ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސް

ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު ހޮނިހިރު ދުވަހުގެ ފަހުން ވާރޭވެހުން މަދުވާނެ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ ވާރޭ އެއްކޮށް ހުއްޓާނެއެކޭ ނޫން އެހެންނަމަވެސް ފެންބޮޑުވާ ވަރަށް ވާރޭ ނުވެހޭނެ ކަމަށް ލަފާ ކުރެވެޔޭ" ހާފިޒް ވިދާޅުވިއެވެ.
ހާފިޒް ވިދާޅުވީ މިހާރު ވާރޭވެހޭ މިންވަރު މަދުވިނަމަވެސް ރަށްތަކަށް ވައިޖެހޭ މިންވަރު އިތުރު ކަމަށެވެ. އަދި ހޯމަ ދުވަހުގެ ފަހުން މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގައި ހުރި ވައި މަޑުވާނެ ކަމަށް ބެލެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުރި ގަދަ ވައި އާދިއްތަ ދުވަހުގެ ފަހުން މަޑުވާނެ ކަމަށް ބެލެވޭ ކަމަށް ހާފިޒް ވިދާޅުވިއެވެ.
ހާފިޒް ވިދާޅުވީ ވައި ޖެހޭނެ ނިސްބަތަށް ބަލާއިރު މެދުރާއްޖެ ތެރެއާ އުތުރުގެ އަތޮޅުތަކަށް 18 މޭލާއި 28 މޭލަށް ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ މިރޭ 8 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަވާނެތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ