ފަތުރުވެރިންނަށް ހުއްދަ ނުހޯދާ ޚިދުމަތްދޭ ތަންތަން ދެނެގަތުމަށް އިންސްޕެކްޝަނެއް ފަށަނީ

ފަތުރުވެރިންނަށް ހުއްދަ ނުހޯދާ ޚިދުމަތްދޭ ތަންތަން ދެނެގަތުމަށް ޚާއްސަ އިންސްޕެކްޝަނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވައިދު ކޮމެޓީގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އެ ވުޒާރާގައި މިހާރު ހުރީ ހުއްދަ ދީގެން ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ ތަންތަނުގެ މަޢުލޫމާތުކަމަށެވެ. ނަމަވެސް ހުއްދަ ނުހޯދާ ޚިދުމަތްދޭ ތަންތަންވެސް އެބަހުރިކަމަށާއި ނަމަވެސް ބަޔަކު ޝަކުވާ ހުށަނާޅާނަމަ އެތަންތަން ދެނެގަނެވޭނެގޮތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން މިތަންތަން ދެނެގަތުމަށްޓަކައި ޚާއްސަ އިންސްޕެކްޝަނެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ދެމެދު ކޮމެޓީއެއް އެކުލަވާލެވި މިހާރު ފްރޭމްވޯކެއް އެކުލަވާލެވިފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ލޯކަލް ޓޫރިޒަމް އެންމެ ފުޅާވެފައި އޮތް ސަރަހައްދުތަކުގައި ހުއްދަ ނުނަގާ ތަންތަނުން ފަތުރުވެރިންނަށް ޚިދުމަތްދޭތޯ ނުވަތަ ނޫންތޯ ބެލުމަށް މި އިންސްޕެކްޝަން ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ފަށާނަން. މި އިންސްޕެކްޝަންގައި އަމާޒުހިފާފައިވަނީ އެންމެ ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާ ސަރަހައްދުތަކުގައި މި އިންސްޕެކްޝަން ހިންގުންކަމަށް." އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.
ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ކަންކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި ފަތުރުވެރިންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ