާއަށް އޭނާގެ އަތް ދިއްކޮށްލުމުން ޝައިސްތާ އެ އަތުގައި ހިފައިލިއެވެ. އެއަށްފަހު އޭނަގެ އަނެއް އަތް ރަނީމްގެ އަތް މަތީގައި ބާއްވައިލިއެވެ. ރަނީމްގެ އަތުގައި އޮތް އުޅާ ޝައިސްތާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ކުޑަކޮށް ހައިރާންވިއެވެ. އެހެންނަމަވެސް އެ އަސަރުތައް ހިންދައިލަމުން ވަރަށް އަވަސް އަވަހަށް އޭނާ ހިނިތުންވެލިއެވެ. ނާވީއަށް ބަލައިލިއިރު ނާވީ ހުރީ އޭރުވެސް ހިނިތުންވެލައިގެންނެވެ. މަންމަ ރަނީމްއާ މެދު ކަންތައްކުރި ގޮތުން އޭނަ ހުރީ އުފާވެފައެވެ. "މަންމަ ދެން ދަނީ..." ރަނީމްއަށް ބަލައިލާ ހިނިތުންވުން ފުޅާކޮށްލަމުން ޝައިސްތާ ބުނެލިއެވެ. އެއަށްފަހު، އޭނާ ނާވީއަށް ބަލައިލިއެވެ. ދެން އަރައިގެން ދިޔަ ދަނބުލުލައިގެ އައްޔާއެކު އޭނާ ގެއްލިއްޖެއެވެ. ނާވީ އައިސް ރަނީމްއާ ކައިރިވެލާފައި ރަނީމް އޭނައާ ދިމާލަށް އަނބުރައިލިއެވެ. އެއަށްފަހު ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. "ނާވީ މަންމަ އަހަރެމެންގެ ގުޅުމާ މެދު ޤަބޫލުތަ؟" ރަނީމްގެ ހިތުގައި އުތުރުއަރައިގަތް ސުވާލު އޭނާ ނާވީއާ ކޮށްލިއެވެ. "މަންމަ އަހަންނަށް ފާރަލައިގެން އައި ނަމަވެސް، ތިއަށް ވަކި އެއްޗެއް ބުނާކަށް އަހަންނަކަށް ނޭނގެ. އެކަމަކު މަންމަ މިއަދު ރަނީމްއާ ބައްދަލުކުރުމަކީ މި ގުޅުމާ މެދު މަންމަ ވިސްނާނެކަމުގެ ލިސާނެއް. ދެން އެކަމާ އެހާ ކަންބޮޑުނުވޭ. ކޮންމެ ޙާލެއްގައިވެސް އަހަރެން ރަނީމްއާ އެކު ވާނަން." ނާވީ ރަނީމްގެ ހިތްހަމަޖައްސައިލަދޭން މަސައްކަތްކުރިއެވެ. "ނާވީގެ ބައްޕަ އަދިވެސް ހުރީ ހިތްހަމަނުޖެހިފަ ދޯ. އަހަރެން އެންމެ ބިރުގަންނަނީ ނާވީއަށް ކަމެއް ވެދާނެތީ." ރަނީމް ބުނެލިއެވެ. "ދެން އެކަމާ ނުވިސްނާ..." ނާވީ އޯގާތެރިކަމާއެކު ބުނެލިއެވެ. "އަހަރެމެން ދެމީހުން ވަކިވާން ޖެހިއްޖެއްޔާ...." ރަނީމްއަށް ބުނެވުނެވެ. "ރަނީމް. ތީ އަހަރެންގެ ލޯތްބަކީ. އަހަރެން ރަނީމް ދޫކޮށްލަން ނެތިއްޔާ އެކަކަށްވެސް ނުކެރޭނެ އަހަރެމެން ވަކިކުރާކަށް. ބައްޕައަށްވެސް. އަދި... އަދި ކާފައަށްވެސް..." ނާވީ އެހެން ބުނެލި ނަމަވެސް، އެކަމުގެ ސަބަބުން އޭނަ ކުރިމަތިލާން ޖެހޭނެ ކަންތައްތައް އަންދާޒާކޮށްލެއެވެ. ނާވީ ރަނީމްގެ އުޅާގައި އަތް ކާތާލި ވަގުތު ރަނީމްއަށް ވެސް އެ އުޅާއަށް ބަލައިލެވުނެވެ. އެ އުޅާ އޭނާގެ އަތުގައި އަޅާފައި އޮތުމުގެ މުހިންމުކަން އެންމެންގެ ފަރާތުން އެނގުނު ނަމަވެސް، ސީދާ ހަޤީޤަތް އެނގެން އޭނާ ބޭނުންވާން ފެށިއެވެ. އެ އުޅާ އަތުން ނެގުމުން ވާނެ ގޮތް ބަލައިލަން ބޭނުންވާން ފެށިއެވެ. "އަހަރެން ވަރަށް ލޯބިވޭ. އަބަދުވެސް އެދޭ އެދުމަކީ ރަނީމް ހިތްހަމަޖެހި، އުފަލުގައި ހުރުން." ނާވީ ބުންޏެވެ. "އަހަރެން ވެސް ލޯބިވޭ. އެކަމަކު ބައެއް ފަހަރު ބިރުގަނޭ. ނާވީއަށް ކަމެއް ވެދާނެތީ ޖެހިލުންވޭ..." ރަނީމް ބުންޏެވެ. "އަހަރެމެން ފަދަ ދެ ނަސްލެއްގެ މީހަކަށް ގުޅިގެން އުޅެވިދާނެތަ؟ ހިތްހަމަޖެހިގެން އުޅެވިދާނެތަ؟ އެ ދުވަހު ނާވީގެ ބައްޕަގެ ފަރާތުން ފެނުނު ރުޅިވެރިކަމުން އަހަންނަށް އެނގޭ ނާވީމެން ނަސްލުގެ މީހުން އިންސާނުންނާ ގުޅިގެން އުޅުމަކީ އެކަކުވެސް ރުހޭނެކަމެއް ނޫންކަން." "އަހަރެން ވާހަކައެއް ބުނަންތަ؟" ރަނީމްގެ ސުވާލު އަޑު އަހަން ހުރެފައި ނާވީ ބުނެލިއެވެ. އެއާއެކު ރަނީމް ބޯ ޖަހައިލިއެވެ. "އަހަރެމެންގެ ތެރޭގައިވެސް އިންސާނުންދެކެ ލޯބިވެގެން އުޅޭ މީހުން އުޅޭ. އެކަމަކު ބައެއް މީހުންނަކީ އެ އިންސާނުންގެ ފަރާތުން އެމީހުންގެ ބޭނުންތައް ހާސިލްކުރަން އެމީހުންގެ މައްޗަށް ބާރުފޯރުވާ މީހުން. އިންސާނާގެ ވިސްނުމާ ފިކުރާ ކުޅެ، އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، މޮޔަކޮށްލާ ބައެއް. އެކަމަކު އަހަރެން އެފަދަ ކަމެއް ނުކުރަން." ނާވީ ބުންޏެވެ. އޭނަ ރަނީމް ގެނެސް އަތުގެ ތެރެއަށް ލިޔެވެ. ***** "އަހަރެންވެސް ބޭނުން އަހަންނަކީ ކާކުކަން ރަނީމްއަށް އޮޅުން ފިލުވައިދޭން. އެކަމަކު..." ސަމްރާއަށް ބަލަހައްޓައިގެން އިން ރައާބިލް ބުނެލިއެވެ. "އަހަރެން ޖެހިލުންވަނީ... ރަނީމްއަށް ގެއްލުމެއް ވެދާނެތީ... އަހަރެން މި ބުނަނީ ކީކޭކަން ސަމްރާއަށް ވެސް އެނގެއެއްނު. އެ ދަރިފުޅުގެ ހިމާޔަތަކީ އޭނަގެ އަތުގައި އޮތް އުޅާ. އަހަރެން އަބަދުވެސް ބޭނުންވީ އަހަރެމެންގެ ދުނިޔެއާ ވީހާވެސް ދުރުގައި އެ ދަރިފުޅު ހުރުން. އެކަމަކު، އޭނަ ލޯބިވީވެސް އަހަރެމެންގެ ނަސްލުގެ މީހެއް ދެކެ. އެވެސް އިންޖާބުގެ ކާފަ ދަރިއަކާ. ޚުދު އަހަރެންވެސް ބޭނުމެއް ނޫން ރަނީމްއާ ނާވީ ގުޅޭކަށް. އެކަމަކު... އެކަމަކު ސަމްރާއަށް އެނގޭތަ؟ އަހަންނަށް ނާވީގެ ދެލޮލުން ފެނުނީ ލޯބި. ރަނީމްއަށްޓަކައި އޭނަ ވަނީ ބޭޤަރާރުވެފައި. އަހަރެމެންގެ ދަރިފުޅަށްޓަކައި އޭނަ ނުކުރާނެ ކަމެއް ނެތް. އޭނައަކީ ތެދުވެރިއެއް. އެއީ މަކަރުވެރިއެއް ނޫން. އަހަންނަށް އިޙްސާސްކުރެވޭ ނާވީ ރަނީމް ދެކެ ލޯބިވާ ވަރު. ނާވީއާ މެދު އަހަންނަށް ހުރެވޭ ސަބަބަކީ އެއީ..." ރައާބިލް ބުންޏެވެ. "އެކަމަކު...." ސަމްރާ އުނދަގުލުން ވާހަކަ ދެއްކިއެވެ. "އެނގޭ... އަހަންނަށް އެނގޭ ސަމްރާ ބުނަން ތިއުޅެނީ ކީކޭކަން! އަހަރެން ރަނީމް އެބައެއްގެ ކިބައިން ރައްކާތެރިކުރަން ބޭނުންވާ ބައެއްގެ ތެރެއަށް ދާން ރުހެނީ ކީއްވެހޭ؟ ނޫން. ސަމްރާ... އަހަރެން ރުހެނީ ކީ ނޫން. އަހަރެންގެ ހިތްވެސް މިވަނީ ބިރުގަތްފައި....ހަދާނެ ގޮތް ހުސްވެފައި." ރައާބިލް ބުންނެވެ. ހަޤީޤަތުގައި ވެސް ރައާބިލްއަށް އޭނަ ދާންވީ މިސްރާބެއް ނޭނގެއެވެ. އޭނަ ހީވަނީ މަގު ގެއްލިފައިވާ މުސާފިރެއް ހެންނެވެ. މިވަގުތު ނާވީ ނޫނީ އިތުބާރުކުރެވޭ އެކަކުވެސް ނެތެވެ. "އެމީހުން... އަތުވެދާނެ..." ސަމްރާއަށް ބުނެވުނެވެ. އޭނައަށް މާޒީގެ މަތީން ހަނދާންވީއެވެ. "އެމީހުން އަހަރެން ހޯދަން ދާނީ ސަމްރާމެން ރަށަށް... " އެހެން ބުނެވުމާއެކު ރައާބިލްއަށް ދެބުމަ އަރުވައިލެވުނެވެ. ސަމްރާމެން އެ ރަށަށް ދޫކޮށް މިރަށަށް ބަދަލުވީ ސަބަބު އެނގެން އޭނަ ބޭނުންވިއެވެ. ސަމްރާއާ ދަރިފުޅު ފެނުމުުން، ރައާބިލްއަށް ކުރި އަސަރަކުން އޭރު އެވާހަކަ އަހައިލަން ހަނދާނުން ކައްސައިލީއެވެ. ސަމްރާ ރައާބިލްއަށް ބަލައިލީ ފުންކޮށެވެ. އެއަށްފަހު ދިމާވި ކަންތަކަށްފަހު އޭނާގެ މައިންބަފައިން ބޭނުންވިގޮތްކަމުގައި ބުނެލީ އުނދަގުލުންނެވެ. ރައާބިލްގެ ސަމްރާގެ ބޮލުގައި ފިރުމައިލިއެވެ. "އަހަރެން ބޭނުން ސަމްރާއަށް އެހީވާން. ސަމްރާ ރަނގަޅުކުރަން ބޭނުން. މިއަދު ސަމްރާ އޮތް ޙާލަތުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން..." ރައާބިލް ބުންޏެވެ. ސަމްރާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަގެ ދެލެލޮލުން ކަރުނަ ނީރައިލިއެވެ. ރައާބިލް ލޯތްބާއެކު އެކަރުނަތައް ފުހެލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ނުރޯށޭ ބުނާ ފަދައަކުންނެވެ. ***** ޝައިސްތާ ގަނޑުވަރަށް ވަތްއިރު، އިންޖާބާ ބަތީލާއާ ދެމީހުން ބޮޑުކޮޓަރީގައި ތިއްބެވެ. އޭނަ ފެނުމާއެކު ސުވާލުގެ ނަޒަރަކުން ބަތީލާއާ އިންޖާބު އޭނައާ ދިމާލަށް ބަލައިލިއެވެ. ޝައިސްތާއަކީ އެ ގަޑީގައި ގަނޑުވަރުން އާއްމުގޮތެއްގައި ބޭރަށް ގޮސް އުޅޭ މީހެއް ނޫނެވެ. އިންޖާބު އެ ސުވާލުކޮށްލުމާއެކު، ޝައިސްތާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. "ޝައިސްތާއާ އަޅުގަނޑާ ދެމީހުން މިތާ ކައިރިއަށް ނުކުމެލީ..." ފަހަތުން އިވުނު ނަމީރުގެ އަޑާއެކު ޝައިސްތާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. "އަޅުގަނޑު ހާސްވެގެން އުޅޭތީ ޝައިސްތާ ވެސް އަޅުގަނޑާ އެކު ނުކުމެލީ..." ނަމީރު އިތުރަށް އޮޅުން ފިލުވައިދިނެވެ. "ކޮބާ ނާވީ؟" އިންޖާބުގެ ދެވަނަ ސުވާލެއް ވެސް އަމާޒުވިއެވެ. "ނާވީ..... ބައްޕައަށް އެނގިލައްލައެއް ނޫންތޯ ނާވީ އުޅޭ ގޮތް. ގަނޑުވަރުގައި އޭނަ މަޑުކުރާނީ ހާލަކުން ފަހަރަކު. އަބަދުވެސް ބޭނުންވަނީ މިނިވަންކަމާއެކު ދަތުރުކޮށް އުޅެން. ގަނޑުވަރާ ރަސްކަމުގެ ކަންކަމާ މެދު ޝައުޤުވެރިވާ ޒުވާނެއް ނޫނެއްނު އެއީ..." ނަމީރު ހަމަޖެހެމުން ވާހަކަ ދެއްކިއެވެ. އޭނަ ބޭނުންވަނީ އިންޖާބުގެ ޝައްކުގެ ދާއިރާއިން ބޭރުގައި ނާވީ ބަހައްޓާށެވެ. ނާވީ އެކުރާ ކަންތައް އެނގުމުން އިންޖާބު އަންނާނެ ރުޅިގަނޑު އޭނާއަށް ވަޒަންކޮށްލެވޭތީއެވެ. ނަމީރު ބަތީލާއަށް ދިން ނަޒަރާއެކު، ބަތީލާއަށް އޭނާގެ ދެލޯ މަރައިލެވުނެވެ. ޝައިސްތާ ވެސް ލަސްލަހުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ ދެމީހުންނަށްވެސް ނަމީރުގެ މަޤްސަދު އެނގުނެވެ. އެކަކު އެގޮތަށް އެކަންތައް ސިއްރުކޮށްގެން އުޅެވޭނީ ކިހާ ދުވަހަކު ބާއޭ އެމީހުންގެ ހިތަށް އަރަމުން ދިޔައެވެ. ޚުދު ނަމީރުގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ. ދޮގުހަދައިގެން ކުރި ލިބުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، މިވަގުތު އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ނާވީގެ ރައްކާތެރިކަމަށް ކުރެވެން އޮތް ކޮންމެ ގޮތަކަށް ކަންތައްކުރުމަށް އޭނާގެ ޒަމީރު ދިޔައީ އަމުރުކުރަމުންނެވެ. "އެ ރައާބިލްގެ ޚަބަރެއް ވެއްޖެތަ؟" އިންޖާބު ނަމީރަށް ބަލައިލިއެވެ. އެއަށްފަހު ދެބުމަ ގޮށްޖަހައިލަނުން އޭނާ ސުވާލުކޮށްލިއެވެ. "ނޫން ބައްޕާ. އަޅުގަނޑު އިތުރު ފާރަވެރިންނާ ސިފައިންވެސް ފޮނުވައިފިން." ނަމީރު ބުންޏެވެ. "އޭނަ ފިލަން އެހީތެރިވީ ކޮންމެ މީހަކަށް އެ މީހަކުގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލާނަން." އިންޖާބު ބުންޏެވެ. އިތުރަށް އެއްޗެއް ބުނާކަށް އެކަކަށްވެސް ނުކެރުނެވެ. ***** ޝައިސްތާއާ ނަމީރާ ދެމީހުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ކުޑަ ދޮރުތައް ހުރީ ހުޅުވާފައެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކާއެކު ހުދު ދޮރުފޮތިތައް ނަށަމުން ދިޔައިރު، ކޮޓަރިއަށް ވެސް ދިޔައީ ފިނީގެ އަސަރުކުރަމުންނެވެ. ޝައިސްތާ ގޮސް ދޮރުތައް ލައްޕައިލުމަށްފަހު، ނަމީރުގެ ފުރަގަހުގައި ހުއްޓުމަށްފަހު ނަމީރަށް ގޮވައިލިއެވެ. "އަހަރެން އެނގެން ބޭނުން ޝައިސްތާ ދިޔައީ ކޮންތާކަށްކަން؟" ނަމީރު ސުވާލުކޮށްލިއެވެ. "އަހަރެން ދިޔައީ... ނާވީ ފަހަތުން..." އެ ސުވާލު އޭނާއާ ކުރިމަތިވާނެކަން ޝައިސްތާއަށް މާކުރިންވެސް އެނގެއެވެ. ޝައިސްތާގެ ޖަވާބު އިވި ނަމީރު ފަސް އެނބުރުނެވެ. "އަހަރެން... އަހަރެން އެ އިންސިއާ ބައްދަލުކުރިން. އަހަންނަށް އޭނަގެ ފުށުން އެއްވެސް އައިބެއް ފާހަގައެއް ނުވި." ޝައިސްތާ ބުނެލިއެވެ. "އިސްތަށިގަނޑު ނޫނީ ރައާބިލްގެ ފަރާތުން އެއްވެސް ސިފައެއް ވާރުތަވެފައެއް ނެތް. ނާވީއެކޭ އެއްގޮތަށް އޭނަވެސް ނާވީ ދެކެ ލޯބިވޭ. އޭނަ ނާވީގެ ހިމާޔަތަށް އެދޭވަރާ ނަވީއަށް އިތުބާރުކުރާ ވަރު އަހަންނަށް މިރޭ ފެނުނު... އަދި... އަދި ނާވީ އޭނަ ދެކެ ލޯބިވާވަރުވެސް..." ޝައިސްތާއަށް ބުނެވުނެވެ. "އެހެންވިޔަސް އެކަމުގެ ސަބަބުން އަހަރެމެންނަށް މިކުރިމަތިވަނީ ކިހާ ބޮޑު ނުރައްކަލަކާތަ؟ ޝައިސްތާއަށް ނޭނގުނަސް ރައާބިލް ފިލަން އެހީތެރިވީ ނާވީއޭ..." ނަމީރަށް ބުނެވުނެވެ. "އަހަންނަށް އެނގޭ." ޝައިސްތާ ބުނެލިއެވެ. ބަތީލާއާ ނަމީރާ ދެކެވުނު ވާހަކަތަކެއް އަޑު އިވުނުކަމަށް އޭނާ ހާމަކޮށްލިއެވެ. އަދި އޭނާ ނާވީއަށް ފާރަލީވެސް އެއަށްފަހުގައި ކަމެވެ. ނަމީރަށް ބޮލުގައި ހިފައްޓައިލަމުން، ގޮނޑިއަށް ތިރިވެވުނެވެ. ޝައިސްތާ ނަމީރުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ***** ރަނީމްއާއެކު އެގެއާ ހިސާބަށް ނާވީ އައެވެ. އަދި ރަނީމް ގެއަށް ވަނުމުން އިރުކޮޅަކު އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. "ރަނީމް އަތުވެއްޖެ. އަހަރެން ދަނީ އިނގޭ..." ރައާބިލް އެހެން ބުނެލާފައި ތެދުވެލުމާއެކު، ސަމްރާ ދެލޯ މަރައިލާ ނިދާކަމަށް ހެދުނެވެ. ރަނީމް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ އެވަގުތެވެ. މަންމަ ނިދާފައި އޮތްތަން ފެނި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު، ގޮސް ވަނީ ފާޚާނާއަށެވެ. ތާޒާވެލައިގެން ނުކުތުމަށްފަހު އޮށޯވެލަން އުޅުނު ރަނީމް ކަރު ހިއްކައިގަތުމުން ފެންފުޅި ނެގިއިރު އެ ހުރީ ހުސްވެފައެވެ. ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ވަދެ ފްރިޖް ހުޅުވައިލުމަށްފަހު ފިނި ފެންފުޅިއަކާ ތައްޓެއް ހިފައިގެން މޭޒު ކައިރީގައި ހުއްޓިފައި ތައްޓަށް ފެން އަޅަން އުޅުނު ވަގުތު އަތުގައި އޮތް އުޅާއަށް އޭނާގެ ނަޒަރު ހުއްޓުނެވެ،. އެވަގުތު ހިތަށް ވެރިވި ޚިޔާލާއެކު، ފުޅި ބަހައްޓާފައި އުޅާގައި އޭނާއަށް އަތް ހިންގައިލެވުނެވެ. "މީގެ ސިއްރު އެނގެން އަހަރެން ބޭނުން. އަހަރެންގެ ހިތްބުނަނީ އެންމެން އަހަންނަށް ކޮންމެވެސް ކަމެއް ސިއްރުކުރަނީއޭ. ކާފައާ މާމައާ މަންމަ. އަނެއްކޮޅުން ނާވީ... ނާވީ މީތި އަހަރެން އަތުން ނެގި ވަގުތު އަހަންނަށް ވީ ގޮތް. އަދި އޭގެ ފަހުން އޭނަ އަހަރެންގެ ހިތްހަމަޖެހުމަށް ދެއްކި ވާހަކަތަށް. ދުވަހަކު އަހަރެންގެ އަތުން މި ނުނަގަން ބުނި ބުނުމުން. އެކަމަށް އެންމެން ކުރި ވަސިއްޔަތް. ކޮންކަމެއްބާ އެންމެން އަހަންނަށް މި އޮޅުވާލަނީ. ސިއްރުކުރަނީ... އަހަރެންގެ އަތުން މި ނަގައިފިނަމަ ދެން ވާނީ ކިހިނެއްބާ؟ އަހަރެން ބޭނުން އެނގެން..." ރަނީމް އޭނާގެ އުޅާގައި ފިރުމައިލިއެވެ. އެއަށް ރަނގަޅަށް އޭނާ ބަލައިލިއެވެ. ބަލާބެލުމަށް މާ ބޮޑު އާދަޔާ ޚިލާފުކަމެއް ފާހަގައެއް ނުކުރެއެވެ. ރޫހާނީ ކަންތައްތަކުން ސަލާމަތްކުރުމަށް މީހުން ތަވީދު އަޅާ ވާހަކަ އޭނަ އަޑު އަހައެވެ. އެހެންނަމަވެސް އުޅާ ފަދަ އެއްޗެހިން ހިމާޔަތް ލިބޭނެކަމަކަށް އެނގިފައެއް ނުވެއެވެ. ވީއިރު ކުޑައިރު އެފަދަ ކަމެއް ދިމާވި ނަމަ އޭނަގެ އަތުގައި އޮންނަން ޖެހޭނީ ތަވީދެއް ނޫން ހެއްޔެވެ؟ "އަހަރެން ބޭނުން ހަޤީޤަތް އެނގެން... އާނ... މި ނެގުމުން ވާގޮތެއް ބަލަން އަހަރެން ބޭނުން..." ރަނީމް ގޮތެއް ނިންމިއެވެ. އޭނަގެ ހިތާ ސިކުނޑި މިވަގުތު ގޮވަމުން ދަނީ އެންމެ ކަމަކަށެވެ. އާއެކެވެ. އެ އުޅާ ހަށިގަނޑާ ވަކިކޮށްލުމަށެވެ. ރަނީމް ދެ އަތް މުށްކަވާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ އެކަމަށް ނަފްސު ތައްޔާރުކޮށްލި ހެންނެވެ. އެ ނަގާ ހިސާބުން ކޮންމެވެސް ކަމެއް ވާނެކަމަށް އޭނާގެ ހިތާ ނަފްސުވެސް ދިޔައީ ޤަބޫލުކުރަމުންނެވެ. ނުތަނަވަސްކަން ހިތުގައި އުފެދެމުން ދިޔަ ސަބަބަކީ އެއީއެވެ. އެހެންނަމަވެސް މިރޭ އެކަން ނުކޮށް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. މަޑުމަޑުން އުޅާގައި އަތް ޖައްސައިލާފައި ރަނީމް އޭނާގެ ވާ އަތުގައި އޮތް އުޅާ ނަގަން ފެށިއެވެ. ހަށިގަނޑާ އުޅާ އެކީ ވަކިކޮށްލި ނަމަވެސް އޭނާއަށް އިތުރު ގޮތެއް ނުވިއެވެ. ބޮލަށްވެސް އެނބުރުމެއް ނާރައެވެ. "ކީއްވެ... ކީއްވެ އަހަންނަށް އެއްވެސް ގޮތެއް ނުވަނީ... އަނެއްކާ ނާވީ އެބުނީ ތެދެއްބާ؟ އަހަރެން މާ ބޮޑަށް ހާސްވީމަ ބާ އެގޮތަށް ވީ؟" ރަނީމްއަށް އޭނާގެ އަތުގައި އޮތް އުޅާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި މާހައުލަށް ވަށައިގެން ވެސް ބަލައިލެވުނެވެ. އާއެކެވެ. އެއްވެސް ބަދަލެއް ނާދެއެވެ. މާޔޫސްކަމާއެކު ރަނީމް އަލުން އުޅާ އަތުގައި އަޅާލަން ވެގެން އުޅުނު ވަގުތު ދެވަނަ ޚިޔާލެއް އޭނާގެ ސިކުނޑީގައި ޓަކި ޖަހައިލިއެވެ. އެ ބަދަލުތައް އޭނައަށް އައި އިރު އެ އުޅާ އޮތީ ނާވީގެ އަތުގައެވެ. އޭނާގެ ހަށިގަނޑުން އެކީ ވަކިވެފައެވެ. ދެންމެ އޭނާ އެ އުޅާ ނެގުމަށްފަހު، ހިފައްޓާފައި ހުރީ އަނެއް އަތުންނެވެ. ވީއިރު އެކީގައި ހަށިގަނޑުން އުޅާ ވަކިކޮށްލިކަމަކަށް ނުވާނެތާއެވެ. ހަޤީޤަތް އެނގެން ބޭނުންނަމަ އޭނާ ޖެހޭނީ އެ އުޅާ އެކީގައި އޭނާގެ ހަށިގަނޑާ ވަކިކޮށްލާށެވެ. އަމިއްލަ ނަފްސަށް ބޯ ޖަހައިލުމަށްފަހު، ރަނީމް އެ އުޅާ މޭޒުމަތީގައި ބާއްވަމުން ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ