މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖެ ސަރަހަށްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ސަރަހަށްދުގައި މޫސުން ވަރަށް ގޯސްވެ، ކުރިޔަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހަށްދުތަކަށް ވަޔާއި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެންޑީއެމްއޭއިން ނެރުރު ބަޔާނެއްގައި ވަނީ، މެޓް އޮފީހުން މިހެން ލަފާކޮށްފައިވާތީ، ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.
ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައްވެސް ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމާއި، ގެޔަށް ފެން ނުވަންނާނޭހެން ފިޔަވަޅުއަޅައި، ގޭގެ ދޮރުމަތީގައި ވެލިބަސްތާފަދަ ތަކެތި ޖެއްސުމަށާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރަން ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ، ކުރިއާލައި، ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމާއި، ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ