ފަޔާ ބޮޑުވަޒީރަކަށް، ނަޝީދު ދައުލަތުގެ ވެރިއަކަށް، އެއީ ޕާޓީ އެކުވެރިކުމަށް އޮތް ހުރަހެއް: ފަޒްނާ

ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބަދަލު ކެމްޕެއިނަކީ ފައްޔާޒު އިސްމާއިލު ބޮޑުވަޒީރަކަށް އަދި ނަޝީދު ދައުލަތުގެ އިސްވެރިއަކަށް ގެންނަ ގޮތަށް ކުރާ ކެމްޕެއިނެއް ކަމަށާއި އެއީ އެމްޑީޕީ އެކުވެރިކުރުމަށް އޮތް ހުރަހެއް ކަމަށް ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ އެހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރައްވައި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް އާންމުކުރެއްވި ފޭސްބުކް ޕޯސްޓަކަށް ކޮމެންޓުކުރައްވަމުންނެވެ. ރޮޒައިނާގެ ޕޯސްޓުގައި ވިދާޅުވީ، ކުރިން ރައީސް ނަޝީދާ ދެކޮޅުވީ ޕާޓީ ރޫޅާލަން މަސައްކަތްކުރެއްވުމުން ކަމަށާއި މިހާރު ތާއީދުކުރައްވަނީ ޕާޓީ އެއްކުރައްވަން އުޅުއްވާތީ ކަމަށެވެ.
އެ ޕޯސްޓަށް ރައްދުދެއްވަމުން، ރައީސް ނަޝީދު ޗެއާޕާސަންކަމަށް ނުކުމެވަޑައިގަތީ ބޮޑުބަދަލުގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން އަދި ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދެއްވާގޮތަށް ނޫންތޯ ސުވާލު އުފައްދަވައި ފަޒްނާ ވިދާޅުވީ، އެ ހިސާބުން ވެސް އެއޮތީ އެކުވެރިކުރުވުމަށް ހުރަސްއެޅިފައި ކަމަށެވެ.
”އެކަމަކު ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމެވި އެއް ސަބަބު ކަމަށް ވިދާޅުވެފައި ތިވަނީ ޕާޓީ އެއްކުރައްވަން ވަޑައިގެންނެވި ވާހަކައެވެ. ރައީސް ނަޝީދު ޗެއާޕާސަންކަމަށް ނުކުމެވަޑައިގަތީ ބޮޑުބަދަލުގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭގޮތަށް ދެއްތޯއެވެ؟ މިހާހިސާބުން ވެސް އެ އޮތީ އެކުވެރިކުރުވުމުގެ މަގަށް ހުރަސްއެޅިފައެވެ.“
ފަޒްނާ ވިދާޅުވީ، ބަޔަކު އެކުވެރިކުރުމަށް ގެންގުޅުއްވާ މައިގަނޑު އެއް އަސާސަކީ ހަމަހަަމަ އުސޫލެއް ގެންގުޅުން ކަަމަށެވެ. އަދި ވަކި މީހަކު ގޮވައިގެން އިންސާފުވެރިކަމާއެކު ޗެއާޕާސަންކަން ކުރައްވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިޔަސް ފައްޔާޒު ވިޔަސް އަދި އެހެން ބޭފުޅަކުވެސް ރައީސަކަށް ނޫނީ ބޮޑުވަޒީރަކަށް ނޫނީ މިނިސްޓަރަކަށް، ނޫނީ އެންބެސަޑަރަކަށް އެއްވެސް ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވުމަކީ އެކަމަނާއަށް މައްސަލައެއް ނޫންކަމަށާއި ސިޔާސީ ކަންކަމުގައި އުޅުއްވާނީ ސިޔާސީ ރޮގުން ކުރިއަށް ވަޑައިގަންނަވަންކަން ފަޒްނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު މަސައްކަތްކުރަން ޖެހޭ މަގާމަކަށް ވަކި އަތަކަށް ޖެހިގެން ހުރި މީހަކު އައިސްގެން ޕާޓީގެ އެކުވެރިކަމެއް ނުދެމެހެއްޓޭނެކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މީކާއީލް އަށް ތާއީދުކުރަން ފުރަތަމަ ނިންމީ ޒުވާން ޖީލަކަށް ޕާޓީ ހިންގަން ހަވާލު ކުރަންވެއްޖެކަމަށް ޤަބޫލު ކުރެވޭތީއެވެ. އަދި އެ ތާއީދު ބޮޑުވީ ”ޕްރިންސިޕަލް ސެންޓާރޑް ލީޑަޝިޕް“ އަކަށް ވަކާލާތު ކުރައްވާތީއެވެ.“ ފަޒްނާ ވިދާޅުވިއެވެ.
ރައްދުގައި ރޮޒައިނާ ވިދާޅުވީ، އޭނާ ނަޝީދަށް ތާއީދުކުރައްވަނީ ޕާޓީގެ ޗެއާޕާސަންކަމަށް ކަމަށެވެ. ބޮޑުވަޒީރު ކަމާއި ރައީސްކަމަކީ ރައްޔިތުން ދޭ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ޗެއާޕާސަންކަން ކުރެއްވި ބޭފުޅުން އެތެރޭގެ އެހެން އިންތިހާބުތަކުގައި އެހެން ބޭފުޅުންނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ވަކި މީހަކަށް ތާއީދުކުރުމަކީ އެއްވެސް އިރެއްގައި ބޭއިންސާފުން ކުރެވޭ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
އެގޮތުން، ފައްޔާޒު އިސްމާއިލް ޗެއާއަކަށް ހުންނެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވިކަން ފާހަގަކަުރެއްވައި އޭނާ ވިދާޅުވީ، އިންސާފުވެރި އިންތިހާބެއް ބާއްވަން ފައްޔާޒު މަސައްކަތްކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލައަކަށް ވާނީ ޗެއާއަކަށް ހުންނަވައިގެން ވަކި މީހަކަށް ކެމްޕެއިންކުރުން ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަކީ އަބަދުވެސް ”ކަލްޓް“ އުފައްދައިގެން އުޅުމާ ދެކޮޅު މީހެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސްކަމަށް ކުރިމަތިލައްވަން ވެސް ވަކި އުމުރެއް ހަމަވުމުން ގާނޫނުއަސާސީން ޝަރުތުަކުރާކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، އެކަން ވެސް އެހެން އޮންނަނީ ސަބަބަކާ ހެދި ކަމަށެވެ. އަދި އެންމެ ފަހުން އޮތް ގައުމީ މަޖިލީހުގައި ވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ތަަަޖުރިބާ ހުރި ބޭފުޅަކު ޗެއާއަކަށް ހުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ