ސާފިން ސްޓޭޑިއަމްގެ މަސައްކަތް ދެތިން ދުވަހުގެތެރޭގައި ހަވާލުކުރެވޭނެ: ކުޅިވަރާބެހޭ ވަޒީރު

މާލޭ ރާޅުގަނޑު ސަރަހައްދުގައި ސާފިންގ ސްޓޭޑިއަމް އެޅުމަށް ޑިޒައިންނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމައި ދެތިން ދުވަހެއްގެ ތެރޭގައި އެތަނުގެ ޢަމަލީ މަސައްކަތް ފެށުމަށް ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމަވާފައިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ، އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައިި ވަނީ މި ސަރުކާރުން ސްޓޭޑިއަމެއް ހަދަން ވަޢުދވީނަމަވެސް، މިހާރު އެހެން ބަޔަކަށް އަނެއްކާވެސް ދީ އެތަނުގައި އެހެން މަސައްކަތެއް ފަށަން އުޅޭ ކަމަށް ތުހުމަތުކުރިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމާ ވާހަކަފުޅު ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، އެީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ. ވަޒީރު ވިދާޅުވީ ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާވެސް މަޝްވަރާކޮށްގެން ސަރުކާރުން ދަނީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ސަރަހައްދުގައި ޢަމަލީ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާޅުގަނޑު ސަރަހައްދުގައި ހަމަ ސާފިން ސްޓޭޑިއަމް ހަދަން އެތަން ކުރަހާވެސް ނިންމާފަ އޮތީ. އަދި ސިޓީކައުންސިލާވެސް މަޝްވަރާކޮށްފައިވާނީ އެތާނގެ ކޮންސެޕްޓް ކުރިޔަށްގެންދާނެ ގޮތް. ދެން ސާފިން އާއި ބޮޑީ ބޯޑިންގއާއި ދެ އެސޯސިއޭޝަންގެ ގެނެސްގެން އެމީހުންވެސް ބޭނުންވާ ގޮތަށް އެތަނުގެ ޑިޒައިން ކޮންސެޕްޓްވެސް ނިންމާފަ އޮތް އެއްޗެއް އެއީ. ހަމައެކަނި މަސައްކަތް ފެށުން މިހާރު އޮތީ." ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ސާފިން ސްޓޭޑިއަމް އެޅުމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ 17 ގެ ކުރިން ސޮއި ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ސާފިން ސްޓޭޑިއަމް އަޅާތަނުގައި އެހެން ކަމެއްނުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ