އަރަބިއްޔާ ސްކޫލް އެއްދަންފަޅިއަށް ހެދޭނެ ގޮތެއްނެތި ބެލެނިވެރިން ހާސްކަމެއްގައި

އަރަބިއްޔާ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ބެލެނިވެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް، އެ ސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސާ އައިޝަތު ޝާދިޔާ ވިދާޅުވެއްޖެއެވެ. 'ސަން' އާ ވާހަކަ ދައްކަމުން ޝާދިޔާ ވިދާޅުވީ ބާ ޖަމާލުއްދީގެ ބިން އެއީ އަރަބިއްޔާ ސްކޫލް ހުންނާނެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވިއިރު އެތަނުގައި އެހެން އިމާރާތެއް އަޅާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖު ކުރިއެވެ. އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީން ހުރި ބިމުގައި--- ސަން ފޮޓޯ އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ. އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައި ކިޔަވަމުންދާއިރު ޝާދިޔާ ވިދާޅުވީ ރައީސްއާ ބައްދަލުކުރުމުން އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެނިވެރިން އުއްމީދު ކުރި ކަމަށެވެ. ނަމަވެސް އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތް އެއް ބިމެއްގައި އަޅަން ނިންމުމުން އަރަބިއްޔާ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ނުހެދޭނެ ކަމަށް ވިދާޅުވިއެވެ. "އަރަބިއްޔާއަކީ ވެސް އަޅުގަނޑުމެން އެއްދަންފަޅި ކުރަން ބޭނުންވާ ތަނެއް. އަޅުގަނޑުމެން އޭރު އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރިއިރު މިނިސްޓަރު ވިދާޅުވި، އެޑިއުކޭޝަންގެ ސިޔާސަތެކޭ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުން އެއީ. އެގޮތުން އެއްވެސް ސްކޫލެއް އަޅާކަށް 25،000 އަކަފޫޓަށް ވުރެ ކުޑަ ބިމެއްގައި ސްކޫލެއް އަޅާކަށް ބޭނުމެއް ނޫނޭ [އެޑިއުކޭޝަން މިނިސްޓްރީން ބުނި]،" ޝާދިޔާ ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލް މިހާރު އަޅަން ނިންމާފައިވަނީ 18،000 އަކަފޫޓުގެ ބިމެއްގައި ކަން ފާހަގަކުރައްވައި ޝާދިޔާ ވިދާޅުވީ އެ ސްކޫލު އެއްދަންފަޅި ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާމެދު މަޝްވަރާކުރުމަށް އެދި ރައީސްއަށް ސިޓީއަކުން މިހާރު ދަންނަވާފައިވާ ކަމަށެވެ. އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އިބްރާހީމް ނިހާދު --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި 40 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލާއި ހަތަރު ލިފްޓު ހުންނާނެއެވެ. އަދި ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތުގައި 34 ކްލާސްރޫމާއި، ދެ ލިފްޓް އަދި ފާހަނާ ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ