ހަފުތާ ބަންދު ހިމެނޭހެން ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
"ވީނިއުސް" އާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓްރޮލޮޖިސްޓަކު ވިދާޅުވީ، މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅު ތަކަށެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައް ގަވަވާނެ ކަމަށް ބެލެވޭ ކަމަށާއި ރާޅުގެ އުސްމިން 4 ފޫޓާއި 7 ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓްރޮލޮޖިސްޓް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށްވެސް ވައިގަދަވާނެ ކަމަށާއި ވައިގެ ބާރުމިން އުޅޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރައެވެ.
އެހެންކަމުން މެޓްގެ އިތުރުުން ދިވެހި ފުލުހުންނާއި ސިފައިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އިއްޔެ މެންދުރު ފަހު ފުލުހުން ނެރުނު އެޑްވައިޒަރީއެއްގައި ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
ހަފުތާ ބަންދުގައި ވެސް މޫސުން ގޯސް، ކަނޑުތައް ގަދަވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ