ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސްލްސް) އަށް މިދިޔަ ހަފްތާގެ ތެރޭގައި އެކަނި 44 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެން (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެ އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް މި އަހަރުގެ ތެރޭގައި 66 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި އަނެއްކާވެސް ހިމަބިހި ފެތުރެމުން ދާތީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް އެޗްޕީއޭއިން ދަނީ ކުރިއަށްގެންދަމުންނެވެ.
ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕިއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ އެކަހެރިވެގެން ހުންނަން ވަނީ އެދިފަ އެވެ.
ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދޭ ކަމަށެވެ.
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
މިދިޔަ ހަފްތާގައި ހިމަބިއްސަށް 44 މީހުން ޕޮޒިޓިވްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ