ޒީނާޒު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުގައި ކުރިން ހުންނެވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާން އައްޔަންކުރައްވައިފި އެވެ. 
ޒީނާޒު މަގާމަށް އައްޔަން ކުރެއްވިކަން ރައީސް އޮފީހުން އަދި ހެލްތު މިނިސްޓްރީން އާންމު ނުކުރި ނަމަވެސް، އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން މިކަން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ. 
މިކަމާ ގުޅޭ ގޮތުން ޒީނާޒުއާ ސުވާލު ކުރުމުން އޭނާ އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. 
ޒީނާޒު އަދުނާން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމާއެކު، އެ މިނިސްޓްރީގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މިނިސްޓަރުގެ ގޮތުގައި ހުންނެވި ގީލާ އަލީގެ އިތުރުން، ޒީނާޒުއާއެކު ޖުމުލަ 12 ސްޓޭޓް މިނިސްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން މިހާރު އެބަ ތިއްބެވެ. އެ މިނިސްޓްރީގައި ތިބި ޕޮލިޓިކަލް ޑައިރެކްޓަރުންގެ އަދަދު ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެ އެވެ. 
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ޒީނާޒު އަދާކުރެއްވި އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި ފޯމުތަކެއްގެ ތެރޭގައި ސޮއި ފޯޖުކޮށްގެން ހަދާފައިވާ "ވަގު ފޯމުތަކެއް" ހުރި މައްސަލައެއް ފެންމަތިވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ލޯކަލް ކައުންސިލް އާއި ހިޔާލު ހޯދުމުގެ ވޯޓުން ރައީސް މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވި ލަދުގަންނަވަރުގެ ނާކާމިޔާބީއަށް ފަހު ވަޒީރުންގެ މަޖިލީހަށް ބަދަލުތައް ގެންނެވި އެވެ. މުއިއްޒު އަންގަވައިގެން ގިނަ އަދަދެއްގެ ވަޒީރުން އިސްތިއުފާ ދެއްވި އެވެ. 
އޭރު އާދަމް ޝަރީފު އިސްތިއުފާ ދެއްވި ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖުގެ މަގާމަށް ވަނީ އައްޔަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ