ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތް އެޅުމަށް ބިން ހަވާލުކޮށްފި
ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފަހިކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގައި އައު ދެ މިސްކިތް އެޅުމަށް މިއަދު ބިން ހަވާލުކޮށްފިއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމަށް ހަވާލުކުރެވުނު ދެ ބިމުގެ ތެރެއިން، ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅަން ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27920 އަކަފޫޓެވެ. އަދި ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 އަކަފޫޓެވެ. ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާތީ، މިސްކިތުގެ ޚިދުމަތްތަކަށް ބޭނުންޖެހިފައިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރުވެސް މާލެ ސަރަހައްދުގައި ގިނަ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދީނީ ވާޖިބުތައް އަދާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ