އީރާނުގެ ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގުތަކަށް އައި ބަދަލުތަކާ އެކު، އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޖެޓް ފިއުލްގެ އަގު %8.6 އިއްޔެ ބޮޑުކޮށްފި އެވެ.
މިއާ އެކު، ކިލޯލީޓަރެއްގެ އަގު ވަނީ 104,927 ރޫޕީސްއަށް އުފުލިފަ އެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް ދޫކުރާ 19 ކިލޯގެ ކައްކާ ގޭސް ފުޅިއެއްގެ އަގު %10.4 ބޮޑުވެ، މިހާރު ލިބެނީ 2,078.50 ރޫޕީސް އަށެވެ.
އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، މި އަގުތަކަށް ބަދަލު އައީ މެދުއިރުމަތީގެ ބާޒާރުގައި ހަކަތައިގެ އަގު %44 އުފުލުމާ ގުޅިގެންނެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގައި ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ކައްކާ ގޭހުގެ %20 އާއި %30އާ ދެމެދުގެ މިންވަރެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ނަމަވެސް، އާންމު ގޭބިސީތަކަށް މީގެ އަސަރު ކުޑަކުރުމުގެ ގޮތުން، ގޭގައި ބޭނުންކުރާ ކައްކާ ގޭހުގެ އަގު ބަދަލުނުކޮށް ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެއާލައިންތަކަށް ކުރިމަތިވާ ތާށިކަން ކުޑަކުރުމަށްޓަކައި، ޖެޓް ފިއުލްގެ އަގު ބޮޑުކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކައްކާ ގޭސް އެތެރެކުރާ އިންޑިއާއަށް މިހާރު ވަނީ ގޭހުގެ ތާށިކަމާ ކުރިމަތިލާން ޖެހިފަ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސިނާއީ މަސައްކަތްތަކަށް ދޫކުރާ ގޭހުގެ މިންވަރު މަދުކޮށް، އިތުރު ގައުމުތަކުން ގޭސް ހޯދުމަށާއި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ޖެޓް ފިއުލް އަދި ކައްކާ ގޭހުގެ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ