އދގެ ސެކްރެޓަރީ ޖެނެރަލްއާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެނޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި، ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ އިން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމާއި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެފަރާތުންވެސް އިތުރު އެެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ