އީދު ފާހަގަކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ޕްލޭނެއް އެކުލަވާލަނީ

އަަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފިތުރު އީދާއި އަޟްހާ އީދު މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. 
އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އީދު ފާހަގަކުރުމާ ގުޅޭ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށީ މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން ކަމަށެވެ. 
އެ ޕްލޭން އެކުލަވާލާނީ ކައުންސިލްތަކާ މަޝްވަރާކޮށްގެން އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
މީގެ އިތުރުން ޝަހީމް ވިދާޅުވީ ކަލްޗާ މިނިސްޓްރީއާ ގުޅިގެން ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ވެސް ކުރިއަށް ގެންދަންވެސް މަސައްކަތްކުރާނެ ކަމަށެވެ.
އީދު ފާހަގަކުރުމަށް ހަދާ ޕްލޭނަކީ ގަވާއިދުތަކެއް ހެދުން ނޫންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މަސައްކަތް ކުރާނީ ކައުންސިލްތަކާއި ޖަމިއްޔާތައް ގުޅިގެން އީދު ފާހަގަކުރަން ކަމަށެވެ. 
އީދު ފާހަގަކުރާނެ ގޮތުގެ ޕްލޭނެއްގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށާފަ މި ވަނީ، މިދިޔަ ބޮޑު އީދު ފާހަގަކުރަން ކުރިއަށްގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން ބައެއް މީހުން ނުހުރުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަހުސެއް ކުރެވުނީ ކުޅުދުއްފުށި މަށިމާލި ޕެރޭޑަށެވެ. އެހެން އަހަރުތަކުގައި، އަދި އެހެން ސަރުކާރުތަކުގައި ވެސް މި ޕެރޭޑުގައި ކަންކުރާ ފަދައިން، މި ފަހަރުގެ އީދުގައި ވެސް ސަރުކާރަށް ފާޑުކިޔާ ފުޅަނދުުތައް ތައްޔާރުކުރި އެވެ. މި ކަމާ ނުރުހުންވެ ސަރުކާރަށް ތާއީދުކުރާ މީހުން ވަނީ މި ޕެރޭޑު މަނާކުރަން ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ