"އިންވެސްޓްމެންޓްސް ބައި ބީއެމްއެލް" ގެ ނަމުގައި ހިންގާ ޕްރޮގްރާމުގެ ތެރެއިން ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމީ ގަވާއިދާ ހިލާފަށް ކަމަށާއި މި ދަރަޖައަށް ކަންތައް ދިޔައީ ސަރުކާރު ނާގާބިލުވުމުން ކަމަށް ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން މިއަދު އިފުތިތާހު ކުރީ އާންމުންނަށް ބީއެމްއެލްއަށް ޑޮލަރު ވިއްކޭނެ ޕްރޮގްރާމެކެވެ. އޭގެ ދަށުން ޑޮލަރު ދިނުމުން ބޭންކުން ފުރަތަމަ ރަސްމީ ރޭޓުގައި ޑޮލަރަކަށް 15.42 ރުފިޔާ ދޭނެ އެވެ. އަދި ގަތް ޑޮލަރު ބީއެމްއެލް އިން ބޭނުން ކުރުމަށްފަހު 25 ޕަސެންޓާ ހަމައަށް ފައިދާގެ ގޮތުގައި ދޫކުރާނެ އެވެ. ބޭންކުގެ ޕްރޮގްރާމުގެ ދަށުން ޑޮލަރު ވިއްކައިފި ނަމަ 19.30 ރުފިޔާއާ ހަމައަށް ފައިދާވުމުގެ ފުރުސަތު އޮވެ އެވެ.
އެއީ އިންވެސްޓްމަންޓް ޕްރޮގްރާމެއް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަޅު ބާޒާރުން ޑޮލަރު ގަތުން ކަމަށް ފައްޔާޒް މިރޭ ވިދާޅުވި އެވެ. އަދި އެއީ ފޮރިން އެކްސްޗޭންޖުގެ ގާނޫނާ ހިލާފު ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި ބޭރު ފައިސާ ލިބޭނެ މަގެއް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރަށް ނުލިބުމާއި ރައްޔިތުންނަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވުމުން ބޭންކް އޮފް މޯލްޑިވްސް ދަނީ ފޮރިން އެކްސްޗޭންޖުގެ ގާނޫނު އެއް ފަރާތްކޮށް، ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުން. މިއީ ބޭންކުން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ޑޮލަރުގެ ދަތިތަކަށް އޮތް ހައްލަކީ ބޭންކަށް މަޖުބޫރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމު ފަށާފައި މި ވަނީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ބޭނުން ކުރެވޭ ޑޮލަރު ކޮންޓްރޯލް ކުރުމަށްފަހު. މިއީ ސަރުކާރުގެ ނާގާބިލުކަމުގެ ހެއްކެއް. ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ގާނޫނާ ހިލާފަށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަށް ބީއެމްއެލްއަށް މަޖުބޫރު ކުރުމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ބޭންކަށް އާންމުން ވިއްކާ ޑޮލަރު ބޭނުން ކުރާނީ ކާޑު ޓްރާންސެކްޝަންތަކާއި ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރާށެވެ. މި މުއާމަލާތްތައް ފުރިހަމަކުރުމަށް ފަހު 25 ޕަސެންޓާ ހަމައަށް ފައިދާއެއް، އިންވެސްޓަރުންނަށް ރުފިޔާއިން ޖަމާކޮށްދޭނެ އެވެ.
"މީގެ ސަބަބުން ބޭންކަށް ކާޑުގެ މުއާމަލާތްތައް ހުއްޓުމަަކަށް ނުގެނެސް އަދި ބަޖެޓު ނުކޮށް އިތުރަށް މި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވި އެވެ.
އެމްއެމްއޭގެ ހުއްދަ ނެތި ޑޮލަރުގެ ކަޅު ބާޒާރަށް ބީއެމްއެލް ވަނުމަކީ ސަރުކާރުގެ ނާގާބިލުކަމުގެ ހެއްކެއް: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ