އަތޮޅުތަކުގެ ރަށްތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ކުންފުނި ފެނަކައިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީ މާލީ ރިޕޯޓު ހުށަހަޅައި ދެއްވަމުން ޝިމާދު ވިދާޅުވީ، ފެނަކަ އިން ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ކޮންމެ އަހަރެއްގައި ވެސް ހިއްސާދާރުންގެ ކަންބޮޑުވުންތައް އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އޮފީހާއި ފިނޭސް މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތުން ފެނަކައިން ދައްކަން ޖެހޭ ފައިސާއިން އެއް ބިލިއަން ރުފިޔާ މިހާރު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ފެނަކައިގެ ހިންގުން ދޯދިޔާވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިވެރިންނަށްވެސް އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހިފައިވެއެވެ. މީގެ ތެރެއިން ބައެއް އަމިއްލަ ވިޔަފާރިން އެމީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، ދޭތެރެ ދޭތެރެއިން ބައެއް ވިޔަފާރިވެރިން ފެނަކަ އޮފީސް ކުރިމަތީ މުޒާހިރާ ކުރާކަންވެސް ފާހަގަކުރެވެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، ސަރުކާރުންނާއި، ސަރުކާރު ކުންފުނިތަކުން އަމިއްލަ ކުންފުނި އަދި ފަރުދުންނަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަކީ ސަރުކާރުން އެއްމެ މުހިއްމު މަސައްކަތެއް ދެއްވައިގެން ކުރައްވާނެ ކަން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މާލީ ހާލަތު ތަންދިން މިންވަރަކުން ދަރަނި ދައްކަމުންދާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ފެނަކައިން ދައްކަންޖެހޭ އެއްބިލިއަން ރުފިޔާ އެސްޓީއޯއަށް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ