ކާމިޔާބީގެ އަސްލަކީ އެއް އަމާޒަކަށް ކުރި މަސައްކަތް، ފައްޔަގެ ޝުކުރު

މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ އަކީ އެއް އަމާޒަކަށް ކުރި މަސައްކަތް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
ފައްޔަ މިހެން ވިދާޅުވީ މިއަދު އޮތް ތިން އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަ ކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. ފައްޔަގެ ޕޯސްޓްގައި ވަނީ ކާމިޔާބު ހޯދި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ.
މި ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމުން މެންބަރުންނާއި އެއް އަމާޒަކަށް ކުރި މަސައްކަތް ކަމުގައި ވިދާޅުވި އެވެ. ފައްޔާޒު ވަނީ މި ކާމިޔާބީ ހޯއްދެވުމަށް ރައީސް ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ވަގުތީ ޗެއާޕާސަން އަދި ލީޑާޝިޕަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.
"މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައި. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން," ފައްޔަގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ފައްޔަ ވަނީ މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް ކަމުގައި ވިދާޅުވި އެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމުގައި ވިދާޅުވި އެވެ. ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާ ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ ކަމުގައި ފައްޔަ ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ނުފޫޒުގަދަ މަގާމުގައި ހުންނެވުމަށް ފަހު ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ އެއްބައިވަންތަކަމާއި ބަދަހިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފަހު އެވެ.
އަދި މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް ޕާޓީގެ ބަދަހިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެމްޑީޕީ ދެބައި ދަ ޑިމޮކްރެޓްސް އުފެދުނު ނަމަވެސް އަލުން އެމްޑީޕީ އެއްކުރުމަށް އުންމީދު ގެއްލުވާނުލައްވާ މަސައްކަތް ކުރެއްވި ބޭފުޅަކީ ފައްޔާޒެވެ.
އެކަން ކުރީގެ ދެ ރައީސުންނާއި އެމްޑީޕީގެ އާންމު މެންބަރުން ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ