ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އެ ބައި އިލެކްޝަންގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00އާ ހަމައަށެވެ.
މި އިންތިހާބުގައި ވޯޓުން މާލޭގައި ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލުގައެވެ. އެ ސްކޫލުގައި ދެ ފޮއްޓެއް ބަހައްޓާފައިވާއިރު، އައްޑޫ ހިތަދޫ ސްކޫލުގައި ބެހެއްޓި ފަސް ފޮއްޓަށް ވެސް ވޯޓުލުން ދަނީ ކުރިއަށެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ދެ ދައުރެއްގައި އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އެވެ. އަދި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.
އައްޑުއަށް ސަންގުގެ ޓީމެއް ގޮސްގެން އަދި މާލޭގައި ތިބި ހިތަދޫ އުތުރު ދާއިރާގެ ވޯޓުލެވޭ މީހުންނާ ސުވާލުކޮށްގެން ސަންގުން ކުރިއަށްގެންދިޔަ ސަރވޭއިން ދައްކާ ގޮތުގައި މި އިންތިހާބު ކާމިޔާބުކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓު ސޯބެއެވެ.
ސަރވޭގައި ބައިވެރިވި 1088 މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ޖަވާބުދީފައިވަނީ އެ ފަރާތްތަކުން ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ. އެއީ 617 މީހުންނެވެ. ޕީއެންސީއަށް ވޯޓު ދޭނެ ކަމަށް ޖަވާބުދިނީ 43 އިންސައްތައެވެ. އެއީ 471 މީހުންނެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ ކުރީގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އޭގެ ފަހުން ޕީއެންސީން ބޭއްވި ޕްރައިމެރީ ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށް ބުނެ ސިނާން ޓިކެޓު ދޫކޮށްލެއްވީއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ