އޮންލައިންކޮށް މަކަރާއި ހީލަތް ހަދައި ސްކޭމް ހިންގުމުގެ ތުހުމަތަށް ކެމްބޯޑިއާ އަދި މިޔަންމާ ފަދަ ގައުމުތަކުން ފެށި އޮޕަރޭޝަންތަކާ އެކު މިފަފަ ޖަރީމާތައް ހިންގާ މީހުން ސްރީ ލަންކާއަށް ބަދަލުވަމުންދާތީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޮފިޝަލުން ބުނާ ގޮތުގައި، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ފައްސާލި ބައެއް ސްކޭމް ނެޓްވޯކްތަކުން ވަނީ އެ މީހުންގެ މަސައްކަތްތައް ސްރީ ލަންކާއަށް ބަދަލުކޮށްފަ އެވެ. ލަންކާއިން ވިސާ ލިބުން ފަސޭހަވުމާއި ފެންވަރު ރަނގަޅު ހަލުވި އިންޓަނެޓް ލިބެން ހުރުމަކީ މިފަދަ ކުށްވެރިންނަށް އެ ގައުމު މަގުބޫލު ތަނަކަށް ވީ ސަބަބެކެވެ.
މި އަހަރުގެ މިހާތަނަށް ލަންކާއިން ވަނީ ސައިބަ ކުށްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، މައިގަނޑު ގޮތެއްގައި ޗައިނާ، ވިއެޓްނާމް އަދި އިންޑިއާގެ 1,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ ތަރުޖަމާނު ފްރެޑްރިކް ވޫޓްލާ ވިދާޅުވި ގޮތުގައި މިއީ 2024 ވަނަ އަހަރު ހައްޔަރުކުރި 430 މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
މީގެ އިތުރުން، މިދިޔަ މަހު ލަންކާގެ ކަސްޓަމްސް އިން ވަނީ ބޭނުންކޮށްފައިވާ ސަތޭކައެއްހާ މޮބައިލް ފޯނާއި ލެޕްޓޮޕް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ޗައިނާގެ ނުވަ މީހަކު ހިފަހައްޓައިފަ އެވެ. ބެލެވޭ ގޮތުގައި މި ތަކެތި އެތެރެކުރީ ފުޅާ ދާއިރާއެއްގައި އޮންލައިން ސްކޭމްގެ އަމަލުތައް ހިންގުމަށެވެ.
އިންޓަނެޓް ބޭނުންކުރާ މީހުން ލޯބީގެ ދަލުގައި ޖެއްސުމާއި، ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓްތަކާއި، ޖުވާ ކުޅޭ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގާ މިފަދަ "ސްކޭމް ކޮމްޕައުންޑްތައް" ދެކުނު އިރުމަތީ އޭޝިއާގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެންމެ ފުރަތަމަ މިފަދަ ގްރޫޕްތަކުން އަމާޒުކުރީ ޗައިނާ ބަހުން ވާހަކަދައްކާ މީހުންނަށް ނަމަވެސް، މިހާރު އެހެން ބަސްތަކުން ވާހަކަ ދައްކާ މީހުންނަސް ވެސް މި އަމަލުތައް ވަނީ އަމާޒުކޮށްފަ އެވެ.
މި މަސައްކަތް ކުރާ މީހުންގެ ތެރޭގައި އަމިއްލައަށް އެދިގެން އުޅޭ މީހުންގެ އިތުރުން، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ، މަޖުބޫރުން މަސައްކަތްކުރަން ޖެހިފައިވާ މީހުން ވެސް ހިމެނެ އެވެ. ލަންކާގައި ތިބެގެން މި ގްރޫޕްތަކުން އަމާޒުކުރަނީ އިންޑިއާ، ވިއެޓްނާމް އަދި ފިލިޕީންސް ފަދަ އޭޝިއާގެ ގައުމުތަކުގެ މީހުންނަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ލަންކާގެ ރައްޔިތުންނަށް މީގެ ނުރައްކާ ކުރިމަތިވެދާނެތީ ކަންބޮޑުވުން އެބައޮތެވެ. އަދި ދާދިފަހުން ލަންކާގެ ޓްރެޒަރީ އަށް ދީފައިވާ ސައިބަ ހަމަލާއެއްގައި 2.5 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، މީގެ ފަހަތުގައި ވެސް ބޭރުގެ މިފަދަ ގްރޫޕްތަކެއްގެ އަތެއް އޮތްތޯ އަންނަނީ ބަލަމުންނެވެ.
މިފަދަ ނެޓްވޯކްތަކާ ދެކޮޅަށް ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ ޗައިނާއިން ވެސް ވަނީ މި ބަދަލު އައިސްފައިވާކަން ގަބޫލުކޮށްފަ އެވެ. ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ކެމްބޯޑިއާ، މިޔަންމާ އަދި ޔޫއޭއީގައި ފިޔަވަޅުތައް ވަރުގަދަކުރުމުން ސްރީ ލަންކާގައި މިފަދަ ޣައިރުގާނޫނީ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި މިކަމަށް ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށާއި، ލަންކާގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިޔަންމާ އަދި ކެމްބޯޑިއާއިން ފޮނުވާލި ކުށްވެރިން ބޭނުންކުރަމުންދަނީ އިންޑިއާ އަދި ޗައިނާ ހިމެނޭ ގޮތަށް 40 އަށްވުރެ ގިނަ ގައުމެއްގެ މީހުންނަށް ލަންކާއިން ދޭ 30 ދުވަހުގެ ޓޫރިސްޓް ވިސާގެ ބޭނުމެވެ. މި ގްރޫޕްތަކުން ލަންކާގެ އަގުބޮޑު ވިލާތަކާއި އޮފީސް އިމާރާތްތައް ކުއްޔަށް ހިފައިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން، ކުށްކުރާ ކަމަށް ޝައްކުކުރެވޭ ބޭރު މީހުންނަށް ތަންތަން ކުއްޔަށް ނުދިނުމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ ކުށަށް އެހީތެރިވުމުގެ ދައުވާ އުފުލިދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ތަންތަން ކުއްޔަށް ދޭ މީހުންނަށް ދީފަ އެވެ.
ފުލުހުންގެ ތަރުޖަމާނު ވޫޓްލާ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންތައް އޮތީ ވަރަށް ފުޅާކޮށެވެ. މި ހަފުތާގެ އެންމެ ރެއެއްގެ އޮޕަރޭޝަންތަކުގައި ވެސް ގޯލް އަދި މާތަރަ ޑިސްޓްރިކްޓްގައި ހިންގި ފަސް ރެއިޑެއްގައި އިންޑިއާގެ 192 މީހުންނާއި ނޭޕާލްގެ 29 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ކުރީ ހަފުތާގައި ކޮލަމްބޯ ކައިރިން 280 ބިދޭސީން ހައްޔަރުކުރިއިރު، މާޗް މަހު އެއް ސެންޓަރަކުން އެކަނި ވެސް ޗައިނާގެ 135 މީހުން އަތުލައިގެންފައިވެ އެވެ.
މިފަދަ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާތީ، މިހާރު ލަންކާގެ އިމިގްރޭޝަން އިދާރާގެ އޭޖެންޓުން ވެސް ދަނީ ފުލުހުންނާ އެކު ތަހުގީގުގައި ބައިވެރިވަމުންނެވެ.
އދ. އިން މި އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ދެކުނު އިރުމަތީ އޭޝިއާގެ މިފަދަ ސްކޭމް ކޮމްޕައުންޑްތަކަށް މަޖުބޫރުން މަސައްކަތް ކުރުވުމަށްޓަކައި މަދުވެގެން 300,000 މީހުން ގެންގޮސްފައިވެ އެވެ. ލަންކާގެ އޮފިޝަލުން ބުނާ ގޮތުގައި އެ ގައުމަށް މަޖުބޫރުން އެތެރެކޮށްފައިވާ ބިދޭސީއަކު އަދި ފެނިފައެއް ނުވެ އެވެ. ނަމަވެސް ބޭރު ގައުމުތަކުގެ މިފަދަ ކޮމްޕައުންޑްތަކުގައި ތާށިވެފައި ތިބި ލަންކާގެ އެތައް ބަޔަކު މިދިޔަ އަހަރު ސަލާމަތްކޮށްފައިވެ އެވެ.
ތަރުޖަމާނު ވޫޓްލާ ވިދާޅުވީ، ވިސާގެ މުއްދަތު ހަމަވެގެން އުޅޭ ބިދޭސީން ޑީޕޯޓްކުރުމާއި، އޮންލައިންކޮށް ކުށްކުރާ މީހުންނަށް ކޯޓުތަކުން އަދަބު ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. -- އޭއެފްޕީ
ސްކޭމްގެ ޖަރީމާ ހިންގާ މީހުން ލަންކާއަށް ޖަމާވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ