ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް އާންމުން ހޭލުންތެރިއެއް ނޫނެވެ.
ސަރުކާރެވެ! އިލެކްޝަންސް ކޮމިޝަނެވެ! ރައްޔިތުންގެ މަޖިލިހެވެ! މިހެން ގޮސް އަޅުގަނޑު އެހެން ބޭފުޅަކަށް ވެސް އެބަ ގޮވާލަމެވެ: އޭ، ބަންޑާރަނައިބު އަހުމަދު އުޝާމެވެ!
ގިނަ ދިވެހިން އެ ތިބީ ވާނުވާގަ އެވެ. އޭގެ މާނައަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ޕީއެންސީ އާއި އެ ގޮފިތަކާ ގުޅިފައި އޮތް އިލެކްޝަންސް ކޮމިޝަނާއި، މުޅި ދައުލަތުގެ ހައްގުގައި ވަކާލާތުކުރެއްވުމުގެ ޒިންމާއާ ހަވާލުވެ ހުންނެވި ބަންޑާރަނައިބުއަށް ހަމަ ވަރިހަމަ އެވެ. އެ ވަރިހަމައިގެ ފަހަތުގައި އެ އޮތީ، އަޅުގަނޑު އިއްޔެ ވެސް ބުނި ގޮތަށް، ނުބައިވެގެންވާ މަގުސަދުތަކަކާއި އަމިއްލަ އެދުމުގެ މަސްހުނިގަނޑެކެވެ.
ރޭ އަޅުގަނޑަށް ފޯނުކުރީ ޒުވާން އަންހެނެކެވެ. އަޅުގަނޑުގެ ފޭސްބުކް ޕޯސްޓްގައި އިއްޔެ ލިއުނު ލިއުމަކާ ގުޅިގެންނެވެ. އޭނާ ބުނީ 'މޫސާއޭ، އަސްލު މި ވޯޓުގައި ވާނުވާއެއް އަހަންނަކަށް ނޭނގެއޭ، މޫސަ ކިޔައިދީ ބަލާށޭ،" އެވެ.
ކައުންސިލް އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ލިޔަސް އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ. އެ ކެމްޕޭނުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އެންމެ 24 ގަޑިއިރުގެ ތެރޭގައި ގެނައި އިސްލާހާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބައްޓަންކޮށްފައި އޮތް އޮތުމަށް ބަލާއިރު އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިގެން ނުވާނެތީ، އެ ވޯޓަށް އަޅުގަނޑުގެ ނިންމުމެއް އެބަ އޮތެވެ: ދިވެހި ރައްޔިތުން އެއަށް 'ނޫނެކޭ' ބުނުމެވެ. ވޯޓުގައި 'ނޫނެކޭ' އޮތް ދިމާލުގައި ހިމެނޭ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހާލަދޭށެވެ.
ތައުލީމީ، ވިސްނުންތެރި، އިޖުތިމާއީ ހަރަކާތްތަކުގައި ވެސް އެހާމެ ބޮޑަށް ބައިވެރިވެގެން އުޅޭ އެ ޒުވާން އަންހެނާއަށް އަޅުގަނޑުގެ ވިސްނުން ކިޔައިދިނީމެވެ. އޭނާއަށް ފުރަތަމަ ވެސް ދިން ޖަވާބަކީ، ސަރުކާރުގެ މަގުސަދަކީ ވެސް ވީހާ ވެސް ގިނަ ބަޔަކަށް އެ ވޯޓުގެ ހަގީގަތް ނޭނގި، ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ގޮނޑިކޮއްކޮތައް (ބަންޑާރަނައިބު އުޝާމް ވެސް ހިމެނޭ ގޮތަށް) ބުނާ ބަސް ގަބޫލުކޮށް އަވަހަށް އޭގައި 'އާނއެކޭ' ޖަހާލުމެވެ.
އެ މަގުސަދު އޮތިއްޔާ ހިޔާލު ހޯދުމުގެ މި ވޯޓުގެ ހަގީގަތް އެނގޭ ދިވެހިން މަދުވާނެތާ އެވެ. ވީހާވެސް ގިނަ ދިވެހިން ބައިވެރިކޮށްގެން ނަގާ ވޯޓަކަށް ނުހަދައި، ވީހާވެސް މަދު ބަޔަކު ނެރެ، ސަރުކާރުގެ ފަޅި ކާމިޔާބުކުރަން ފަސޭހަވާނެތާ އެވެ.
އޭނާ ގާތު ބުނީ އެ ވާހަކަ އެވެ. ދެން އަޅުގަނޑު ބައެއް ސުވާލުތައް ކުރީމެވެ:
ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އެންމެ 24 ގަޑިއިރުގެ ތެރޭގައި ފާސްކުރުން ރަނގަޅު ހެއްޔެވެ؟ އޭނާ ބުނީ ނޫނެކޭ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމާ އިރު އެ ނިންމުމުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިކުރަން މަސައްކަތްކުރަން ޖެހޭނެ ހެއްޔެވެ؟ އޭނާ ބުނީ އާއެނކޭ އެވެ.
އެކަމަކު އެ ހޭލުންތެރިކަން އުފެއްދި ހެއްޔެވެ؟ އޭނާ ބުނީ ނޫނެކޭ އެވެ.
މިކަހަލަ ބޮޑު ކަމެއްގެ ވޯޓު ބޭއްވުން ރަނގަޅީ ވަކިން ހެއްޔެވެ؟ އޭނާ ބުނީ އާނއެކޭ އެވެ.
ދައުލަތުގެ ހަރަދާ މެދު ދިވެހިން ވިސްނާ ހެއްޔެވެ؟ އޭނާ ބުނީ "ކޮން ތާކު؟ އެއްގޮތަކަށް ވެސް ނުވިސްނާ" ކަމަށެވެ.
ހަރަދުގެ ވާހަކަ މި ގެންނަނީ ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ޓީމުން ތަކުރާރުކޮށް ދައްކަނީ އިންތިހާބުތައް ގިނައިން ބޭއްވުމުން ހަރަދު ބޮޑުވުމުގެ ސަބަބު ކަމަށް ވާތީ އެވެ. ހަގީގަތުގައި ދައުލަތުގެ ހަރަދާ މެދު ރައީސް މުއިއްޒު އާއި ސަރުކާރުން ވެސް ނުވިސްނަ އެވެ. އެހެންކަމުން ހަރަދުގެ ބައި އަންނަންވާނީ ރައްޔިތުންނަށް ވޯޓު ލާން ލިބޭ އެންމެ ބޮޑު ދެ އިންތިހާބު މަސްހުނިކުރަންވީމައެއް ނޫނެވެ.
އެކަމަކު މިހާރު ރައީސް މުއިއްޒު ދައްކަވަނީ ހަރަދުގެ ވާހަކައެއް ނޫނެވެ. ރޭ ވިދާޅުވީ ރިޔާސީ އިންތިހާބާ އެކު މަޖިލިހުގެ އިންތިހާބު ބާއްވާ ނަމަ ސަރުކާރުގެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވީމާ މިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް މި ހޮވެނީ ކާކު ކަމެއް ނޭނގޭ. ނޭނގޭ ހާލުގައި މަޖިލީހަށް ވެސް މެމްބަރުން ހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ގަޑިއެއްގައި،" ރައީސް ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއްގައި ވިއްޔާ ފްރީ އެންޑް ފެއާ އިލެކްޝަނެއް އޮންނަން ޖެހޭނެ. އެހެނެއް ނުވާނެ ނޫންތޯ. އެއް ފަރާތެއްގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުން، އަނެއް ފަރާތުގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުންނެއް ނޫން. އެ ހިސާބުން އެ ދިޔައީއެއް ނޫންތޯ އެކަން."
ހަމަ އެހެން ހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ 'ސުބްހާނަﷲ' އެވެ.
ރައީސްގެ އެ ވާހަކަފުޅު ރަނގަޅު ނަމަ، މިދިއަ އާންމު އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމުން ވެސް އެވަރުން ނުފުދި، އެހެން މެމްބަރުން ވެސް ޕީއެންސީގެ ހިޔަނީގެ ތެރެއަށް ވެއްދެވީ ކީއްކުރަން ހެއްޔެވެ؟
ރައްޔިތުން ގަބޫލުކުރާށެވެ! ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދާއިރު ސަރުކާރަކީ ރައީސް މުއިއްޒެވެ. ޕީއެންސީން ނުކުންނާނީ ސަރުކާރުގެ ކެންޑިޑޭޓުންނެވެ. ބާރު އޮންނާނީ ސަރުކާރުގަ އެވެ. ދެން ރައްޔިތުން ވިސްނަމާ ހިނގާށެވެ! ކައުންސިލް އިންތިހާބަށް ސަރުކާރުން މިހާރު އެ ފޯރުވާ ވަރުގަދަ ނުފޫޒެވެ. އެ ކުރާ ހޭދަ އެވެ. ރާއްޖޭގައި އޮތް ސަރުކާރުގެ ކުންފުންޏެއް ވިއްޔާ އެބަ ބައިވެރިކުރެ އެވެ. ކެމްޕޭންގެ ތެރޭގައި ކޮންމެވެސް ނަމެއްގައި، ކޮންމެވެސް އިވެންޓެއް، ކޮންމެ ދުވަހަކު، ކޮންމެ ރެއަކު، އެ އޮއް ބާއްވާ ނަގަނީ އެވެ.
އިއްޔެ އަޅުގަނޑު ލިއުނު ރިޕޯޓްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ސިފަކުރެއްވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ ކުރިއަށް އޮތް ދެ އިންތިހާބަށް 'ސަރުކާރު ބަންޑުން ޖަހާލާނެ' އެވެ. މާނައަކީ ވޯޓު ހޯދަން ދައުލަތުގެ ހުރިހާ ބާރަކާއި މުދަލަކާއި މުއްސަނދިކަމެއް 'ބަންޑުންކޮށްލާނެ' ވާހަކަ އެވެ.
ތެދެކެވެ. އިންތިހާބު ކާމިޔާބުކުރާނީ ކޮން ބައެއްކަމެއް، ނަތީޖާ އިއުލާންކުރުމުގެ ކުރިއަކުން، ނޭނގޭނެ އެވެ. އެކަމަކު އެ ބާއްވަނީ ޔަގީނުން ވެސް އިންސާފުވެރި އިންތިހާބެއް ނޫނެވެ. ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ލަސްކަރުގެ ވިސްނުމުގައި އޮންނާނީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ދެ އިންތިހާބު ކާމިޔާބުކުރެވޭ ކަމުގެ މަންޒަރެވެ. މާތްﷲގެ ރަހުމަތްފުޅުން އެހެން ނަތީޖާއެއް ނުކުތުމަކީ، ފޮރުވިފައި އޮތް ރޭވުންގަނޑު ރަނގަޅު ވުމެއް ނޫނެވެ.
ރޭ ފޯނުކުރި ޒުވާން އަންހެން ކުއްޖާއަށް މިހާރު ވިސްނެން ޖެހޭނެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސްގެ ބަސްމަގު ވެސް އެކި ފަހަރު އެކި ގޮތަށް އެދަނީ ބަދަލުވަމުންނެވެ. ނަމަވެސް ބަދަލުނުވާނެ ހަގީގަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައި ގޮތާއި ރައްޔިތުންގެ ބޮލުގައި އެކަން އަޅުވަން ކުރާ މަސައްކަތެވެ. އެންމެ މަދުން ވޯޓު ލާ އިންތިހާބުގެ ތެރެއަށް ހިޔާލު ހޯދުމުގެ ވޯޓު ލުމަކީ އެ މަސައްކަތް ނިންމާ ބަ އެވެ. ފުރަތަމަ ބަޔަކީ ޕީއެންސީއަށް ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ނެރެ، 24 ގަޑިއިރުގެ ތެރޭގައި އިސްލާހު ފާސްކޮށްލުމެވެ. އެއީ ބިލް ހުށައެޅުމާއި ކިޔުމާއި މަޝްވަރާކުރުމާއި ކޮމިޓީއަށް ހުށައަޅައި އިސްލާހުކުރުމާއި އަލުން ތަޅުމަށް ފޮނުވުމާއި ވޯޓު ނެގުމެވެ.
ރައްޔިތުންނަށް ކިހާ ތެދުވެރި ހެއްޔެވެ؟ ކިހާ އަމާނާތްތެރި ހެއްޔެވެ؟ ކިހާ ޑިމޮކްރެޓިކް ހެއްޔެވެ؟
ދިވެހި ރައްޔިތުންނަށް ބުނެލަން ބޭނުމެވެ. ކައުންސިލް އިންތިހާބުގައި މިވެނި ކެންޑިޑޭޓަކަށް ވޯޓުލާށެކޭ އަޅުގަނޑު، ހަމަ އެއްވެސް މީހެއް ކައިރީގައި، ނުބުނާ ނަމެވެ.
ނަމަވެސް ހިޔާލު ހޯދުމުގެ މި ވޯޓުގެ ކަރުދާސްކޮޅުގައި 'ނޫނެކޭ' ޖަހާފައި އޮތް ތަނުގައި ހިމެނޭ ކުޑަކުޑަ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހައިދޭން، ދިވެހި ރައްޔިތުންގެ ކިބައިން އެދެމެވެ.
މި ގޮތަށް މި އެދުނީ، ރާއްޖޭގައި އިސްލާހީ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ނޫސްވެރިކަމުގައި އުޅެ ލިބުނު އަދި ލިބެމުން އަންނަ ތަޖުރިބާތަކަށް ބިނާކޮށެވެ. އެއްވެސް އަމިއްލަ އެދުމެއް އޮވެގެންނެއް ނޫނެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެންނެއް ވެސް ނޫނެވެ.
މި ހިތުގައި އޮތީ ގައުމަށް ހެޔޮ ގޮތްވުމުގެ އެދުމެވެ. ހެޔޮ މަގަށް ކަންކަން ގެންދިއުމުގެ ނިޔަތެވެ.
މި އިސްލާހަށް ރައްޔިތުން ބުނަން ޖެހޭނީ ސީދާ 'ނޫނެކޭ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ