ވިކީ ކައުޝަލްގެ 38 ވަނަ އުފަންދުވަހާ ދިމާކޮށް، އޭނާގެ އަންހެނުން ކެޓްރީނާ ކައިފް އެ ދެމަފިރިންގެ އަލަތު ދަރިފުޅު ވިހާންގެ ފުރަތަމަ ފޮޓޯ ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބުނު ފަހުން، އެ ދަރިފުޅު މީޑިއާއަށް ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ފޮޓޯ ޕޯސްޓުކޮށްފައި ވަނީ ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށެވެ.
ކެޓްރީނާގެ އިންސްޓަގްރާމްގައި ހިއްސާކުރި އެ ޕޯސްޓުގައި ލިޔެފައި ވަނީ، މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު އެމީހުންގެ ދިރިއުޅުމަށް މިހާރު ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި މިފަހަރު ވަކީގެ އުފަންދުވަސް ފާހަގަކުރަނީ އެމީހުންގެ "ކުޑަކުޑަ" ވިހާންއާ އެކުގައި ކަމަށް ވާތީ، ހިތް އުފަލުން ފުރިފައިވާ ކަމަށް ވެސް ކެޓްރީނާ ބުންޏެވެ.
އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދީ ވިކީ އާއި ކެޓްރީނާ ޕާކެއްގެ ތެރޭގައި ދަރިފުޅު ކައިރީގައި ތިބޭ ފޮޓޯއަށެވެ. އެ ފޮޓޯގައި ދަރިފުޅުގެ މޫނު ފެންނަން ނެތެވެ. ކުޑަކުޑަ ވިހާން ހުރީ އަޅިކުލައިގެ ހޫޑީއެއް ލައްވައިފަ އެވެ. މީގެ އިތުރުން، "ހެޕީ ބާތުޑޭ ޕާޕާ" ޖަހާފައިވާ ކޭކެއްގެ ފޮޓޯ ވެސް ހިއްސާކޮށްފައިވެ އެވެ.
"ވިކީ އަކީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ބާރު. އޭނާގެ ކެތްތެރިކަމަކީ އަހަރެން ހައިރާންކުރުވާ ކަމެއް. އަހަރެން ކުރާ ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދޭ،" ކެޓްރީނާގެ މެސެޖުގައި ލިޔެފައިވެ އެވެ.
މި ފޮޓޯތައް ފެނުމާ އެކު ބޮލީވުޑްގެ ތަރިންނާއި ފޭނުން އަންނަނީ މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.
ކަރީނާ ކަޕޫރު ހާން ވަނީ "ތިޔަ ދެމަފިރިންނަށްޓަކާ ވަރަށް އުފާވޭ" ކަމަށް ބުނެ އެ ޕޯސްޓަަށް ކޮމެންޓެއް ކޮށްފަ އެވެ. އަދި ސޮނާކްޝީ ސިންހާ ވެސް ވަނީ މިއީ ވަރަށް ފުރިހަމަ އާއިލީ ވަގުތުކޮޅެއް ކަމަށް ބުނެ ލޯބި ފޮނުވައިފަ އެވެ.
ދަރިފުޅު ލިބުނު ފަހުން ވިކީ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ދަރިފުޅު ބެލުމުގައި މިވަގުތު އެންމެ ބޮޑު ގުރުބާނީއެއް ވަނީ ކެޓްރީނާ ކަމަށާއި އޭނާއަކީ "ސުޕަހީރޯއެއް" ކަމަށެވެ.
ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ ޑިސެމްބަރު 2021 ގަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ހަތެއްގައި ލިބުނު މި ދަރިފުޅުގެ ނަން ފުރަތަމަ ފަހަރަށް އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.
ދަރިފުޅާ އެކު ކެޓްރީނާ އާއި ވިކީގެ ފުރަތަމަ ފޮޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ