ވީއައިއޭގެ ޓެކްސީވޭ-ޗާލީ: ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، ވީއައިއޭގައި ހިންގާފައިވާ ތަރައްޤީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ، 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ، 10 އޭޕްރިލް 2025 ގައެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ، ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރު އަލުން ތަރައްޤީ ކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް އޮކްޓޫބަރުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީއަކީ 1976 ވަނަ އަހަރު ހެދި, ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށް ތަރައްޤީ ކުރީ، 1981 ވަނަ އަހަރުއެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ. ޚާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ، އޮކްޓޯބަރު 2022ގައެވެ. އެއީ، މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ