ކަސްޓަމަރުންނަށް ދޭ ހިދުމަތެއް ހުއްޓާލަން ބޭނުމެއް ނޫން، ބޭނުންވަނީ ދެމެހެއްޓެނިވި ހިދުމަތެއް ދޭން: ޝަރީފް

ގިނަ ކަސްޓަމަރުން ހޯދާ ހިދުމަތެއް ހުއްޓާލަން ބޭނުން ނުވާ ކަމަށާއި ބޭންކުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ހިދުމަތްދިނުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ވަނީ ބޭންކުގެ ކަސްޓަމަރުންގެ ޑޮލަރު އިންވެސްޓު ކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ އިންވެސްޓުމެންޓު ހިދުމަތްތަކެއް ތައާރަފުކޮށްފަ އެވެ.
ތަފްސީލް - އެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި 'ޗެޓު ވިތު ސީއީއޯ' ހަފްލާގައި ޝަރީފް ވަނީ ބޭންކުން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ރުފިޔާ ކާޑުތަކުން ކޮށްފައިވާ ބޭރުގެ މުއާމަލާތްތަކުގެ ތަފާސްހިސާބު ހިއްސާކުރައްވައިފަ އެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ހިދުމަތް ހޯދުމަށް ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ މިންވަރު މިވަނީ %3.7 އިތުރުވެފައި. މިހާރު އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު މިކަމަށް ވިއްކަން. މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވެސް ވަނީ ދެގުނައަށް ވުރެ ބޮޑަށް އިތުރުވެފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ މަހަކު 250،000 އާއި 300،000އާ ދެމެދުގެ އަދަދެއްގެ މީހުން ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރާ ކަމަށެވެ.
މިއާ އެކު ބޭންކަށް ލިބޭ ޑޮލަރަށް ވުރެ، ބޭރުވާ ޑޮލަރުގެ އަދަދު އިތުުރުވެފައިވާތީ، ބީއެމްއެލް އިން ވަނީ ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފަ އެވެ. ނަމަވެސް ކަސްޓަމަރުން ބޭނުންވަނީ ފީއަކާ އެކު ވިޔަސް އެ ހިދުމަތް ލިބެން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިއަދު ބޭންކުން ވަނީ ޑޮލަރު އިންވެސްޓުކޮށްގެން ރުފިޔާ އިން ފައިދާ ލިބޭ އިންވެސްޓުމެންޓު ޕޫލެއް ތައާރަފުކޮށްފަ އެވެ.
"މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ބޭންކުން މިވަނީ ނިންމާފައި،" ޝަރީފްް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހިދުމަތާ އެކު ބޭނުންވަނީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ކާޑުން ކުރާ ބޭރު ފައިސާގެ މުއާމަލާތުގެ ހިދުމަތްތައް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން ކަމަށެވެ.
"ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ހިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ހިދުމަތް ދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.
"އެހެންކަމުން ވަރަށް ވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކަށް އަދި ބޭންކަށް ވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ. މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ