މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ، ނ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ. އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން މިސަރަހަށްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:45 އިން ހަވީރު 18:00 އަށެވެ.
ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާނެކަމަށާ، ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާ، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން ރާއްޖެތެރޭ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފަވާއިރު ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދިފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ